ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ފަރިތަކުރުންތަކުގައި ބައިވެރިވާނެ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ވަގުތީ ސްކޮޑު އިއުލާނުކޮށްފިއެވެ.

ކޯޗު ފްރެންޗެސްކޯ މޮރިއެރޯގެ އިރުޝާދުގެ ދަށުން މުބާރާތަށް ފަރިތަކުރަން ފަށާ ގައުމީ ސްކޮޑުގައި އެންމެގިނައިން ހިމެނެނީ ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކުޅުންތެރިންނެވެ. އެގޮތުން ވަގުތީ ސްކޮޑުގައި ހިމެނޭ 15 ކުޅުންތެރިންނަކީ މާޒިޔާގެ ކުޅުންތެރިންނެވެ.

ދެން ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ކްލަބް އީގަލްސްގެ ހަ ކުޅުންތެރިއަކު ޓީމުގައި ހިމެނޭއިރު، ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ފަސް ކުޅުންތެރިން، ބުރު ސްޕޯޓްސް ކުލަބުގެ ފަސް ކުޅުންތެރިން، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ ހަތަރު ކުޅުންތެރިންގެ އިތުރުން، ގްރީން ސްޓްރީޓްސް އާއި ވެލެންސިއާގެ ދެ ކުޅުންތެރިން އަދި ޓީސީގެ އެއް ކުޅުންތެރިއަކު ގައުމީ ޓީމުގެ ވަގުތީ ސްކޮޑުގައި ހިމެނެއެވެ.

ވަގުތީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި، މުޅިން އަލަށް ގައުމީ ޖާޒީ ލުމުގެ ފުރުސަތު ލިބުނު ކުޅުންތެރިން ވެސް ހިމެނެއެވެ. އެއީ ޝަނާން ރަޝާދު އާއި އިބްރާހިމް އުސާމް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ އަހުމަދު އައިހަމް (އައިހު) އެވެ. މުޅި ސްކޮޑަށް ބަލާއިރު، އެންމެ ޒުވާން ކުޅުންތެރިއަކީ 17 އަހަރުގެ ޝަނާންއެވެ.

ގައުމީ ސްކޮޑުން ފުރުސަތު ނުލިބޭ ރާއްޖޭގެ ސީނިއަރ ބައެއް ކުޅުންތެރިންގެ ތެރޭގައި، ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)، ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) ހިމެނެއެވެ. ދަގަނޑޭ ހުރީ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ. އަކޫ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އޭނާ އަދިވެސް މަސައްކަތްކުރަމުންދަނީ ފިޓުވުމަށެވެ.

އަކޫ އަކީ 2018 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ޓީމުގެ ކެޕްޓަނެވެ. 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ވެސް ކެޕްޓަން ބޭންޑު އަޅައިގެން ޓީމު ލީޑުކުރީ އަކޫއެވެ.

ގައުމީ ޓީމުގެ ވަގުތީ ސްކޮޑު:

މާޒިޔާ:

ސަމޫހު އަލީ (ސަަމުއްޓެ)، އަހުމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު (ކުރޯ)، އިބްރާހިމް އައިސަމް، ހައިޝަމް ހަސަން (ބިޑި)، ހަސަން ރާއިފް (ހަންނަ)، ހުސެއިން ނިހާން (ނިހާޓް)، ހަސަން ޝިފާޒް (ޑުންގާ)، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ޝަރީފް (ހުސެން)، ނާއިޒް ހަސަން (ދާދު)، މުހައްމަދު އިރުފާން (އިރޭ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ފައިސަލް، ހަސަން ނަޒީމް ގާސިމް (ޗޯޓު).

އީގަލްސް:

މުހައްމަދު ޝަފީއު (ޗެކް)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، ނިޝާމް މުހައްމަދު ރަަޝީދު (ޕޮގްބާ)، އަހުމަދު ހަަސަން (އަންމަޑޭ)، ހުމެއިދު ހުސެއިން، އަހުމަދު ރިޒުވާން (ރިޒޭ)

ސުޕަ ޔުނައިޓެޑް ސްޕޯޓްސް:

މުހައްމަދު ސަހާއު (ބޭލް)، އަހުމަދު އައިހަމް (އައިހު)، މުހައްމަދު ނިޒާމް (ޕީކޭ)، ވިޝާހު އަބްދުލް މަޖީދު (ވިއްޓު)، އަހުނަފް ރަޝީދު (އަހުއްކޮ)

ބުރު ސްޕޯޓްސް ކްލަބް:

އިބްރާހިމް އުސާމާ، މުހައްމަދު ނާއިމް، ޝައިހާން އަލީ، މުހައްމަދު ސާއިފް، ފާރޫގު އިސްމާއިލް

ޔުނައިޓެޑް ވިކްޓަރީ:

އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، އަލީ ނާޖިހު (ނާޖީ)، ޝިފާން ހަސަން (ޝިފާންޓެ)، ޝަނާން ރަޝާދު

ގްރީން ސްޓްރީޓްސް:

އަންސަރު އިބްރާހިމް، މުހައްމަދު ޖައިލަމް (އޮގީ)

ވެލެންސިއާ:

އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އަބްދުﷲ ޔާމީން (ޔާނު)

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަނީ އެންމެފަހުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، އިންޑިއާގައެވެ. މުބާރާތް ފަށާނީ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.

ރާއްޖެއިން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބޫޓާނާއެވެ. އެ މެޗު ކުޅޭނީ 22 ވަނަ ދުވަހުއެވެ. މުބާރާތުގައި ރާއްޖެއާ އެއް ގުރޫޕެއްގައި ހިމެނެނީ ބޫޓާން، ބަންގްލަދޭޝް އަދި ސާފް ސަރަހައްދުން ބޭރު ގައުމެއްގެ ގޮތުގައި ލުބުނާނެވެ.

ގްރޫޕް އޭގައި ހިމެނެނީ އިންޑިއާ، ޕާކިސްތާން، ނޭޕާލް އަދި ސަރަހައްދުން ބޭރު ޓީމެއްގެ ގޮތުގައި ކުވެއިތެވެ.