ތައިލެންޑްގައި މިއަދު ބޭއްވި އާންމު އިންތިޚާބުގެ ވޯޓު ގުނަން ފަށައިފިއެވެ.
އާންމު އިންތިޚާބުގައި ވޯޓުލާފައި މިވަނީ، ވަރަށް ވާދަވެރި ކެމްޕެއިނަކަށް ފަހުގައެވެ.
މިއިންތިޚާބުގައި، ޑިމޮކްރަސީއަށް މަސައްކަތްކުރާ އިދިކޮޅު ޕާޓީތަކުން ބޮޑު ކާމިޔާބީއެއް ހޯދާނޭ ކަމަށް ބެލެވިފައިވާއިރު، އަސްކަރީންގެ ތާއީދުއޮތް މިހާރުގެ ސަރުކާރުގެ ބޮޑުވަޒީރު ޕްރަޔުތު ޗަން އޮ ޗާ، އިންތިޚާބުން ބަލިވެވަޑައި ގަންނަވާނެ ކަމަށްވެސް ބެލެވިފައި ވެއެވެ.
އަސްކަރީ އިންގިލާބަކަށްފަހު ވެރިކަމަށް ވަޑައިގެންނެވި ކުރީގެ އަސްކަރީ ޖެނެރަލް ޕްރަޔުތު ޗަން އޮ ޗާ، ތައިލެންޑްގެ ބޮޑުވަޒީރުކަން ކުރައްވާތާ ގާތްގަނޑަކަށް ދިހައަހަރުވަނީއެވެ.
ވޯޓުގެކުރިން ނެގި ޚިޔާލު ހޯދުންތަކުން ދައްކާފައިވަނީ ޕްރަޔުތު، ބޮޑު ތަފާތަކުން ބަލިވެވަޑައި ގަންނަވާނެ ކަމަށެވެ.
ޕްރަޔުތު ބަލިކުރަން ނުކުމެއޮތް އެންމެބޮޑު އިދިކޮޅު ޕާޓީއަކީ، ތައިލެންޑްގެ މަހުޖަނު އަދި ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރަގެ ދަރިކަނބަލުން އިސްވެ ހުންނެވި ފިއު ތައި ޕާޓީއެވެ.
ވޯޓުލުމުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށާއި، ވޯޓުލުން ކުރިއަށް ގޮސްފައިވަނީ ވަރަށް އޮމާންކަމާ އެކުގައި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާތައް ހާމަކުރަން ފަށާނީ މިރޭގެ ވަގުތެއްގައެވެ.
އެހެން ނަމަވެސް، ޕާޓީތަކަށް ގޮނޑި ލިބުނުގޮތް މުޅީން ކަށަވަރުވާން އެތައް ހަފްތާތަކެއް ނަގާނެކަމަށް ވެއެވެ.
ތައިލެންޑްގެ ޕާލަމެންޓަށް 500 މެމްބަރުން އިންތިޚާބު ކުރެވޭނެއެވެ.
އައު ބޮޑުވަޒީރަކު ކަނޑައަޅަނީ ޕާލަމެންޓުގެ އިންތިޚާބީ 500 މެމްބަރުންނާއި، ޕްރަޔުތުގެ ސަރުކާރުން ސެނޭޓަށް އައްޔަންކުރާ 250 މެމްބަރުންނެވެ.
ސެނޭޓަށް 250 މެމްބަރުން އައްޔަން ކުރުމުގެ ބާރު ސަރުކާރަށް ލިބެނީ، އަސްކަރީ އިންގިލާބަށްފަހު، ޕްރަތުގެ ސަރުކާރުން 2017 ވަނަ އަހަރު ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ ދަށުންނެވެ. 2019 ވަނަ އަހަރުގެ އިންތިޚާބަށްފަހު، ޕްރަޔުތު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީވެސް ސެނޭޓަށް އައްޔަންކުރި މެމްބަރުންގެ ތާއީދާ އެކުގައެވެ.
އިންތިޚާބުތައް ބާއްވައި، ރައްޔިތުންނަށް ވޯޓުލާން ފުރުސަތު ލިބުނު ނަމަވެސް، އަސްކަރީ ބަޣާވާތް ކުރުމާއި، ކޯޓުން ނަތީޖާ ކަނޑައެޅުމަކީ ތައިލެންޑްގައި އާންމު ކަމެކެވެ.
މިފަހަރުވެސް އަސްކަރީން ވެރިކަމުގެ މައްޗަށް ބާރު ފޯރުވައި، ވެރިކަމުގައި ދެމިއޮތުމަށް މަސައްކަތް ކުރާނޭ ކަމަށް ބެލެވިފައި ވެއެވެ. ނަތީޖާއެއްގެގޮތުން ތައިލެންޑް އިތުރު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށްވެސް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އަސްކަރީންގެ ތާއީދުގައި މިހާރުއޮތް ސަރުކާރު ވެރިކަމުން ދުރުކޮށް، ތައިލެންޑަށް ޑިމޮކްރަސީ ގެނައުމަށް ނުކުމެ ތިބީ ގިނައިން ޒުވާނުންނެވެ. ގިނަ ގޮނޑިތަކަށް ވާދަކުރަނީވެސް ޒުވާނުންނެވެ. އެމީހުންނަކީ ތައިލެންޑްގެ ރަސްކަމާވެސް ދެކޮޅު މީހުންނެވެ.