ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން، އދ. ފެންފުށި ޕްރީސްކޫލު މަރާމާތުކޮށް ތަރައްގީކޮށްފިއެވެ.
މި ޕްރޮޖެކްޓް ކުރިޔަށް ގެންގޮސްފައިވަނީ ފެންފުށީގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ފެންފުށި ޒުވާނުންގެ ދިރުމުގެ ފަރާތުންނެވެ. މި ޕާކު މިހާރު ވަނީ ޕްރީސްކޫލު ކުދިންނަށާއި އާންމުންނަށް ހުޅުވާލާފައެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން ފެންފުށި ޒުވާނުންގެ ދިރުމުގެ ފަރާތުން ޖަމިއްޔާގެ ރައީސް އަހުމަދު އަބްދުލް މުހުސިން ވަނީ މީގެކުރިން އެ ރަށުގައި ކުޑަކުދިންގެ ޕާކެއް ނުހުންނަކަން ފާހަގަކޮށްފައެވެ. އެހެންކަމުން މި ޕްރޮޖެކްތުގެ ދަށުން އެ ޖަމިއްޔާގެ އެންމެ ބޮޑު މަގުސަދަކަށްވީ މި ޕާކު ތަރައްގީކޮށް، ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށް މުހުސިން ބުންޏެވެ.
އެ ޖަމިއްޔާގެ ފަރާތުން ރައްޔިތުންނަށް މިވަރުގެ ހިދުމަތެއް ކޮށްދެވުނީތީ އުފާކުރާ ކަމަށާއި މި ފުރުސަތުގައި ބީއެމްއެލްއިން މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރަމުންދާ މިފަދަ މަސައްކަތްތަކަށް ޝުކުރުއަދާކުރާކަމަށް އޭނާ ބުންޏެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.