ސައުތު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް 2023 ގައި ސަރަހައްދުން ބޭރު ދެގައުމު ބައިވެރިކޮށްގެން ގްރޫޕްތައް ތަރުތީބު ކޮށްފިއެވެ.
އަންނަމަހު އިންޑިއާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް 2023 ގެ ގުރުނެގުން ބުދަ ދުވަހު ބާއްވާފައިވާއިރު ގްރޫޕް ބީގައި ސާކް ސަރަހައްދުން ބޭރު ގައުމެއްކަމަށްވާ ލުބުނާނާއެކު ރާއްޖެ، ބޫޓާން އަދި ބަންގްލަދޭޝް ވަނީ ހިމެނިފައެވެ.
އަދި ގްރޫޕް އޭ ގައި ސަރަހައްދުން ބޭރުން ހިމެނޭ ކުވައިތުގެ އިތުރުން ދެން ހިމެނެނީ އިންޑިއާ، ނޭޕާލް އަދި ޕާކިސްތާނެއެވެ.
މިފަހަރުގެ މުބާރާތުގައި ސާފުގެ ހަ ގައުމުގެ އިތުރުން ސާފުން ބޭރުގެ ދެ ގައުމަކަށް ދައުވަތު ދީގެން ޖުމްލަ 8 ޓީމުގެ މެދުގައި މުބާރާތް ބާއްވަން ސާފްގެ އެކްސްކޯއިން ބޭއްވި ބައްދަލުވުމެއްގައި މީގެކުރިން ވަނީ ނިންމާފައެވެ.
2021 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދި އިންޑިއާގައި އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ 2015 ވަނަ އަހަރުއެވެ. އެ ފަހަރު ވެސް މުބާރާތް ކާމިޔާބު ކުރީ އިންޑިއާއިންނެވެ. އިންޑިއާ އަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެސް މެއެވެ. އެ ގައުމުން ޖުމްލަ އަށް ފަހަރަށް މި މުބާރާތް ކާމިޔާބު ކޮށްފައިވެއެވެ.
އިންޑިއާގެ އިތުރުން މުބާރާތުގެ ތަށި ހާސިލްކޮށްފައިވަނީ ރާއްޖެ، ބަންގްލަދޭޝް، އަފްޣާނިސްތާނުގެ އިތުރުން ލަންކާއެވެ. ރާއްޖެއިންވަނީ މި މުބާރާތުގެ ތަށި ދެފަހަރެއްގެ މަތިން ހާސިލްކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ސްރީ ލަންކާއަށް ފުރުސަތު ނުލިބެއެވެ. އެއީ ފީފާއިން އެގައުމު ފުޓުބޯޅައިގެ އެންމެހާ ހަރަކާތަކުން ސަސްޕެންޑު ކޮށްފައިވާތީއެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ޕާކިސްތާނުން ވާދަކުރާއިރު، މިއީ ފީފާގެ ސަސްޕެންޝަނުން ސަލާމަތްވުމަށްފަހު އެ ގައުމުން ކުޅޭނެ ފުރަތަމަ ވާދަވެރި މުބާރާތެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 21 ވަނަ ދުވަހު ކުޅޭނީ ނޭޕާލާއި ކުވެއިތެވެ. ދެވަނަ މެޗުގައި ވާދަކުރާނީ ވާދަވެރި ޕާކިސްތާނާއި ޗެމްޕިއަން އިންޑިއާއެވެ.
ރާއްޖެއިން މުބާރާތުގައި ކުޅޭނެ ފުރަތަމަ މެޗު ކުޅޭނީ ޖޫން މަހުގެ 22 ވަނަ ދުވަހުގެރޭ ބޫޓާނާ ދެކޮޅަށެވެ.
މިއީ ސާފް ޗެމްޕިއަންޝިޕުގެ 14 ވަނަ މުބާރާތެވެ.