ބ. އަތޮޅު ކައުންސިލުން އެ ރަށު ރައްޔިތުންނަށް ހާއްސަކޮށްގެން ބާއްވާ "ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2023" ގެ ފިރިހެން ޑިވިޝަނުގައި މާޅޮހުން ގޮއިދޫގެ މައްޗަށް ކުރިހޯދިއިރު ވާދަވެރި ކުޅުމަކަށްފަހު އޭދަފުށިން ހިތާދޫގެ މައްޗަށް ކުރިހޯދައިފިއެވެ.

ދަރަވަންދޫ ފުޓްސަލް ދަނޑުގައި ގޮއިދޫއިން މާޅޮސް ބަލިކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ގޮއިދޫގެ ކުޅުންތެރިން އެޓޭކިންގް މޮޅު ގޭމަކާއެކު މެޗު ފެށިއިރު، މުޅި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ.

ގޮއިދޫއާއި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

ފުރަތަމަ ހާފުގެ ބޮޑުބައެއްގައި ދެ ޓީމުން ވެސް ގިނަ ހަމަލާތަކެއް އުފައްދައި ލަނޑެއް ޖެހޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް މި ހާފުގައި ލަނޑެއް ޖެހިފައިވަނީ މާޅޮހަށެވެ. އެއީ ހާފު ނިމެން 15 ސިކުންތައްވެފައި ވަނިކޮށެވެ. ލިބުނު ހިލޭ ޖެހުމަކުން، ދުރު ޕެނަލްޓީ ސްޕޮޓާ ހަމައިން ކަހަލަ ގޮތަކަށް ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި މުހައްމަދު ނާއިލް އެވެ.

ލީޑުގައި އޮވެ މާޅޮހުން ދެވަނަ ހާފު ފެށީ ލީޑު ފުޅާކޮށް މެޗު ކާމިޔާބުކުރުމުގެ ވަރުގަދަ އަޒުމެއްގައެވެ. ނަތީޖާއެއްގެ ގޮތުން މި ހާފު ފަށައިގެން ދެ މިނެޓުގެ ތެރޭގައި އެ ޓީމުން އިތުރު ލަނޑެއް ކާމިޔާބުކުރިއެވެ. ޓީމެއްގެ ގޮތުގައި ކުޅެ، ގިނަ ޕާސްތަކެއް ކޮށް ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްގެން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް ވިއާމެވެ.

ގޮއިދޫއާއި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

އުއްމީދު ގެއްލުވާނުލައި ގޮއިދޫއިން މާޅޮހާ ދެކޮޅަށް ރަނގަޅު ފައިޓެއް ދިންއިރު، މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީ ޓީމަށް ފަރަގު ކުޑަކޮށްދިނީ އިބްރާހިމް މާޖިދުއެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޅޮހުގެ ނާއިލްއެވެ.

މީގެއިތުރުން، މުބާރާތުގައި މިރޭ ކުޅުނު ދެވަނަ މެޗުގައި، އޭދަފުށިން ވަނީ ވާދަވެރި ކުޅުމަކަށްފަހު ހިތާދޫގެ މައްޗަށް އުނދަގޫ މޮޅެއް ހޯދާފައެވެ. މި މެޗުގައި ފުޓްސަލްގައި ނަން މަޝްހޫރު ބައެއް ކުޅުންތެރިން ދެ ޓީމުން ވެސް ފެނިގެންދިޔައެވެ.

އޭދަފުއްޓާއި ހިތާދޫ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

އެގޮތުން އޭދަފުށީ ޓީމުގެ އިޝާން އިބްރާޙީމް (ސައްޓު) އަކީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަނެކެވެ. ހިތާދޫ ޓީމުގެ ހުޒައިފަތު ރަޝީދު (ހުޒޭ) އާއި ރިމާހް އަހްމަދަކީ ވެސް ފުޓްސަލްގައި ފާހަގަކޮށްލެވޭ ނަން ތަކެކެވެ. ރިމާހް އަކީ މިދިޔަ އަހަރު ބޭއްވި ވީމީޑިއާ އިންވިޓޭޝަނަލް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ކިންގް އޮފް ދަ ޓޯނަމަންޓް އެވޯޑު ހާސިލްކުރި ކުޅުންތެރިޔާއެވެ.

ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި، ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ހިތާދޫއިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ދެވަނަ މިނެޓުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ ސާޖިދު ރަޝީދެވެ. އޭގެ ދެ މިނެޓުފަހުން އޭދަފުށިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި އެ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު ޝަހީ މޫސާއެވެ.

އޭދަފުށިން ވަނީ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއްޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގާފައެވެ. ހާފުގެ ކުޅުން ހަމަވާން ފަސް މިނެޓަށްވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ނަސީމްއެވެ.

އޭދަފުއްޓާއި ހިތާދޫ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

މި ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެ ޓީމުން ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ހިތާދޫގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން ސާޖިދު ފޮނުވާލި ބާރު ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށްވެސް އަމާޒުވެފައެވެ.

ލީޑުގައި އޮވެ އޭދަފުށިން ދެވަނަ ހާފާ ކުރިމަތިލިއިރު، މި ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ އަވަސް، ވާދަވެރި ކުޅުމެކެވެ.

ވެހެމުންދިޔަ ވިއްސާރައާއެކު ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ގޮންޖެހުންތަކަކާ ކުރިމަތިވި ނަމަވެސް، ރަނގަޅު އެޓޭކުތަކެއް ކޮށް، ނުރައްކާތެރި ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައިވެއެވެ. މި މަސައްކަތުގައި ހިތާދޫއިން ވަނީ މި ހާފުގެ ނުވަވަނަ މިނެޓުގެ ތެރޭގައި ކާމިޔާބީ ހޯދާފައެވެ. އޭދަފުއްޓަށް ލިބިފައި އޮތް ލީޑު ގެއްލުވާލައި، މެޗުގެ ނަތީޖާ ހިތާދޫއަށް ހަމަހަމަ ކޮށްދިނީ ހުޒެއިފަތު ރަޝީދު (ހުޒޭ) އެވެ.

ހަމަހަމަ ނަތީޖާއެއްގައި ދެ ޓީމު ކުޅެމުންދަނިކޮށް ދެވަނަ ފަހަރަށް އޭދަފުއްޓަށް ލީޑުނަގައިދިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީ، މެޗުން އެ ޓީމު މޮޅުކޮށްދިނީ، އެ ޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަލީ ނަސީމްއެވެ.

އޭދަފުށިން ކާމިޔާބުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތާދޫގެ ހުޒެއިފަތު އެވެ.

މިރޭގެ މެޗުތަކާއެކު ފިރިހެން ޑިވިޝަނުގެ ގްރޫޕް ބީގެ ހުރިހާ ޓީމެއް ވެސް މިވަނީ އެއްމެޗު ކުޅެފައެވެ. މުބާރާތުގައި އާދިއްތަ ދުވަހު ވެސް ފިރިހެން ޑިވިޝަނުގެ ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކަމަދޫއާއި ކިހާދޫއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މިރޭގެ މެޗުތަކުން މޮޅުވި އޭދަފުއްޓާއި މާޅޮހެވެ.

މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް އިސްލާމިކް ބެންކް، މަންޓާ އެއާ، ދިރާގު އަދި ވީމީޑިއާއެވެ.

މުބާރާތުގެ ދެ ޑިވިޝަނުގެ ހުރިހާ މެޗެއްގެ އަދާހަމަ ވީމީޑިއާގެ "ވީނިއުސް" އިން ގެނެސްދޭނެއެވެ. އަދި މުބާރާތުގެ ފައިނަލް މެޗުތައް "ވީޓީވީ"އިން ވަގުތުން ދުރަށް ދައްކާނެއެވެ.