އިންޑިއާގެ މުހިންމު ސްޓޭޓެއް ކަމަށްވާ ކަރްނާޓަކާގައި ވެރިކަން ކުރަމުންދިޔަ ބީޖޭޕީ ބަލިކޮށް، އެ ސްޓޭޓްގެ ވެރިކަން އިދިކޮޅު ކޮންގްރެސް ޕާޓީ ކާމިޔާބުކޮށްފިއެވެ.
ކަރްނާޓަކާގައި ބޭއްވި އެތެރޭގެ އިންތިޚާބުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ނަތީޖާ ސާފުކުރިއިރު، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ ބަލިކޮށް ކޮންގްރެސް ވަނީ އެ ސްޓޭޓްގެ ވެރިކަން ކާމިޔާބު ކޮށްފައެވެ.
224 ގޮނޑި ހިމެނޭ ސްޓޭޓް އެސެމްބްލީގެ އިންތިޚާބުގައި މިހާތަނަށް ހާމަވި ނަތީޖާއިން ކޮންގްރެސްވަނީ 114 ގޮނޑި ކަށަވަރު ކޮށްފައެވެ. މިއީ، މެޖޯރިޓީއަށް ފުދޭ މިންވަރެކެވެ.
އިތުރު 22 ގޮނޑީގެ ވޯޓުގައިވެސް މިހާތަނަށް ކުރީގައި އުޅެނީ ކޮންގްރެސް ޕާޓީކަމުން، އެ ގޮނޑިތައް ކޮންގްރެސްއަށް ލިބިއްޖެނަމަ އިތުރަށް ބާރުގަދަ ވެގެންދާނެއެވެ.
ކަރްނާޓަކާއަކީ އިންޑިއާގެ ދެކުނުގެ ސްޓޭޓްތަކުގެ ތެރެއިން ބީޖޭޕީން ވެރިކަން ކުރަމުންދާ ހަމައެކަނި ސްޓޭޓެވެ.
ކަރްނާޓަކާއަކީ 60 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ސްޓޭޓެކެވެ. މިއީ، މުޅި އިނގިރޭސިވިލާތުގެ އާބާދީއާ އެއްވަރުގެ އަދަދެކެވެ.
ކަރްނާޓަކާގެ ވެރިރަށް ބެންގަލޫރަކީ އިންޑިއާގެ ޓެކް ހަބެވެ.
ކަރްނާޓަކާއަކީ، ފާއިތުވެދިޔަ ހަމަސްތެރޭ ބީޖޭޕީއަށް ވެރިކަން ގެއްލުނު ދެވަނަ ސްޓޭޓެވެ.
މިދިޔަ ޑިސެމްބަރުމަހު އުތުރުގެ ހިމަޗަލް ސްޓޭޓް އިންތިޚާބުގައިވެސް ކޮންގްރެސް ޕާޓީވަނީ ބީޖޭޕީ ބަލިކޮށް ސްޓޭޓްގެ ވެރިކަން ކާމިޔާބު ކޮށްފައެވެ.
ކަރްނާޓަކާގެ ވެރިކަން ގެއްލުމާއި، ކުރީގައި ބޭއްވި އިންތިޚާބުތަކުން ނުކުތް ނަތީޖާތަކުގެ ސަބަބުން، އިދިކޮޅު ޕާޓީތަކަށް ވަރަށްބޮޑު އުންމީދަކާއި ހިތްވަރެއް ލިބިގެންދާ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ސަބަބަކީ، އިންޑިއާގައި އަންނަ އަހަރު އާންމު އިންތިޚާބު ބާއްވަން ތައްޔާރުވަމުން ދިއުމާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމުގެ ތިންވަނަ ދައުރަކަށް ކުރައްވާ އުންމީދަށް ފަނޑުކަން އަންނަމުންދާތީއެވެ.
ކަރްނަޓަކާ ސްޓޭޓް މޯދީގެ ބީޖޭޕީއަށް މި ގެއްލުނީ، އެ ސްޓޭޓްގެ ސަޕޯޓް ވަރުގަދަކުރަން މައި ސަރުކާރުން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށެވެ.
ކަރްނާޓަކާއަކީ ބައިގިނަ ހިންދޫންނާއި ބައިމަދު މުސްލިމުންނާ ދެކޮޅަށް އެންމެ ވަރުގަދަ ދެކޮޅުވެރިކަމެއް ހިނގާ ސްޓޭޓްވެސް މެއެވެ.
ހިންދޫންގެ އަނިޔާވެރިކަމުގައި އެތައް މުސްލިމުންގެ ފުރާނަ ގެއްލިފައި ވެއެވެ. މުސްލިމުންގެ ގެދޮރާއި، މިސްކިތްތައް ހަލާކުކުރުމަކީ އާންމު ކަމަކަށް ހަދާފައި ވެއެވެ.
މުސްލިމް އަންހެންކުދިން ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކުރި ކުރުމަކީވެސް ހިންދޫންގެ ސަޕޯޓް ހޯދަން ބީޖޭޕީން ކުރި ކަމެކެވެ.
އެހެންވެ، އިންތިޚާބުން ބީޖޭޕީ ބަލިވުމުން އެންމެ ބޮޑަށް އުފާފާޅުކުރަމުންދާ އެއްބަޔަކީ ކަރްނާޓަކާގެ މުސްލިމުންނެވެ.