އިދިކޮޅު އިއްތިހާދެއްގެ ގޮތުގައި މިހާރު ފެނިގެންދާ އިއްތިހާދަކީ، ރާއްޖެގެ ކަނޑުތައް ވިއްކާލުމާ ދެކޮޅަށް މަސައްކަތްކޮށް، ގެއްލުނު ސަރަހައްދު އަނބުރާ ހޯދުމުގެ މަގްސަދުގައި އުފައްދާފައިވާ އިއްތިހާދެއް ކަމަށާއި، މިއީ ސިޔާސީ ގޮތުން މަސައްކަތްތަކެއްކޮށް، ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތްކުރުމަށް ހެދި އިއްތިހާދެއް ނޫންކަމަށް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވީ، ޗާގޯސްގެ މައްސަލައިގައި ދިވެހިރާއްޖެއާއި މޮރިޝަސްގެ އިން ކަނޑައެޅުމުގައި އިންޓަނޭޝަނަލް ޓްރައިބިއުލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދިޔަ ޝަރީއަތުގައި، ދިވެހި ސަރުކާރުން އަމަލުކޮށްފައިވާގޮތުގެ ސަބަބުން، ރާއްޖެއަށް އެކަމުގެ ގެއްލުންވެފައިވާކަމަށް ބުނެ، އެކަމާ ދެކޮޅަށް އުފެއްދި އިދިކޮޅު އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

މި އިއްތިހާދުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙަށް ތާއީދުކުރާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފެކްޝަން ނޫން، މައިގަނޑު އެހެން ހުރިހާ ސިޔާސީ ޕާޓީތަކާއި، ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވައި ހިންގަވާ ސިޔާސީ ހަރަކާތް، ފިކުރެއްގެ ދިރުމުން ބައިވެރިވެއެވެ.

އާދިއްތަ ދުވަހުގެރޭ ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުގެ ފަރާތުން އެ ކޯލިޝަންގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގެންނެވިއިރު، ފިކުރެއްގެ ދިރުން ހަރަކާތުގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވެއިރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.

ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ބައިވެރިވެވަޑައިގެންނެވިއިރު، އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު، އަލްއުސްތާޛް އަހްމަދު އުޝާމް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ އުމަރު ނަސީރާއި، ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ކޯލިޝަނުގައި ޤާނޫނީގޮތުން އެންމެ އިސް ދައުރެއް އަދާކުރައްވަނީ ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރެވެ.

މި އިއްތިހާދާ ގުޅޭގޮތުން ވާހަކަދައްކަވަމުން މި ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ އެއް ވާހަކައެކެވެ. މި މައްސަލައަކީ ސިޔާސީ މައްސަލައެއް ނޫން ކަމަށާއި، މިއީ ޤައުމީ ކަމެއްކަމަށެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، މި ހުރިހާ ބޭފުޅުން އެއް މޭޒަކަށް އައިސްފައި މިވަނީ ދިވެހިރާއްޖޭގެ މަސްކަނޑު ވިއްކާލުމާ ދެކޮޅަށް ކަމަށެވެ.

"ތަކުރާރުކޮށް އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުމެން އެއް މޭޒުދޮށަށް އައީ، ދިވެހިރާއްޖޭގެ މަސްކަނޑު ވިއްކާލުމާ ދެކޮޅަށޭ. އިތުރު އެއްވެސް އެޖެންޑާއެއް އަޅުގަނޑުމެންގެ މި އިއްތިހާދުގައި ނެތޭ".
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

މި މައްސަލައިގައި ކަނޑު ވިއްކާލިކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ސަބަބު ވެސް އޭނާ ހާމަކުރެއްވިއެވެ.

