ހެޔޮފުޅުކަމުން ސަރުކާރުން ދެއްވި މަޤާމެއް ހަސަން މުޢުނީ އަދާނުކުރައްވާ ކަމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް މިފަދައިން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ނިސްބަތްވާގޮތަށް ކުރެެއްވި ޓްވީޓެއްގެ މައްސަލާގައި އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން ހަސަން މުޣުނީ ވަކިކުރުމާއި ގުޅިގެން، މުޢުނީގެ ދިފާއުގައި ކުރެއްވި ޓްވީޓެއްގައެވެ.
އިލްހާމްގެ ޓްވީޓްގައި ވަނީ، މުޢުނީ ސްޓެލްކޯ އާއި ހަވާލުވި ހިސާބުން އެ ކުންފުންޏަށް ވަނީ ބޮޑެތި ބަދަލުތައް ގެނެސް، ކުރިއެރުންތައް ހޯއްދަވާދެއްވާފަ ކަމަށެވެ. އަދި މުޢުނީއަކީ، ޤާބިލް، ކެރޭ، މުރާލި ބޭފުޅެއް ކަމަށާއި، މިސަރުކާރު ގެނައުމަށް ބުރަމަސައްކަތްތައް ކުރެއްވި ބޭފުޅުންގެ ތެރޭގައި މުޢުނީ ނަން ހިމެނެނީ ވައިކުޑައިގެ ލިސްޓްގައެއް ނޫން ކަމަށް ވެސް އިލްހާމް ވިދާޅުވިއެވެ.
މުޢުނީ މަގާމުން ވަކިކުރިކަން ރައީސް އޮފީހުން ކަށަވަރުކޮށްދީފައިވާއިރު، އޭނަ ވަކިކުރީ ޓްވީޓުގެ މައްސަލާގައި ރައީސް އޮފީހަށް ހާޒިރުކޮށް، މައްސަލަ ބަލަމުން އަންނަ ކަމަށް ރައީސް އޮފީހުން ހާމަކުރުމަށް ފަހުއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މުޣުނީ ކުރެއްވި ޓްވީޓްގައި ވަނީ، ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަން ހަތަރު މަހުގެ ތެރޭގައި ނިމުމަކަށް އަންނާނެ ކަމަށެވެ. މި ޓްވީޓް ކުރެއްވުމަށް ފަހު، މުޢުނީ ފަހުން ވަނީ އެ ޓްވީޓް ޑިލީޓުކުރައްވާފައެވެ.
މުއުނީ އަކީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހުރީ ޕާޓީގެ ސްލޮޓުގައި މަގާމަށް އައްޔަންކޮށްފައިވާ ބޭފުޅެކެވެ.