އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ރަސްކަމަށް އިސްކުރެއްވުމުގެ ހަފްލާގައި ބައިވެވަޑައިގަތުމަށް އިނގިރޭސިވިލާތައް ވަޑައިގެންނެވުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ކުރީގެ ފަތުރުވެރިކަމާއިބެހޭ ވަޒީރު އަލީ ވަޙީދާ ބައްދަލުކުރައްވައި އޭނާއަށް މައާފް ދެއްވިކަމަށްބުނާ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފިއެވެ.

އަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރެވެނީ ޓުއަރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ. ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއްގައިވަނީ ރައީސް އިނގިރޭސި ވިލާތައް ވަޑައިގަތް އަލީ ވަހީދާއި ބައްދަލުކުރައްވައި އޭނާއަށް ތުހުމަތުކުރެވޭ މައްސަލާގައި އިތުރަށް ފިޔަވަޅުނާޅުއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށެވެ.

އަދި އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ކުށްތަކުގެ ދައުވާތައް މިހާރު އަނބުރާ ގެންގޮސްފައިވާކަމަށާއި ވަރަށް އަވަހަށް އަލީ ވަހީދު ރާއްޖެ އައިސް ރައީސްގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް ނޫހުގައިވެއެވެ.

މިވާހަކަތައް ދޮގުކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މި ހަބަރަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ.