މި ހިނގާ މެއިމަހުގެ ނުވަވަނަ ދުވަހު، އިސްރާއީލުގެ ނިރުބަވެރި ސަލާމަތީ ބާރުތަކުން ޣައްޒާއަށް ދޭންފެށި އުދުވާނީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

މިއާއެކު ފަލަސްތީނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާއަތްތަކުން ވެސް ވަނީ އިސްރާއީލަށް ހަމަލާތައް ދިނުން މެދުކަނޑާލާފައެވެ.

ހަމަލާތައް ހުއްޓާލީ މިސްރު މެދުވެރިއަކަށް ވެގެން ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތަކަށްފަހުގައެވެ.

ހަމަލާ ބަދަލުކުރުން މަޑުޖައްސާލި ނަމަވެސް އިސްރާއީލާއި ޣައްޒާއާ ގުޅޭ ބޯޑަރު ކައިރީ އޮތް އިސްރާއީލްގެ އަވަށްތަކުގެ މީހުން ބިންގަރާސްތަކުގައި ތިބުމަށާއި ސްކޫލްތަކާއި އޮފީސްތައް ވެސް އާދީއްތަ ދުވަހު ނުހުޅުވުމަށް އިސްރާއީލްގެ ސަރުކާރުން ވަނީ އަންގާފައެވެ. މީގެ އިތުރުން ދިހަ މީހުންނަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއްނުވާން ވެސް އިސްރާއީލް ސަރުކާރުން ވަނީ އަންގާފައެވެ.

އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން މި ފާއިތުވި ފަސް ވަރަކަށް ދުވަހުގެ ތެރޭގައި، ޣައްޒާގެ އާންމުންގެ ގެތަކަށާއި، އެޕާޓްމަންޓް އިމާރާތްތަކަށާއި، އަދި އާންމު މައިދާންތަކަށް ވެސް ބޮމާއި މިސައިލުން ހަމަލާދީފައެވެ. އަދި އޭރު އިސްރާއީލުގެ އުދުވާން ހުއްޓާނުލާތީ، ޣައްޒާގެ މުޖާހިދުންގެ ޖަމާއަތްތަކުން ވެސް ގެންދިޔައީ ރައްދުގައި ދޭތެރެ ދޭތެރެއިން ޣައްޒާ ވަށައިގެން ހުރި އިސްރާއީލުގެ އަވަށްތަކަށް ރޮކެޓް ހަމަލާތައް ފޮނުވަމުންނެވެ.

އިސްރާއީލުން މެދުނުކެނޑި ޣައްޒާއަށް މިސައިލާއި ބޮމުން ހަމަލާތައް ދެމުންގެންދާއިރު، އިސްރާއީލުގެ ޖަރީމާތަކާއި، ކަތިލުންތައް ހުއްޓުވަން ދުނިޔެއިން މާބޮޑުކަމެއް ނުކުރެއެވެ. ކަންބޮޑުވާ ކަމަށް ބުނެ ބަޔާންތައް ނެރިލަ ނެރިލަ ތިބީއެވެ.

މި މަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދޭންފެށި އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 33 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.

ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ ތެރޭގައި 6 ކުޑަކުދިންނާއި، 3 އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންވެސް ހިމެނޭ ކަމަށް، ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.