2008 ވަނަ އަހަރު އޯލެވެލް އިމްތިޙާން ހަދަން ފެށި، މާޅޮސްމަޑުލު އުތުބުރީ ވާދޫ ސްކޫލަށް 2021-2022 ވަނަ ދިރާސީ އަހަރަކީ އެތައް ގޮތަކުން ހާއްސަ އަހަރެކެވެ. އެންމެ ބޮޑު ހާއްސަ ކަމަކީ، އެމަދަރުސާގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ދަރިވަރަކު މަތީ އަރުތަ ހާސިލުކޮށް، ގައުމީ ގަދަ ދިހައެއްގައި ހިމެނުމެވެ.
މި ތާރީޚީ ކާމިޔާބީ ވާދޫ ސްކޫލަށް ހޯދައިދިން ފަހުރުވެރިޔަކީ އެ މަދަރުސާއިން އައި.ޖީ.ސީ.އެސް.ސީ އިމްތިޙާން ހެދި އާމިނަތު ރަފާ ރައޫފްއެވެ.
އޭނާވަނީ އޯލެވެލް އިމްތިޙާނުން، ފަސް "އޭ ސްޓަރ"، އަދި ތިން "އޭ" ގެ ނަތީޖާއެއް ހާސިލުކޮށްފައެވެ. މިނަތީޖާއާއެކު ރަފާ ގައުމީ ގަދަ ދިހައެއްގައި ހިމެނުނީ ހަތަރުވަނަ ދަރަޖައިގައެވެ.
ރަފާވަނީ އޭނާ މިކާމިޔާބީއާ ހަމައަށް ކުރި ދަތުރު ކުރު ގޮތަކަށް "ވީނިއުސް" އަށް ކިޔައިދީފައެވެ.
7 ޑިސެމްބަރު 2005 ގައި އުފަންވި، އާމިނަތު ރަފާ ރައޫފްއަކީ ރ. ވާދޫ، ސޯސަންވިލާ، އަބްދުލް ރައޫފާއި އެރަށު ވިންޑްސްޓަރ، އައިޝަތު ޝިޒުނާށް ލިބިފައިވާ ދެކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެކެވެ.
ރަފާގެ ހަގަށް ފިރިހެން ކޮއްކޮ އެއް ހުރެއެވެ. ރ. ވާދޫ ސްކޫލުން ސާނަވީ މަރުހަލާ ނިންމާލުމަށްފަހު. ރަފާ މިހާރު އަންނަނީ ރ. ހުޅުދުއްފާރު ސްކޫލުން މަތީ ސާނަވީ މަރުހަލާ ފުރިހަމަކުރަމުންނެވެ.
ތައާރަފަކަށް މިވަރުން ފުދޭނެ ކަމަށް އަހަރެންގެ ޒަމީރު ގަބޫލުކުރާ ހާލު، ރަފާގެ ކާމިޔާބީގެ ވާހަކައަށް ޖެހިލާނަމެވެ.
މޮޅު ނަތީޖާގެ އަސްލަކީ ޕާސްޓް ޕޭޕަރ ހެދުން
އޯލެވެލްއަށް ތައްޔާރުވުމުގެ މަސައްކަތް ރަފާ ފެށީ އިމްތިޙާން ބޯމަތިވުމުންނެއް ނޫނެވެ. ދުރާލާ އެކަމަށް އޭނާ ތައްޔާރުވިއެވެ.
ރަފާ ބުނީ ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ވަރަކަށް ކިޔެވުމުން ނަތީޖާ ފެންނާނެ ކަމަށެވެ. އެގޮތުން ޓީޗަރުން ދޭ ނޯޓުތައް ކިޔުމަށްފަހު ޕާސްޓް ޕޭޕަރ ހަދާ ކަމަށްވެސް ބުންޏެވެ. އަދި އެއްވެސް ސުވާލެއް އޮތްނަމަ ޓީޗަރުންނަށް މެސެޖްކޮށްގެން އޮޅުންފިލުވާ ކަމަށް ރަފާ ބުންޏެވެ.
