ތައިލެންޑްގައި އާދީއްތަ ދުވަހު ބޭއްވި އާންމު އިންތިޚާބު، ތައިލެންޑްގެ ޒުވާނުން ހިމެނޭ އިދިކޮޅު ޕާޓީތަކުން ކާމިޔާބު ކުރި ނަމަވެސް، އެ ކާމިޔާބީއަށް ވާނޭ ގޮތަކާމެދު އިދިކޮޅު ޕާޓީތަކުން އަދިވެސް ތިބީ ޝައްކެއްގައެވެ.
އާދީއްތަ ދުވަހުގެ އިންތިޚާބުން އާދަޔާ ޚިލާފް ނަތީޖާއެއް ހޯދާފައިވަނީ، މީގެ ތިން އަހަރުކުރިން އުފެއްދި "މޫވް ފޯވަރޑް" ޕާޓީންނެވެ. އެ ޕާޓީން ހޯދި ނަތީޖާގެ ސަބަބުން މުޅި ތައިލެންޑަށް ހައިރާންކަން ލިބުނު ކަމަށް ވެއެވެ.
އެއީ، ތައިލެންޑްގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ދުވަސްވީ ބޮޑެތި ޕާޓީތަކާއި، ނުފޫޒުގަދަ އަސްކަރިއްޔާގެ ތާއީދު ލިބިގެން ނުކުތް ޕާޓީތައް ފަހަތައް ޖައްސާލައި، ހޯދި ނަތީޖާގެ ސަބަބުންނެވެ.
"މޫވް ފޯވަރޑް" ޕާޓީއަކީ، ތައިލެންޑްގައި ކުރިން ހަރަކާތްތެރިވި "ފިއުޗަރ ފޯވާރޑް" ޕާޓީ، ސުޕްރީމް ކޯޓުން އުވާލުމުން މީގެ ތިންއަހަރު ކުރިން އުފެއްދި އައު ޕާޓީއެކެވެ.
"މޫވް ފޯވަރޑް" ޕާޓީގެ ލީޑަރަކީ އުމުރުފުޅުން އެންމެ 42 އަހަރުގެ ޕީތާ ލިމްޖަރޮއެންރާތުއެވެ. ތައިލެންޑްގެ އައު ބޮޑުވަޒީރަކަށް ވެވަޑައި ގަންނަވާނީ އޭނާކަމަށް ބެލެވިފައި ވެއެވެ.
"މޫވް ފޯވަރޑް" ޕާޓީން އެކަނި 152 ގޮނޑި ނެގިއިރު، އެންމެބޮޑު އިދިކޮޅު ޕާޓީ، ތައިލެންޑްގެ މަހުޖަނު އަދި ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރަގެ ދަރިކަނބަލުން އިސްވެ ހުންނެވި ފެއު ތައި ޕާޓީ 141 ގޮނޑި ކާމިޔާބުކުރިއެވެ.
"މޫވް ފޯވަރޑް" ޕާޓީއާއި، އިދިކޮޅު 5 ޕާޓީ ކޯލިޝަން ހެދުމުން، ތައިލެންޑްގެ ޕާލަމެންޓްގައި ހިމެނޭ 500 ގޮނޑީގެ ތެރެއިން 309 ގޮނޑި، މި ކޯލިޝަނަށް ލިބެއެވެ.
ކޯލިޝަންގައި ހިމެނެނީ "މޫވް ފޯވަރޑް" ޕާޓީގެ އިތުރުން، ފެއު ތައި، ޕްރަޗަޗަތު، ތައި ސަންގް، ސެރި ޕުއަމްގެ އިތުރުން، އަލަށް އުފެއްދި ފެއަރ ޕާޓީއެވެ.
އިދިކޮޅު ކޯލިޝަނަށް 309 ގޮނޑި ލިބުނަސް، "މޫވް ފޯވަރޑް" ޕާޓީއަށް ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ލިބޭނޭކަމެއް އަދި ޕީތާ ލިމްޖަރޮއެންރާތުއަށް ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންނެވޭނޭ ކަމެއްވެސް އަދި ކަށަވަރެއް ނުވެއެވެ.
