ތުރުކީގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ބޮޑު ތަފާތަކުން ކުރި ހޯއްދެވި ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ އަޣުލަބިއްޔަތު ލިބިވަޑައި ނުގަތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެއެވެ.
އިއްޔެގެ އިންތިޚާބުގެ ނަތީޖާ ސާފުކޮށް ނިމުނުއިރު، ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއަށްވެސް އަދި އުރުދުޣާންއާ އެންމެ ގާތުން ވާދަކުރެއްވި އިދިކޮޅު ލީޑަރު ކެމާލް ކްލިޗްތަރޯޟް އަށްވެސް އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާ 50 އިންސައްތައިން މަތިން ވޯޓު ލިބިވަޑައި ނުގެންނެވިއެވެ.
ތުރުކީގެ ސުޕްރީމް އިލެކްޝަން ކައުންސިލުން އާންމުކުރި ނަތީޖާއިން ރައީސް އުރުދުޣާންއަށް ލިބިވަޑައިގެންނެވީ 49.5 އިންސައްތަ ވޯޓެވެ. އިދިކޮޅު ލީޑަރު ކެމާލްއަށް ލިބިވަޑައި ގެންނެވީ 44.89 އިންސައްތަ ވޯޓެވެ.
މިނަތީޖާގެ ސަބަބުން ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އާއި، ކެމާލް ކްލިޗްތަރޯޟްއާ ދެބޭފުޅުންގެ ދެމެދުގައި ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.
އިދިކޮޅު ލީޑަރު ކެމާލް ކްލިޗްތަރޯޟް ވިދާޅުވެފައިވަނީ، ދެވަނަ ބުރުގައި އިންތިޚާބު ކާމިޔާބު ކުރެއްވޭނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އަދި ސަޕޯޓަރުންނަށް ގޮވާލައްވާފައިވަނީ ކެތްތެރިވެ ތިބުމަށެވެ.
ރައީސް އުރުދުޣާންގެ ޕާޓީން ވޯޓު ގުނުމުގެ މަސައްކަތަށް ނުފޫޒު ފޯރުވައި އަދި ވޯޓުގެ ނަތީޖާ އިއުލާން ކުރުމުގައިވެސް ގޯސްތައް ހަދާފައިވާ ކަމަށް ކެމާލް ތުހުމަތު ކުރައްވާފައި ވެއެވެ.
އިއްޔެގެ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރިއިރު، ރައީސް އުރުދުޣާންވަނީ ރަނގަޅު ނަތީޖާއެއް ހޯއްދަވާފައެވެ. އިންތިޚާބު ކާމިޔާބު ކުރެއްވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަމުގައި ހުންނެވި ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
އިއްޔެގެ ރިޔާސީ އިންތިޚާބާއެކު ބޭއްވި ޕާލަމެންޓް އިންތިޚާބުން ޕާޓީތަކަށް ގޮނޑިތައް ބެހިގެން ގޮސްފައިވާ ގޮތް، ތުރުކީގެ ނޫސްތަކުން ހާމަކޮށްފައި ވެއެވެ.
ތުރުކީ ޕާލަމެންޓުގައި 600 ގޮނޑި ހިމެނޭއިރު، ރައީސް އުރުދުޣާންގެ އޭކޭ ޕާޓީންވަނީ 266 ގޮނޑި ކާމިޔާބު ކޮށްފައެވެ. އިދިކޮޅު ލީޑަރު ކެމާލްގެ ރިޕަބްލިކަން ޕީޕަލްސް ޕާޓީއަށް ކާމިޔާބު ކުރެވުނީ 166 ގޮނޑިއެވެ.