ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމަށާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ވާދަވެރިކަން އިތުރުކުރުމަށް ދުނިޔޭގެ މާލީ އިދާރާ ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން 64.8 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފާސްކޮށްފި އެވެ.
"ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް)"ގެ އަމާޒަކީ މުޅި ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމާއި، ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ އަދި ދިރާސާތައް ހަދައި އެ މައުލޫމާތު ހިއްސާކުރުމުގެ ތެރެއިން ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މަސްވެރިކަމާއި މަހުގެ ސްޓޮކް ހުރި މިންވަރު ދެނެގަތުން ހަރުދަނާކުރުމާއި، ވަކި އަމާޒުތަކަކަށް ވާސިލްވެވޭ ގޮތަށް ގާބިލިއްޔަތުކަން އިތުރުކުރުން، އަދި ސަރަހައްދީ ފެންވަރުގައި މަސްވެރިކަން ބެލެހެއްޓުމަށް ކުރެވޭ އެހެނިހެން ކަންކަމާ ގުޅިލާމެހިގެންދާ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމެވެ.
މި މަޝްރޫއުގެ ދަށުން، މަސްވެރިކަމުގެ ސިނާއަތުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގައުމީ ފެންވަރުގައި ގާބިލުކަމާއި ހުނަރު ތަރައްގީކޮށް، ގުޅުންހުރި ގަވާއިދުތައް އެކުލަވާލެވިގެންދާނެ އެވެ. ދިގު މުއްދަތުގެ އަމާޒަކީ، ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ، ހާއްސަކޮށް މި ސަރަހައްދުގެ ޖަޒީރާ ގައުމުތަކުގެ އިލްމާއި ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ސަރަހީއްދީ މަރުކަޒެއްގެ ގޮތުގައި ރާއްޖެއިން ހަރަކާތްތެރިވުމެވެ.
މި މަޝްރޫއުގެ ދަށުން، ތިމާވެއްޓާ ރަށްޓެހި، ކާރިސާތަކަށް ތައްޔާރުވެފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ ވިޔަފާރި ފުޅާކުރުމުގެ އުސޫލުތަކެއްގެ ތެރެއިން މަސްވެރިކަމާއި އެ ސިނާއަތާ ގުޅުންހުރި ދާއިރާތައް ފުޅާކޮށް، ތަރައްގީކުރުން ހިމެނެ އެވެ. މިސާލަކަށް، ރާއްޖޭގެ ވާދަވެރި ވިޔަފާރީގެ މާހައުލަށް ހުރި ހުރަސްތައް މަޑުމަޑުން ނައްތާލުމާއި، ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ މަސްވެރިކަމުގެ ދާއިރާއިން ފިލާވަޅުތައް ލިބިގަތުމަށް މަގުފަހިކޮށްދިނުން ހިމެނެ އެވެ.
މި މަޝްރޫއު ކުރިއަށް ގެންދާނީ ސަރަހައްދީ ފެންވަރުގައި މަސައްކަތްކުރާ އިންޑިއަން އޯޝަން ކޮމިޝަނާއި ރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިންނެވެ. މި މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 64.8 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން އިންޑިއަން އޯޝަން ކޮމިޝަނަށް ދޭ 12 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން، އެ ގޮފިން ރާއްޖެއަށް ދޭ 26.4 މިލިއަން ޑޮލަރުގެ ލޯނާއި 26.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އެވެ.
ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ ކަނޑު ރާއްޖެ އާއި އިތުރު 11 ގައުމަކުން ހިއްސާކުރެ އެވެ. އެއީ ޖަޒީރާ ގައުމުތައް ކަމަށްވާ ކޮމޮރޯސް، ލާ ރިޔޫނިއަން (ފްރާންސް)، މަޑަގަސްކަރަ، މޮރިޝަސް އަދި ސީޝެލްސްގެ އިތުރުން، އެއްފަސް ހަ ގައުމު ކަށްވާ ކެންޔާ، މޮޒަމްބިކް، ސޯމާލިއާ، ދެކުނު އެފްރިކާ، ޓެންޒޭނިއާ އަދި ޔަމަނެވެ. މި ގައުމުތަކަކީ، ސަރަހައްދީ މަސްވެރިކަމުގެ ޖަމިއްޔާއެއް ކަމަށްވާ ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަން (އެސްޑަބްލިއުއައިއޯއެފްސީ)ގެ މެމްބަރުންނެވެ.