މިިދޔަ އޭޕްރީލް މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެއެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2022 ވަނަ އަހަރުގެ އޭޕްރިލް މަހު ދިވެހިރާއްޖެއަށް 4.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޭޕްރިލް މަހު މި ޢަދަދުވަނީ 4.5 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ.

މީގެއިތުރުން، ފާއިތުވި އޭޕްރިލް މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު 16 އިންސައްތަ ވަނީ ދަށްވެފައެވެ. 2022 ވަނަ އަހަރުގެ އޭޕްރިލް މަހު 361 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޭޕްރިލް މަހު މި ޢަދަދުވަނީ 305 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، އޮމާން، ޔޫ.އޭ.އީ، ޗައިނާ އަދި ސިންގަޕޫރެވެ. އެގޮތުން އިންޑިއާއިން 757 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާން އިން 707 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޔޫ.އޭ.އީ އިން 573 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޗައިނާ އިން 520 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 467 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

އޭޕްރިލްމަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި 5 ގައުމަކީ ތައިލޭންޑް، އިނގިރޭސި ވިލާތް، ޖަރުމަނު ވިލާތް، މޮރިޝަސްގެ އިތުރުން އިންޑިއާއެވެ.

2023 އޭޕްރިލް މަހު ރޯޔަލްޓީގެ ގޮތުގައި 2,180,137.73ރ (ދެމިލިއަން އެއް ލައްކަ އައްޑިހަ ހާސް އެއް ސަތޭކަ ތިރީސް ހަތް ރުފިޔާ ހަތްދިހަ ތިން ލާރި) ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.