"ކަނޑު ވިއްކާލިކަމަށް އަޅުގަނޑުމެން މި ބުނަނީ، މިއީ ގާނޫނުއަސާސީން (ރައީސުލްޖުމްހޫރިއްޔާ އަށް) ނުލިބޭ ބާރެއް. ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރު ހިންގަން ލިބިދޭ ބާރުތައް، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގަ ވަރަށް ތަފްސީލުކޮށް އެވަނީ ބަޔާންކޮށްފަ. އޭގެތެރޭގައި މި ބާރެއް ރައީސުލްޖުމްހޫރިއްޔާއަކަށް ނުލިބޭ. މިކަން ކުރަންޖެހޭގޮތް ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފަ އެބައޮތް. (ވިއްކާލުމުގެ) ހެއްކަކީ، ޤާނޫން ނުލިބޭ ބާރެއް، ސިއްރު ސިޓީއެއް ފޮނުވައިގެން، އެ ސިޓީ ހާމަކުރަންޖެހޭ އެއްވެސް ފަރާތަކަށް ހާމަނުކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުހޯއްދަވާ، ޤާނޫނާ ޚިލާފަށް މިކަން ކުރުން".
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ސިޓީފުޅެކޭ ވިދާޅުވެ އަދުރޭ އެ އިޝާރާތްކުރެއްވީ، މޮރީޝަސްގެ ބޮޑުވަޒީރަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް ފޮނުއްވި ސިޓީފުޅެވެ. މި ސިޓީފުޅު ހާމަކުރެއްވުމަށް އިދިކޮޅު ފަރާތްތަކުން އެކިގޮތްގޮތުން މަސައްކަތްތަކެއް ކޮށްފައިވާއިރު، މިއަދާ ހަމައަށް އައިއިރު، އެ ސިޓީފުޅު ހާމަކޮށްފައެއް ނުވެއެވެ.

ކަނޑު ވިއްކާލިކަމަށް ބުނާ ސަބަބާ ގުޅޭގޮތުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އަތުގައި ނެތްބާރެއް ބޭނުންކުރީމަ އަޅުގަނޑުމެން މި ކިޔަނީ ވިއްކާލިއްޔޭ. ބަންޑާރަނައިބު، ރައްޔިތުންގެ ދިފާއުގަ ވާހަކަދައްކަން ހުރި ވަކީލު، ރައްޔިތުންގެ ދިފާއުގަ ވާހަކަ ނުދައްކާ، އެހެން ބައެއްގެ ދިފާއުގަ ވާހަކަދައްކައިގެން އަޅުގަނޑުމެންގެ ސަރަހައްދުން ބައެއް ދޫކޮށްލީމަ އަޅުގަނޑުމެން މި ކިޔަނީ ވިއްކާލިއްޔޭ. ރައްޔިތުންގެ ނަމުގަ، ރައްޔިތުންގެ ހައްގުގަ ފޮނުވި ސިޓީއެއް ރައްޔިތުންނަށް ދައްކަން ނުކެރި، އެ ސިޓީގެ ސަބަބުން އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނީމާ އަޅުގަނޑުމެން މި ކިޔަނީ ވިއްކާލިއްޔޭ".
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން

އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އިޓްލޮސް އިން މި މައްސަލައިގައި ކުރި ހުކުމުގައި، ރައީސް ފޮނުއްވި ސިޓީފުޅަށް ރިއާޔަތްކޮށްފައިވުމެވެ.

ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަމުގެ މައްސަލައިގައި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑް ބަދަލުކޮށް، މޮރީޝަަސްއާ އެއްކޮޅަށް ވޯޓުދޭން ނިންމައި، އެފަހުން އިޓްލޮސްގައި ކުރިއަށްދިޔަ މައްސަލައިގައި، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ނުވަތަ އެކްސްކްލޫސިވް އެކޮނޮމިކް ޒޯން (އީއީޒެޑް) ގެ ބައެއް ގެއްލިފައިވާކަމަށް ބުނެ އިދިކޮޅުން އަންނަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖެއިން ޒަމާނުއްސުރެ ބޭނުންކުރަމުން އައި 200 ނޮޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދުން 45،000 އަކަ ކިލޯމީޓަރުގެ ބައެއް ވަނީ ގެއްލިފައެވެ.

ސަރުކާރުން ބުނަމުން އައީ، މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ދެކުނުން އިން ކަނޑައެޅި، މީގެކުރިން ބައިނަލްއަގްވާމީ ގާނޫނުތަކުން ލިބިފައިނުވާ ސަރަހައްދެއް ލިބި، މި މައްސަލައިގައި ރާއްޖެއަށް ބޮޑު ކާމިޔާބެއް ލިބުނީ ކަމަށެވެ.

ރާއްޖޭގެ ދެކުނުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުން ބޮޑު ބައެއް ގެއްލުވާލާފައިވާ މައްސަލާގައި އެކުލަވައިލި އިއްތިހާދުން ވަނީ މިކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ފަށާފައެވެ. މީގެއިތުރުން އަންނަ ޖޫން މަހުގެ ދެވަނަ ދުވަހު ބޮޑު ހަރަކާތެއް ބާއްވަން އެ އިއްތިހާދުން ވަނީ ނިންމާފައެވެ.