ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޝަނުގައި ކިހާދޫ ކޮޅަށް ޖެހި 15 ލަނޑާއެކު މެޗު ކާމިޔާބުކޮށް، ގޮއިދޫއިން މުބާރާތުގެ ގްރޫޕް ބީއިން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ސެމީގެ ޖާގައެއް ގޮއިދޫއިން ކަށަވަރުކޮށްފައި މިވަނީ ގްރޫޕް ސްޓޭޖުގައި އެ ޓީމަށް ބާކީ އެއް މެޗު އޮއްވައެވެ.

މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ އޭދަފުށީގެ މައްޗަށް ކުރިހޯދާފައެވެ. އޭދަފުށި އަތުން އެ މެޗުގައި ގޮއިދޫ މޮޅުވީ، 0-6 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ހިތާދޫއާ ދެކޮޅަށް ނުކުމެ ގޮއިދޫއިން ކުރިހޯދީ 0-15 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

ގޮއިދޫއާއި ކިހާދޫ ބައްދަލުކުރި މެޗުގެ ތެރެއިން ---ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

މުޅި މެޗުހެން ޑޮމިނޭޓުކޮށް ގިނަވަގުތު ބޯޅަ ގެންގުޅުނީ ގޮއިދޫއިންނެވެ.

މެޗުގައި ގޮއިދޫއިން ޖެހި 15 ލަނޑުގެ ތެރެއިން މައީޝާ އަބްދުލް ހަންނާނު ހަތް ލަނޑު ކާމިޔާބުކޮށްދިންއިރު ފިރުޝާނާ ނަސީރު ވަނީ ހަ ލަނޑު ޖަހާފައެވެ. ގޮއިދޫގެ ބާކީ ދެ ލަނޑު ކާމިޔާބުކޮށްދިނީ ޝަފްނާ އިބްރާޙީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފިރުޝާނާއެވެ.

ގޮއިދޫއާއި ކިހާދޫ ބައްދަލުކުރި މެޗުގެ ތެރެއިން ---ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

މި މޮޅާއެކު ގޮއިދޫއިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ގްރޫޕް ބީއިން ހޯދިއިރު، ގްރޫޕް އޭގެ ސެމީގެ ދެ ޖާގަ ކަށަވަރުކޮށްފައިވާ ދަރަވަންދޫއާއި ދޮންފަނުގެ ކުރިމަތިލުމުން ކުރިހޯދީ ދަރަވަންދޫއެވެ.

ދަރަވަންދޫއާއި ދޮންފަނު ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

މި މެޗަށް ނުކުތްއިރު ވެސް ދަރަވަންދޫއާއި ދޮންފަނު ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ. އެހެންކަމުން މި މެޗު ކުޅުނީ ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ސެމީއަށް ދާނެ ޓީމެއް ބެލުމަށެވެ. ގުރޫޕުގައި ދެން ހިމެނޭ ކެންދޫއާއި ހިތާދޫއިން ގުރޫޕު ސްޓޭޖުގެ ތިން މެޗު ފުރިހަމަކޮށްފައިވާއިރު، ތިން ޕޮއިންޓާއެކު ކެންދޫ އޮތީ ތާވަލުގެ ތިންވަނައިގައެވެ. ފުލުގައި ހިތާދޫ އޮތީ ޕޮއިންޓެއް ނުލިބިއެވެ.

ސެމީގެ ޖާގަ ކަށަވަރުވެފައި އޮތްނަމަވެސް، ދޮންފަނާއި ދަރަވަންދޫގެ ކުރިމަތިލުން ވާދަވެރިކޮށް ފެނިގެންދިޔައިރު މި މެޗު ދަރަވަންދޫއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ދަރަވަންދޫއާއި ދޮންފަނު ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

އޭގެ ހެއްކަކީ، މެޗުގެ ފުރަތަމަ ހާފު 0-0 އިން އެއްވަރުވެފައި އޮތުމެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އަދި ގުރޫޕުގެ އެއްވަނަ މަގާމު ދަރަވަންދޫއަށް ހޯދައިދިން ލަނޑު އެ ޓީމަށް މެޗުގެ ފުރިހަމަވަގުތު ހަމަވާން ދެ މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އައިމިނަތު މައިހާއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް މައިހާއެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގައި ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ ގްރޫޕް ބީގައި ގޮއިދޫއާއި މާޅޮސް ބައްދަލުކުރާ މެޗެވެ. މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ގޮއިދޫއަށް ސެމީގެ ޖާގަ ނުގެއްލޭނެކަން ކަށަވަރުވެފައިވާއިރު، މާޅޮހަށް ވެސް ސެމީގެ ޖާގަ ކަށަވަރުކުރުމަށް ފަސޭހަ މަގެއް އެބައޮތެވެ. އެ ޓީމަށް ސެމީގެ ޖާގަ ގެއްލޭނީ ގޮއިދޫއިން އެ ޓީމު އަތުން 11 ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ.

ދަރަވަންދޫއާއި ދޮންފަނު ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

މުބާރާތުގެ އަންހެން ޑިވިޝަނުގައި އަށް ޓީމެއް ވާދަކޮށްފައިވެއެވެ.

މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް އިސްލާމިކް ބެންކް، މަންޓާ އެއާ، ދިރާގު އަދި ވީމީޑިއާގެ އިތުރުން ބަޔޮސްފިއަރ އިން އެވެ.

މުބާރާތުގެ ދެ ޑިވިޝަނުގެ ހުރިހާ މެޗެއްގެ އަދާހަމަ ވީމީޑިއާގެ "ވީނިއުސް" އިން ގެނެސްދޭނެއެވެ. އަދި މުބާރާތުގެ ފައިނަލް މެޗުތައް "ވީޓީވީ"އިން ވަގުތުން ދުރަށް ދައްކާނެއެވެ.