އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ގާސިމް އިބްރާހިމްގެ ކެމްޕެއިން މެނޭޖަރަކަށް އެމަނިކުފާނުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ހަމަޖައްސަވައިފިއެވެ.
މިކަން ހާމަކޮށް ޖުމްހޫރީ ޕާޓީގެ ކައުންސިލް ގްރޫޕަށް ލީޑަރު ގާސިމް އިބްރާހިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖެ ބައިތަކަކަށް ބަހާލައިގެން ކެމްޕެއިންގެ އެންމެހާ ކަންކަން ޕާޓީގެ ސެކްރެޓޭރިއަޓާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ދެކުނުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ އިލްހާމެވެ. އިލްހާމްއާ ހަވާލު ކުރެވިފައިވާ އަތޮޅުތަކަކީ ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީއެވެ. އަދި މާލޭގެ ދެބައިކުޅަ އެއްބައި އިލްހާމްއާ ވަނީ ހަވާލު ކުރައްވައިފައެވެ.
ލީޑަރު ގާސިމް އިބްރާހީމާއި ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އިލްހާމް މީގެކުރިން ވަނީ ރައްޔިތުންގެ މަޖިލިހުގެ ގެމަނަފުށީ ދާއިރާގެ މަޖިލިސް މެންބަރު ކަމާއި، ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރުކަންވެސް ކުރައްވައިފައެވެ. ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސްކަން ވެސް ކުރައްވާފައިވާ އިލްހާމް ވަނީ ޑީއާރްޕީގެ ޑެޕިޔުޓީ ލީޑަރު ކަމާއި، ޕީޕީމްގެ ޑެޕިޔުޓީ ލީޑަރުކަމާއި، ޖުމްހޫރީ ޕާޓީގެ ޑެޕިޔުޓީ ލީޑަރު ކަމުގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ ޖޮއިންޓް ޕީޖީގެ ޑެޕިއުޓީ ލީޑަރު ކަމާއި އޮނަރަބަލް ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަން ވެސް ކުރައްވާފައެވެ.
ރާއްޖޭގެ އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ހަމަޖައްސާފައިވާ އަމީންއާ ހަވާލު ކުރެވިފައިވާ އަތޮޅުތަކަކީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން މާލޭގެ ދެ ބައިކުޅަ އެއްބައެވެ.
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ކަން ކުރެއްވި އަމީންއަކީ ފެށުނީއްސުރެ ޖުމްހޫރީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ.
ކައުންސިލް ގްރޫޕަށް ފޮނުއްވި މެސެޖްގައި ގާސިމް ވިދާޅުވި ގޮތުގައި ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމާއި ކެމްޕެއިން ލޯންޗިން އިވެންޓާ ގުޅޭ ހުރިހާ ކަމެއް ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ކުރިއަށް ގެންދަވާނީ އިލްހާމާއި އަމީނެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނު ބަހާލައިގެން ބާއްވާ ހަރަކާތްތަކުގެ އެންމެހާ ކަންކަން ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ހިންގާނީވެސް އިލްހާމް އާއި އަމީން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އެހެންކަމުން މި މަސައްކަތްތައް ކުރުމަށް އެމަނިކުފާނު ހަމަޖައްސާފައިވާ ބޭފުޅުންގެ މަސައްކަތަށް ބޭނުންފުޅު ވާނެ އެންމެހާ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ޕާޓީގެ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުންނާއި އަދި ޕާޓީގެ ކޮމިޓީތަކުގެ ހުރިހާ ބޭފުޅުންގެ އަރިހުން އެބޭފުޅަކު ނިސްބަތްވާ އަތޮޅެއް ހިމެނޭ ޓީމްއަކާ ގުޅިގެން ވީހާވެސް ބާރު ސްޕީޑްއެއްގައި އެއް ރޫހެއްގައި އެންމެން ގުޅިގެން މަސައްކަތްކޮށް ދެއްވުމަށް އޮނަރަބަލް ގާސިމް އިބްރާހިމްވަނީ އެދިލައްވާފައެވެ.