ބޮޑުވަޒީރުކަމަށް ބޭފުޅަކު ކަނޑައަޅަނީ، ޕާލަމެންޓަށް އިންތިޚާބު ކުރެވޭ 500 މެމްބަރުންނާއި، ޕާލަމެންޓުގެ މަތިގެ، ސެނޭޓްގައި ތިއްބަވާ 250 މެމްބަރުންގެ ދެބައިކުޅަ އެއްބައިގެ އަޣުލަބިއްޔަތުންނެވެ.
އެހެންކަމުން "މޫވް ފޯވަރޑް" ޕާޓީއަށް ޖެހޭނީ ޕާލަމެންޓުގެ ދަށުގެއާއި، މަތިގެއިން 376 ގޮނޑި ހަމަކުރާށެވެ. ނުވަތަ ހަމައެކަނި ޕާލަމެންޓުގެ ދަށުގެއިން އެ އަދަދު ހަމަކުރާށެވެ.
އިދިކޮޅު ސަޕޯޓަރުންނާއިގެން ބެންކޮކްގެ މަގުތައް އިއްޔެ އޮރެޖްކޮށްލާފައި ވާއިރު، ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޕީތާ ލިމްޖަރޮއެންރާތު ވިދާޅުވެފައިވަނީ، އަޣުލަބިއްޔަތުއޮތް ސަރުކާރެއް އެކުލަވާލަން ބޭނުންވާ މިންވަރަށް ތާއީދު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ޕީތާ ވިދާޅުވީ، އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއްވެސް ހާސިލް ކުރެވިދާނެކަން އިންތިޚާބުގެ ނަތީޖާއިން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. މިއީ، އުންމީދު ގެއްލިފައިތިބި އެތައް ބަޔަކަށް ލިބުނު އުފާވެރި ޚަބަރެއް ކަމަށްވެސް ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރަށް އިޝާރާތް ކުރައްވައި ޕީތާ ވިދާޅުވީ، ރައްޔިތުންގެ ނިންމުމާ ދެކޮޅަށް މަސައްކަތް ކުރުމަކީ އެއްވެސް ބަޔަކަށް އެކަމުން ފައިދާއެއް ކުރާނެ ކަމެއް ނޫންކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އިންތިޚާބުގައި ކުރިމަތިލާންޖެހުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން މިހާރުގެ ބޮޑުވަޒީރު ޕްރަޔުތު، ސިޔާސީ މައިދާނުން އެއްފަރާތްވެވަޑައި ގަތުން ގާތްކަމަށް ވެރިކަމުގައިއޮތް ޔުނައިޓެޑް ތައި ނޭޝަން ޕާޓީންވަނީ ބުނެފައެވެ.
ތައިލެންޑްގެ މިހާރުގެ ބޮޑުވަޒީރު ޖެނެރަލް ޕްރަޔުތު ޗަން އޮ ޗާ، އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވީ 2014 ވަނަ އަހަރު ގެންނެވި އަސްކަރީ އިންގިލާބަކަށްފަހުއެވެ.
5 އަހަރުގެ އަސްކަރީ ވެރިކަމަކަށްފަހު، އައު ގާނޫނުއަސާސީއެއްގެ ދަށުން އަސްކަރީ ސަރުކާރުން 2019 ވަނަ އަހަރު އާންމު އިންތިޚާބެއް ބާއްވައި، އިންތިޚާބު ކާމިޔާބު ކުރައްވައި ޕްރަޔުތު، އަސްކަރީ ޔުނިފޯމް ބާލުއްވައި، މަދަނީ ބޮޑުވަޒީރެއްގެގޮތުގައި ވެރިކަމާ ހަވާލުވެވަޑައި ގެންނެވިއެވެ.
މިއަހަރުގެ އިންތިޚާބަށް ޕްރަޔުތު ނުކުމެވަޑައި ގެންނެވީ ވެރިކަމުގެ އިތުރު ދައުރެއް ހޯއްދެވުމަށެވެ. ނަމަވެސް، ވެރިކަންކުރާ ޕާޓީއަށް ލިބުނީ ޕާލަމެންޓުގެ 36 ގޮނޑިއެވެ.
ޕާލަމެންޓުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރީ، އިދިކޮޅު ޕާޓީތަކުން ނުކުތް ޒުވާނުންނެވެ.