ހުޅުމާލޭގައި ޤާއިމްކުރި ރާއްޖޭގެ ފުރަތަމަ ސްމާޓް ޕާކިންގައި ޕާކްކުރަން ބޭނުންވާ ފަރާތްތަކަށް ޖާގައަށް އެދުމުގެ ފުރުސަތު އާބަންކޯއިން ހުޅުވާލައިފިއެވެ.

މިކަމާގުޅިގެން އާބަންކޯއިން ކުރި އުލާނުގައި ވަނީ، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ވެހިކަލް ޕާކުކުރުމަށް ތައްޔާރުކޮށްފައިވާ އެ ޕާކިންއިން ޖާގައަށް އެދުމުގެ ބީލަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށްކަމަށެެވެ.

ހުޅުމާލެ ފިތުރޯނު މަގު، ފެރީ ޓަރމިނަލް ޕާކު ކައިރީގައި ތަރައްޤީކޮށްފައިވާ ފިތުރޯނު ސްމަރޓް ޕާކިންގ ޒޯންއިން ޕާކްކުރުމަށް ޖާގަ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 އަހަރުގެ މުއްދަތަކަށެވެ. މި ޒޯނުން 23 ޖާގަ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ، މަހު ކުލީގެ ގޮތުގައި ނަގާނީ ބީލަން ކާމިޔާބު ކުރާ ފަރާތުން ހުށައަޅާ އަގުކަމަށެވެ. އަދި 3 އަހަރުދުވަހުގެ ކުލި އެއްފަހަރާ ދައްކާ ފަރާތްތަކަށް 7 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާކަމަށާއި، ކުލި ހިގަން ފަށާނީ ޖާގަ ހަވާލުކުރާ ތާރީޚުން ފެށިގެންކަމަށެވެ.

އެންމެފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި ސްމާޓް ޕާކިންގައި، ވެހިކަލްތަކުގެ ނަމްބަރު ބޯޑުތައް އެކަމަށް ޚާއްސަ އާޓިފިޝަލް އިންޓެލިޖެންސް އައި މެޝިން ލާރނިންގ ކެމެރާއަކުން ބެލުމަށްފަހު ޕާކިންގ ގޭޓު ހުޅުވޭނެއެވެ. މީގެ ސަބަބުން އެކަމަށް ޙާއްސަ ބަޔަކު ތިބުމުގެ ބަދަލުގައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަސޭހަކަމާއެކު ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެވޭ ގޮތް ހެދޭނެއެވެ.

ހުޅުމާލޭއަށް ގިނަ ބަޔަކު އާބާދުވަމުންދާއިރު، އުޅަނދުތައް ޕާކުކުރުމަށް އެކަށީގެންވާ ޖާގަ ނެތުމަކީ އާއްމުންގެ ޝަކުވާއެކެވެ.

ފިތުރޯނު ޕާކިންގ ޒޯނަކީ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަހަށް އިތުރު ސްމާޓް ޕާކިންގ ޒޯންތައް ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ތައާރަފު ކުރެވި، ޕާކިންގެ ކަންކަމަށް އިންގިލާބީ ބަދަލެއް ގެނެވިގެންދާނެކަމަށް އާބަންކޯއިން ބުނެއެވެ.