- އިސްލާމިކް ޖިހާދާއި އިސްރާއީލުންވެސް ދޫދޭކަށް ތައްޔާރެއްނޫން!
އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޣައްޒާއަށް ބޮންއެޅުން ހުއްޓާނުލާހާ ހިނދަކު، އިސްރާއީލަށް ރޮކެޓް ހަމަލާތައް ދިނުން ހުއްޓާނުލާ ކުރިއަށް ގެންދާނޭ ކަމަށް، ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދު ޖަމާއަތުން ވައުދުވެއްޖެއެވެ.
އިސްލާމިކް ޖިހާދުން މިހެންބުނީ، ދެފަރާތުގެ ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން މިސްރު މެދުވެރިވެގެން މަސައްކަތްތަކެއް ކުރަމުން ގެންދާ ވަގުތެއްގައެވެ.
އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްލާމިކް ޖިހާދު ޖަމާއަތުގެ ވެރިން އަވަހާރަކޮށްލުމުގެ އޮޕަރޭޝަންތަކާއި، ޣައްޒާގެ އާންމުންގެ ގެތަކާއި، އެޕާޓްމަންޓްތަކަށް ބޮންއެޅުން އިސްރާއީލުން ހުއްޓާނުލާހާ ހިނދަކު ރޮކެޓް ހަމަލާތައް ހުއްޓާނުލާނޭ ކަމަށެވެ.
މިސްރު މެދުވެރިގެން ފެށި މަސައްކަތުގައިވެސް އިސްލާމިކް ޖިހާދުން ހުށަހެޅި ޝަރުތުތަކަކީ މިއެވެ.
ނަމަވެސް، އިސްލާމިކް ޖިހާދުގެ ވެރިން އަވަހާރަކޮށްލުމުގެ އޮޕަރޭޝަން ހުއްޓާލުގެ ނުކުތާއަށް އިސްރާއީލުން އެއްބަސް ނުވުމުގެ ސަބަބުން، މިސްރުގެ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ.
އިސްލާމިކް ޖިހާދުގެ ބަޔާނުގައި ބުނެފައިވަނީ، ރޮކެޓް ހަމަލާތައް ދިނުން ހުއްޓާނުލައި ކުރިއަށް ގެންދާނޭ ކަމަށާއި، ރައްދު ހަމަލާތައް ދިނުން އެތައް މަހަކަށް ކުރިއަށް ގެންދެވޭ ވަރަށް ތައްޔާރުވެފައި ވާކަމަށެވެ. އެވަރަށް ހަތިޔާރު އެބަހުރި ކަމަށެވެ.
އިސްލާމިކް ޖިހާދުން، ޣައްޒާ ކައިރީގައިވާ އިސްރާއީލުގެ އަވަށްތަކަށް ރޮކެޓްގެ ވާރޭ އޮއްސަމުން ދިއުމުގެ ސަބަބުން، އެ އަވަށްތަކުން ނުރައްކަލުގެ ރަނގަބީލުގެ އަޑު މެދުނުކެނޑޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ރަނގަބީލުގެ އަޑާއެކު އެންމެން ޖެހެނީ ބިންގަރާސްތަކަށް ވަދެ ހިމަޔާތް ހޯދާށެވެ.
އިސްލާމިކް ޖިހާދުގެ ރޮކެޓް ހަމަލާތަކުގައި މިހާތަނަށް އިސްރާއީލުގެ އެކަކު މަރުވެފައިވާކަން ކަށަވަރުވެފައި ވާއިރު، ރޮކެޓް ހަމަލާތަކުގައި ލިބޭ ގެއްލުންތައް އިސްރާއީލުން ހާމައެއް ނުކުރެއެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް 33 މީހުން ޝަހީދުވެފައިވާއިރު، ޝަހީދުވި މީހުންގެ ތެރޭގައި 6 ކުޑަކުދިންނާއި، 3 އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ.
މިއަދުވެސް، ޣައްޒާގެ އެކި ސިޓީތަކުގެ ގެތަކަށް ބޮންއެޅުމުގެ ސަބަބުން ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ އެތައްބަޔަކު ޒަޚަމްވެފައި ވެއެވެ.
ވޭތުވެދިޔަ 5 ދުވަހުގެ ތެރޭގައި އިސްރާއީލު ސިފައިން ބޮންއަޅައި ޣައްޒާގެ 15 ގެއެއް ބިމާހަމަކޮށްލާފައި ވާއިރު، 51 ހައުސިން ޔުނިޓް އެއްކޮށް ހަލާކުވެފައިވާއިރު، 940 ހައުސިން ޔުނިޓަށް ގެއްލުން ލިބިފައި ވެއެވެ.
ޣައްޒާގެ މިނިސްޓްރީ އޮފް ސޯޝަލް ޑިވެލޮޕްމަންޓުން ބުނެފައިވަނީ، ގެދޮރަށް ބޮންއެޅުމުގެ ސަބަބުން ޣައްޒާގެ 800 އާ ގާތްކުރާ އަދަދަކަށް މީހުން މަގުމަތިވެފައިވާ ކަމަށެވެ.
އިސްރާއީލުގެ އުދުވާނީ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ މެދުތެރޭގައި ހުންނަ ހޮސްޕިޓަލަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ. އެތައް ނަރުހަކު ޒަޚަމްވެފައި ވެއެވެ.
ޣައްޒާއަށް ބޮންއެޅުން ހުއްޓާނުލާ ކުރިއަށް ގެންދާއިރު، ހުޅަނގު އައްސޭރީގެ ރަށްތައް ރެއިޑްކޮށް ލާއިންސާނީ ޖަރީމާތައް ހިންގުންވެސް އިސްރާއީލުން ކުރިއަށް ގެންދެއެވެ. އެގޮތުން، މިއަދުވެސް ނާބުލުސްގެ ބަލާތާ ރެފިއުޖީ ކޭމްޕްގައި ބަޑިޖަހައި 2 ޒުވާނުން ޝަހީދުކޮށްލާފައި ވެއެވެ.
މިކަމާހެދި، ފަލަސްތީނުގެ ބޮޑުވަޒީރު މުހަންމަދު ޝްތައްޔާ މިއަދުވަނީ، ޣައްޒާއާއި، ހުޅަނގު އައްސޭރީގައި އިސްތިއުމާރީ އިސްރާއީލުން ހިންގާ ޖަރީމާތައް ވަގުތުން ހުއްޓުވައި ދިނުމަށް އދއަށް ގޮވާލައްވާފައެވެ.
އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކާހެދި އިސްރާއީލާ ދެކޮޅަށް ފާސްކޮށްފައިވާ ބައިނަލްއަގްވާމީ ގާނޫނުތައް ވަގުތުން ތަންފީޒުކުރަން ފެށުމަށްވެސް ފަލަސްތީނުގެ ބޮޑުވަޒީރު، އދއަށާއި، ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވާފައި ވެއެވެ.