ރަފާ ބުނި ގޮތުގައި، ފޮތްކިޔައި ފިލާވަޅުތައް މުތާލިއާކުރުމަށްފަހު، އޭނާ ގިނަ ވަގުތު ހޭދަކުރީ ޕާސްޓް ޕޭޕަރތައް ހެދުމަށް ކަމަށެވެ. އޭނާއަށް ރަނގަޅު ނަތީޖާއެއް ހޯދުމުގެ ފަހަތުގައިވަނީ ޕާސްޓް ޕޭޕަރ ކަމަށް ރަފާ ގަބޫލުކުރެއެވެ.
ޓިއުޝަނެއް ނުނަގާ، ކިޔެވީ އަމިއްލައަށް
ރަނގަޅު ނަތީޖާއެއް ހޯދަން މަދަރުސާގައި ޓީޗަރުން ނަގައިދޭ ފިލާވަޅުތަކުގެ އިތުރުން ދަރިވަރުން ޓިއުޝަން ނެގުމަކީ އާންމު ކަމެކެވެ. ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ ތެރެއިން ޓިއުޝަނަށް ބަރޯސާ ނުވަނީ މަދު ދަރިވަރެކެވެ. ރަފާއަކީ އޭގެ މިސާލެކެވެ.
"ވީނިއުސް" އަށް ރަފާ ކިޔައިދިން ގޮތުގައި ދަށު ސާނަވީގެ ދުވަސްވަރު ފިޔަވައި ވާދޫ ސްކޫލްގައި ކިޔެވިއިރު އޭނާ ޓިއުޝަނެއް ނުނަގައެވެ.
ރަށު ސްކޫލް ކިތަންމެ ކުޑަވެފައި، އާބާދީ މަދުވި ނަމަވެސް، ރަފާ ސިފަކުރި ގޮތުގައި "އެންމެ ބެސްޓް ޓީޗަރުން" ތިބީ ވާދޫ ސްކޫލްގައެވެ.
ސްކޫލާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން އަދި ފަހުރުވެރިވާކަން ފާހަގަކޮށް ރަފާ ބުނީ، ވާދޫ ސްކޫލްގެ ޓީޗަރުން ގެންގުޅޭ ކިޔަވައިދިނުމުގެ ވައްޓަފާޅި އާއި އުކުޅުތައް އޭނާއަށް ވަރަށް ކަމުދާ ކަމަށެވެ.
ނަމަވެސް، ހާއްސަކޮށް ބިދޭސީ މުދައްރިސުން ކިޔަވައިދެމުންދިޔަ ބައެއް މާއްދާތައް ކިޔަވައިދޭ ޓީޗަރުން ކައިރިކައިރީގައި ބަދަލުވުންފަދަ ކަންކަން މެދުވެރިވުމުން އޭގެ އަސަރު ކޮންމެވެސް ވަރަކަށް ކިޔެވުމަށްކުރި ކަމަށް ރަފާ ބުންޏެވެ.
ސްކޫލްގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ރަފާ ފާހަގަކުރި ގޮތުގައި މާއްދާތައް ކިޔަވައިދޭ ޓީޗަރުން ބަދަލުވުމެވެ. ހާއްސަކޮށް ފަހު އަހަރުތަކުގައި ކެމިސްޓްރީ މާއްދާ ކިޔަވައިދޭ ޓީޗަރު ބަދަލުވުމުން އުނދަގޫ ކުރިމަތިވިކަން އޭނާ ފާހަގަކުރިއެވެ
ދީނީ ކަންކަމަށް، ހާއްސަކޮށް ނަމާދަށް ސަމާލުކަން ދިން
ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް އެކަމަށް ހިތުގެ އަޑިން އެދެންޖެހެއެވެ. ސާފު ހިތަކުން އެދިގެން ކުރާ މަސައްކަތް ތަކުގައި މާތް ﷲ ބަރަކާތް ލައްވައެވެ. ނަމާދަށް ރައްކާތެރިވުމާއި ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް ގިނަގިނައިން ކިޔެވުމާއި ކާމިޔާބު ދެއްވުމަށް އެދި ދުއާ ކުރުމަކީ ވެސް ކާމިޔާބަށް ވާސިލުވުމަށް މަގު ކޮށިގެންދާނެ ކަންކަމެވެ.
