ދިވެހީންގެ ތެރޭގައި މަގުބޫލު ތިން ޝަހުސިއްޔަތެއް ހޯމަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ސޮއިކޮށްފިއެވެ.

މިގޮތުން، އެޕާޓީއަށް ސޮއިކުރެއްވީ ރާއްޖޭގެ މަޝްހޫރު ގޯލްކީޕަރ ހަސަން ރަމީޒް (ޓިމޯ)އާއި، މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި ކުރީގެ ޗީފް ޕްރިޒަންސް އޮފިސަރ މުޙައްމަދު ތައުފީގްއެވެ.

މި ތިން ބޭފުޅުންގެ މެމްބަރޝިޕް ފޯމާ ހަވާލުވެލެއްވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރ އައިޝަތު ނަހުލާއެވެ.

ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުން މެމްބަރުންގެ ފޯމްތަކާ ހަވާލުވުމުގެ ތެރެއިން --- ފޮޓޯ: އަލީ ސޯލިހު/ ޖޭޕީ
ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުން މެމްބަރުންގެ ފޯމްތަކާ ހަވާލުވުމުގެ ތެރެއިން --- ފޮޓޯ: އަލީ ސޯލިހު/ ޖޭޕީ

މިފަހުން ގިނަ އަދަދެއްގެ ބަޔަކުވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ. އަދިވެސް، ގިނަ އަދަދެއްގެ ބަޔަކު އެޕާޓީއާ ގުޅުމުގެ ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގައި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޖުމްހޫރީ ޕާޓީގެ ރަސްމީ ދަފުތަރުގައި 23،000އަށް ވުރެ ގިން މެމްބަރުން ތިބެއެވެ.

ޖުމްހޫރީ ޕާޓީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ހަރަކާތްތެރި އެއް ސިޔާސީ ޕާޓީވެސް މެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ގާސިމް އިބްރާހިމްގެ ކެމްޕެއިން މެނޭޖަރުންގެ ގޮތުގައި އެމަނިކުފާނު ވަނީ ދެ ބޭފުޅަކު ހަމަޖައްސަވާފައެވެ. އެއީ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމްއެވެ.

ކައުންސިލް ގްރޫޕަށް ފޮނުއްވި މެސެޖްގައި ގާސިމް ވިދާޅުވި ގޮތުގައި ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމާއި ކެމްޕެއިން ލޯންޗިން އިވެންޓާ ގުޅޭ ހުރިހާ ކަމެއް ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ކުރިއަށް ގެންދަވާނީ އިލްހާމާއި އަމީނެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނު ބަހާލައިގެން ބާއްވާ ހަރަކާތްތަކުގެ އެންމެހާ ކަންކަން ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ހިންގާނީވެސް އިލްހާމް އާއި އަމީން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

އެހެންކަމުން މި މަސައްކަތްތައް ކުރުމަށް އެމަނިކުފާނު ހަމަޖައްސާފައިވާ ބޭފުޅުންގެ މަސައްކަތަށް ބޭނުންފުޅު ވާނެ އެންމެހާ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ޕާޓީގެ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުންނާއި އަދި ޕާޓީގެ ކޮމިޓީތަކުގެ ހުރިހާ ބޭފުޅުންގެ އަރިހުން އެބޭފުޅަކު ނިސްބަތްވާ އަތޮޅެއް ހިމެނޭ ޓީމްއަކާ ގުޅިގެން ވީހާވެސް ބާރު ސްޕީޑްއެއްގައި އެއް ރޫހެއްގައި އެންމެން ގުޅިގެން މަސައްކަތްކޮށް ދެއްވުމަށް އޮނަރަބަލް ގާސިމް އިބްރާހިމްވަނީ އެދިލައްވާފައެވެ.