ތުރުކީގައި މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގައި މިހާތަނަށް ހާމަކުރެވުނު ނަތީޖާއިން، މިހާރުގެވެސް ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ކުރީގައި އުޅުއްވާ ކަމަށް ދައްކައިފިއެވެ.
ތުރުކީ ސަރުކާރުގެ ރަސްމީ ނޫސް އޭޖެންސީ އަނަދޮލުއިން ބުނެފައިވަނީ، ވޯޓުގެ 50 އިންސައްތަ މިހާރު ގުނައި ނިމިފައިވާ ކަމަށެވެ.
މިހާތަނަށް ގުނި ވޯޓުން %51 ކާމިޔާބު ކުރައްވާފައިވަނީ ރައީސް އުރުދުޣާން ކަމަށްވެސް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، މިނަތީޖާއާ ގުޅިގެން ރައީސް އުރުދުޣާންގެ އޭކޭޕީ ޕާޓީގެ މައި ހެޑްކުއާޓަރުގައި މިހާރުވެސް އުފާފާޅުކުރަން ފަށާފައި ވެއެވެ.
އެކަމަކު، އުރުދުޣާންއާ އެންމެ ގާތުން ވާދަކުރެއްވި ކެމާލް ކްލިޗްތަރޯޟްވަނީ، ކުރީގައި އުޅުއްވަނީ އޭނާކަމަށް ޓްވީޓް ކުރައްވާފައެވެ.
އަދި ރަސްމީ ނޫސް އޭޖެންސީ އަނަދޮލުއިން ފަތުރަނީ ދޮގު މައުލޫމާތު ކަމަށްވެސް ތުހުމަތު ކުރައްވާފައި ވެއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމ ބުރުން އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައިން ވޯޓު ލިބިވަޑައި ނުގެންނެފިނަމަ، އެންމެ ގިނައިން ވޯޓު ލިބިވަޑައިގަންނަވާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއްގެ ވޯޓުލުން އޮންނާނެއެވެ.
ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.