ފާއިތުވި ހަފުތާގައި އޭގެ ކުރީ ހަފުތާއާ އަޅާ ބަލާއިރު، ރާއްޖޭން ކޮވިޑް-19 ޖެހުން މީހުންގެ އަދަދު ދަށް ވެއްޖެއެވެ.
މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިހިނގާ މެއި މަހުގެ 6 ވަނަ ދުވަހުގެ ނިއަލަށް ރާއްޖޭން ކޮވިޑް ޖެހިގެން ރެކޯޑުކޮށްފައިވާ އަދަދަކީ 91 އެވެ. ނަމަވެސް، މެއި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިއަލަށް ކޮވިޑް ޖެހުން ކަމަށް ރެކޯޑް ކުރެވުނު އަދަދަކީ 63 އެވެ.
ފާއިތުވި ހަފުތާގައި މާލޭން 38 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އަދި އަތޮޅު ތެރެއިން 17 މީހުންނާއި ސިނާއީ ރަށްރަށާއި ރިސޯޓުތަކުން 8 މީހުންނެވެ.
ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ މީހުންގެ އަދަދުވަނީ 10 އަށް އަރާފައެވެ. ފާއިތުވި ހަފުތާގައި ކޮވިޑް ޖެހިގެން މީހަކު މަރުވި ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ނުދައްކައެވެ.
މިިދިޔަ ހަފުތާގައި ކޮވިޑް ޖެހުން މީހުންގެ އަދަދު މަދު ނަމަވެސް، ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މުޅި ދުނިޔޭގައި އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުވަނީ އުވާލައިފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ ކޮވިޑް-19 ފެތުރުމަކީ މިހާރު މުޅި ދުނިޔޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ކަމަށެވެ.
ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މަދުވެގެން 20 މިލިއަން މީހުން މަރުވެފައިވާ ކަމަށް އެޖަމިއްޔާއިން ބުނެއެވެ. އެއީ ރަސްމީކޮށް ރިޕޯޓްކުރި ހަތް މިލިއަނަށްވުރެ މާ ގިނަ އަދަދެކެވެ.