ފަރުޟު ނަމާދުތައް މާތްﷲ އަށް އަދާކުރުމުގެ އިތުރުން ކީރިތި ޤުރުއާނުން ކޮންމެވެސް މިންވަރެއް ކޮންމެ ދުވަހަކުވެސް ކިޔެވުމަކީ މުހިންމުކަމެކެވެ. ދީނީ އަޅުކަންތަކާއި ގާތްވުމަކީ އެކުއްޖެއްގެ ހިތް އަލިވުމަށް މަގުފަހި ކޮށްދޭ ކަމެކެވެ.
ރަފާގެ ތައުލީމީ ހަޔާތުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީގެ އެއް ސިއްރަކީ އޭނާ ދީނީ ކަންކަމަށް ބެހެއްޓި ޝައުގުވެރިކަމެވެ. ފިލާވަޅުތައް މުތާލިއާކުރުމުގެ ކުރިން ނަމާދުކުރުމަށް އިސްކަންދިނެވެ. ގަވާއިދުން ދެނަމާދު ދޭތެރޭގައި ކީރިތި ޤުރުއާން ކިޔެވުމުގައި މަސްއޫލުވިއެވެ. ކާމިޔާބީއަށް އެދި އަދި ހިތް އަލިކޮށްދެއްވުމަށް އެދި ﷲ ހަޟްރަތުގައި ދުއާކުރުމުގައި ސާބިތުވިއެވެ.
ކިޔެވުމާއެކު ސްކޫލްގައި ކުރިއަށްގެންދިޔަ އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވި
ވާދޫ ސްކޫލްގައި ރަފާ ހޭދަކުރި ދުވަސްތަކުގައި އޭނާ ވެފައިވަނީ ކަންކަމުގައި އިސްވެ އުޅުމާއި އަހުލާގީ ގޮތުން ބެލިޔަސް ނަމޫނާއަކަށެވެ. ޖޫނިއަރ ޕްރިފެކްޓެއްގެ ގޮތުގައި ސްކޫލް ޕްރިފެކްޓް ބޯޑާ ފުރަތަމަ ގުޅުނު ރަފާ، ވާދޫ ސްކޫލާ އަލްވަދާއުކީއިރު، އޭނާއަކީ އެސްކޫލްގެ ފަހުރުވެރި ސްކޫލް ކެޕްޓަނެވެ. ރަފާވަނީ ސްކޫލްގެ ކްލަބް/ހައުސްތަކުގައިވެސް ޒިންމާދާރު މަގާމުތައް އަދާކޮށްފައެވެ. އަދި ސްކޫލްގައި ކުރިއަށްގެންދިޔަ ކުޅިވަރު މުބާރާތްތަކާއި އަދަބީ ހަރަކާތްތަކުގައި ބައިވެރިވެ، ރަފާވަނީ އިތުރު ހަރަކާތްތަކުންވެސް ރަންވަނަތައް ހޯދާފައެވެ.
ރަފާ ބުނީ، ރަނގަޅު ނަތީޖާއަކަށް އެދިގެން މަސައްކަތް ކުރެވުނު ކަމަށާއި، ކާމިޔާބީގައި ވާދޫ ސްކޫލާއި ކިޔަވައިދެއްވި ހުރިހާ މުދައްރިސުން ބައިވެރިވާ ކަމަށެވެ. އަދި ބުނީ ކޮންމެ ކަމެއްގައިވެސް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ މައިންބަފައިން ކަމަށާއި މަންމަ އާއި ބައްޕައަށް ނުހަނު ލޯތްބާއެކު ޝުކުރު އަދާކުރާ ކަމަށެވެ.
އޭނާގެ އުންމީދަކީ ކާމިޔާބުކަމާއެކު މަތީ ސާނަވީވެސް ނިންމާލައި، މެޑިސިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމެވެ. އަދި ޑޮކްޓަރަކަށް ވެ ގައުމަށް ޚިދުމަތްކުރުމެވެ.
ވީނިއުސްރޫމް ޓީމުން އެދެނީ ރަފާގެ ހުވަފެންތައް ސީދާވުމެވެ. އަދި އިތުރު ކާމިޔާބީ އާއި ކުރިއެރުން ލިބުމެވެ.