ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2023 ގެ ފިރިހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް އޭދަފުށިން މުބާރާތުގެ ސެމީ ފައިނަލުގެ އުއްމީދު ބޮޑުކުރިއިރު، މުބާރާތުގައި ކިހާދޫއިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާއިރު، އޭދަފުށިން ކުޅުނު ފުރަތަމަ މެޗުގައި އޭދަފުށިން ވަނީ ހިތާދޫ ބަލިކޮށްފައެވެ. އޭދަފުށިން ކުޅުނު ދެވަނަ މެޗުގައި ރޭ މާޅޮހުގެ މައްޗަށް ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ.

އޭދަފުއްޓާއި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

މެޗުގައި އޭދަފުށިން ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ އަށްވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނި ޝަހީ މޫސާއެވެ. އޭގެ ހަތަރު މިނެޓުފަހުން 12 ވަނަ މިނެޓުގައި އުނައިސް ޒުބެއިރު ވަނީ އޭދަފުށީގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ މިނެޓެއްފަހުން އިސްމާއިލް ޝަރީފް ވަނީ އޭދަފުށީގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޭދަފުށީގެ އުނެއިސް އެވެ.

މި މޮޅާއެކު އޭދަފުށިން ހޯދި ތިން ޕޮއިންޓާއެކު، ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި އޮތީ ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި މާޅޮސް އޮތީ ދެ މެޗުން ތިން ޕޮއިންޓާއެކުއެވެ.

ފިރިހެން ޑިވިޝަނުގެ ގްރޫޕް އޭގެ ދެ ޓީމު ކަމަށްވާ، ކިހާދޫއާއި ކަމަދޫގެ ކުރިމަތިލުމުން ކުރިހޯދީ ކިހާދޫއެވެ. މި މެޗު ކިހާދޫއިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ކިހާދޫއާއި ކަމަދޫ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

މުޅި މެޗުގައި ވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ބޮޑުބައިގައި ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް ހާފު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް އަހްމަދު އާހިލް އާމިރު ވަނީ ލަނޑެއްޖަހައިދީ ކިހާދޫއަށް ލީޑުނަގައިދީފައެވެ. ފުރަތަމަ ހާފު ނިމުނީ 0-1 އިން ކިހާދޫ ކުރީގައި އޮވެގެންނެވެ.

ލީޑުގައި އޮވެ ކިހާދޫއިން އިތުބާރާއެކު ކުޅެމުންދަނިކޮށް، ދެވަނަ ހާފުގެ ފަސްވަނަ މިނެޓުގައި ކަމަދޫއިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ އަޒީމެވެ.

ކިހާދޫއާއި ކަމަދޫ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

އެހެންނަމަވެސް ވަރުގަދަ ރޫހެއްގައި ކުޅެމުންދިޔަ ކިހާދޫއިން ވަނީ އަނެއްކާވެސް ހާފު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ލަނޑެއް ޖަހައި ދެވަނަ ފަހަރަށް މެޗުގައި ލީޑުނަގާފައެވެ. މިއީ ވެސް ހިލޭޖެހުމަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ހަނާންއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަނާން އެވެ.

މި މޮޅާއެކު ކިހާދޫއިން ވަނީ ގްރޫޕް އޭގެ އެއްވަނައަށް ޖެހިލާފައެވެ. މި ގުރޫޕުގެ ހުރިހާ ޓީމަކުން ވެސް މިހާތަނަށް އެއް މެޗު ކުޅެފައިވާއިރު، މޮޅެއް ހޯދިފައި މިވަނީ ކިހާދޫއަށް އެކަންޏެވެ. ކަމަދޫ އޮތީ ތާވަލުގެ ފުލުގައެވެ. ދެވަނަ އަދި ތިންވަނައިގައި އޮތީ އެ ދެ ޓީމުން ކުޅުނު މެޗުން އެއްވަރުވި ދަރަވަންދޫއާއި ފެހެންދޫއެވެ.

މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް އިސްލާމިކް ބެންކް، މަންޓާ އެއާ، ދިރާގު އަދި ވީމީޑިއާގެ އިތުރުން ބަޔޮސްފިއަރ އިން އެވެ.

މުބާރާތުގެ ދެ ޑިވިޝަނުގެ ހުރިހާ މެޗެއްގެ އަދާހަމަ ވީމީޑިއާގެ "ވީނިއުސް" އިން ގެނެސްދޭނެއެވެ. އަދި މުބާރާތުގެ ފައިނަލް މެޗުތައް "ވީޓީވީ"އިން ވަގުތުން ދުރަށް ދައްކާނެއެވެ.