ދިވެހިރާއްޖެއާއި އިންޑިއާ އަދި ސްރީ ލަންކާގައި ވިއްކުމަށް އަމާޒުކޮށްގެން އެތެރެކުރަން އުޅުނު 2500 ކިލޯގްރާމް ނުވަތަ 2.5 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަނޑުގެ މަގުން އެތެރެކުރަން މަސައްކަތްކުރި މި މަސްތުވާތަކެތި އުފުލި ބޯޓަކީ، އަފްޤާނިސްތާނުގައި އުފައްދާފައިވާ މަސްތުވާތަކެތި އުފުލާ ބޯޓެއް ކަމަށްވެއެވެ. މި ބޯޓު އަތުލައިގެންފައިވަނީ އިންޑިއާގެ ކަނޑުގެ ސަރަހައްދުން، ކެރެލާގެ އައްސޭރި ކައިރިންނެވެ. މި ބޯޓުގައި ހުރީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މެތަމްޕެޓަމައިން (މެތު) އެވެ.

މެތަކީ، އެ ބޭނުންކުރުމުގެ ސަބަބުން ސިއްހީ އަދި ނަފްސާނީ ގިނަ މައްސަލަތަކެއް ކުރިމަތިކުރުވާ މަސްތުވާތަކެތީގެ ބާވަތެކެވެ. އެގޮތުން ޑިޕްރެޝަން، ލިވަރ އަށް ކުރިމަތިވާ މައްސަލަތައް، ފުއްޕާމޭގެ ބަލިތަކާއި ކިޑްނީގެ ބަލިތައް އަދި މީގެއިތުރުން ހާޓް އެޓޭކާއި ސްޓްރޯކް ފަދަ އެތައް ނުރައްކަލެއް މި ބާވަތުގެ މަސްތުވާތަކެތިން ކުރިމަތިކުރުވައެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ބޯޓް ހިފެހެއްޓީ މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވަން އިންޑިއާގެ ކަނޑުގެ ސިފައިންނާއި އެންސީބީ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލައިގައި އެ ބޯޓުން ދަތުރުކުރި ޕާކިސްތާނު މީހަކު ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މިއީ އެންމެ ގިނަ އަދަދެއްގެ މެތު އަތުލައިގަތްކަން ހާމަކޮށް އެންސީބީން ބުނީ، އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު، 12،000 އިންޑިއަން ކްރޯ އަށް އަރައެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ މި ތަކެތީގެ ޖުމްލަ އަގު ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައެވެ.

އެންސީބީން ބުނާ ގޮތުގައި މި ބޯޓަކީ، އިންޑިއާއާއި ދިވެހިރާއްޖޭގެ އިތުރުން ސްރީ ލަންކާއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކުމުގެ މަގްސަދުގައި އެ ތަކެއްޗާއެކު ދަތުރުކުރި ބޯޓެކެވެ.