ކޮރަޕްޝަނާ ދެކޮޅަށް އައި ސަރުކާރު މިހާރު ފެންނަނީ ކޮރަޕްޝަނުން ސަލާމަތް ނުވެގެން އުޅޭ މަންޒަރު ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް"ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސާލިޙު ވިދާޅުވީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7ވަނަ ދުވަހުގައެވެ.

ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުން، ކުށް ކުރާ ޙާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކޮށް ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަށް، ސަރުކާރުން އެއްވެސް ޖާގައެއްނުދޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ރައީސް ވަނީ ދެއްވާފައެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް މި ސަރުކާރުން ނުދޭ ކަމަށް ގިނަ ބަޔަކު ދެކެމުންދާ މިވަގުތުގައި ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ވައުދުތަކެއް ވެގެން ކަމަށެވެ.

ރައްޔިތުންނަށް ވިއްކި އެންމެ މުހިންމު އެއް މެނިފެސްޓޯއެއްގެ ގޮތުގައި މި ސަރުކާރުން ނެގީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުންކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް"ކަމަށް ވިދާޅުވި ބޭފުޅުން އުޅެނީ ކޮރަޕްޝަނާ ހެދި ސަލާމަތް ނުވެވިގެން ކަމަށެވެ.

ކޮވިޑުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައިވެސް ކުރީ ވައްކަން. ވެންޓިލޭޓަރުތައް ގެނައުމުގައިވެސް ކޮރަޕްޝަން. ރާއްޖޭގެ އިންތިޚާބަކަށް ދުވަހަކުވެސް ޚަރަދު ނުކުރާ ވަރަށް ސަރުކާރުގެ ފަންޑު ނަގައިގެން ސަރުކާރުގެ މުދާ ބޭނުންކޮށްގެން އިންތިޚާބުތަކަށް. ބެއިތެލްމާލުން ފައިސާ ނަގައިގެން އެކިގޮތް ގޮތަށް އެމްޑީޕީގެ ބައެއް ބޭފުޅުންނަށް ދަރަނިއަދާކުރުމަށް އެ ފައިސާވެސް ބެހީ. މިހުރިހާ ކަމެއް ގައުމުގަ ހިނގާއިރުވެސް ރައީސް ސާލިހް މިކަންކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ވިދާޅެއްނުވޭ."
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު

ރައީސް ނަޝީދު އަވާހަރަކޮށްލަން ދިން ހަމަލާގައި ސަރުކާރުގެ އިހުމާލު ވަރަށް ބޮޑު ކަމަށާއި ސަރުކާރުން އިންސާފު ހޯދައިދޭނަމަ އެމަނިކުފާނަށް އިންސާފު ލިބުނީސް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބަނގުރޫޓްވާ ހިސާބަށް މިއަދުދިޔައީ އިންތިޚާބުތަކާ ދިމާކޮށް މުވައްޒަފުން ނެގުމާއި ނަހަމަގޮތުގައި ނާޖާއިޒް ފައިދާ ހޯދާތީ ކަމަށެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރު އޮތުމުން ރައްޔިތުންނަށްވީ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.

މެމްބަރުގެ ނުރުހުން ސަރުކާރަށް އަމާޒުވިއިރު ދައުލަތުން ގެއްލިފައިވާ މުދާލާއި ފައިސާ، ހޯދުމުގެ މަސައްކަތުގައި ބޭރުގެ ވަކީލުންގެ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.