"ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2023" ގެ އަންހެން ޑިވިޝަނުގައި ހިތާދޫގެ މައްޗަށް ކެންދޫއިން އުނދަގޫ މޮޅެއް ހޯދެއިރު، މާޅޮހުން ކިހާދޫ ކޮޅަށް ނުވަ ލަނޑުޖަހައި ތާވަލުގެ އެއްވަނަ ހޯދައިފިއެވެ.

އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ކެންދޫއިން ހިތާދޫ ބަލިކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ކެންދޫއާއި ހިތާދޫ ބައްދަލުކުރި މެޗުގެ ތެރެއިން --ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ކެންދޫއިންނެވެ. އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ މިނެޓުގެ ކުޅުމުގެ ތެރޭގައި ލަނޑެއް ޖަހައި ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިފްޝާ ހަސަން އެވެ. އޭގެ ތިން މިނެޓުފަހުން، މި ހާފުގެ ހަތަރުވަނަ މިނެޓުގެ ތެރޭގައި އިފްޝާ ވަނީ ކެންދޫގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މެޗުގައި ހިތާދުއިން ޖެހި ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ނުވަވަނަ މިނެޓުގެ ތެރޭގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ނާސިރާ މުހައްމަދު އެވެ.

ކެންދޫއާއި ހިތާދޫ ބައްދަލުކުރި މެޗުގެ ތެރެއިން --ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކެންދޫގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިން އިފްޝާ ހަސަން އެވެ.

އިއްޔެގެ ދެވަނަ މެޗުގައި ކިހާދޫގެ މައްޗަށް މާޅޮހުން ކުރިހޯދީ 0-9 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގެ އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ފެނިގެންދިޔަ މެޗު އަދި އެންމެ ފަރަގު ބޮޑު ނަތީޖާއަކުން ޓީމަކުން ކާމިޔާބުކުރި މެޗެވެ.

މާޅޮހާއި ކިހާދޫ ބައްދަލުކުރި މެޗުގެ ތެރެއިން --ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

މެޗުގައި މާޅޮހުން ޖެހި ނުވަ ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށް ފަރާ އަހްމަދު ވަނީ ހެޓްރިކް ހަދާފައެވެ. ގިސާމަތު މުހައްމަދު އާއި ސަދާ މުހައްމަދު، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު ސޮދުނާ އަބޫބަކުރާއި ދުންޔާ ރަޝީދު ވަނީ، ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ޖަހާފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހެޓްރިކް ހެދި ފަރާ އަހްމަދުއެވެ.

ހިތާދޫ އަތުން ކެންދޫއިން ހޯދި މޮޅާއެކު އަންހެން ޑިވިޝަނުގެ ގްރޫޕް އޭގެ ތިންވަނަ މަގާމުގައި ކެންދޫ އޮތީ ދެ މެޗުން ހޯދި ތިން ޕޮއިންޓާއެކުއެވެ. ހިތާދޫ އޮތީ ކުޅުނު ދެ މެޗުން ވެސް ބަލިވެ ތާވަލުގެ ފުލުގައެވެ.

ކިހާދޫ އަތުން ހޯދި ބޮޑު މޮޅާއެކު މާޅޮހުން ގްރޫޕް ބީގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އެއް މެޗުން ތިން ޕޮއިންޓާއި ފައިދާ ނުވަ ގޯލާއެކު އޮތްއިރު ކިހާދޫ އޮތީ ތާވަލުގެ ފުލުގައެވެ.

މާޅޮހާއި ކިހާދޫ ބައްދަލުކުރި މެޗުގެ ތެރެއިން --ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

އަންހެން ޑިވިޝަނުގައި މިއަދުވެސް ދެ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި އޭދަފުށިން ކިހާދޫއާ ދެކޮޅަށް ނުކުންނައިރު ދެވަނަ މެޗުގައި ކުޅޭނީ ހިތާދޫއާއި ދޮންފަނެވެ.

މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް އިސްލާމިކް ބެންކް، މަންޓާ އެއާ، ދިރާގު އަދި ވީމީޑިއާގެ އިތުރުން ބަޔޮސްފިއަރ އިން އެވެ.

މުބާރާތުގެ ދެ ޑިވިޝަނުގެ ހުރިހާ މެޗެއްގެ އަދާހަމަ ވީމީޑިއާގެ "ވީނިއުސް" އިން ގެނެސްދޭނެއެވެ. އަދި މުބާރާތުގެ ފައިނަލް މެޗުތައް "ވީޓީވީ"އިން ވަގުތުން ދުރަށް ދައްކާނެއެވެ.