ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގައި، ގްރޫޕް އޭގައި މިވަގުތު ގުރޫޕުގެ އެއްވަނަ އަދި ދެވަނައިގައި އޮތް ދަރަވަންދޫއާއި ކިހާދޫގެ ކުރިމަތިލުމުގައި، ދަރަވަންދޫއިން ކިހާދޫ ބަލިކޮށް، މި ގުރޫޕުގެ ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

ދަރަވަންދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

މިއީ މުބާރާތުގެ ގުރޫޕު ސްޓޭޖުގައި މި ދެ ޓީމުން ކުޅޭނެ ފަހު މެޗެވެ. މި މެޗު ކާމިިޔާބުކުރާ ޓީމަކަށް ސެމީގެ ޖާގަ ކަށަވަރުވާއިރު، ބަލިވާ ޓީމަކުން ޖެހޭނީ ގުރޫޕުގެ ތިންވަނައިގައި އޮތް ފެހެންދޫއިން ބުރާސްފަތި ދުވަހުގެރޭ ކަމަދޫއާ ދެކޮޅަށް ކުޅޭ މެޗުގެ ނަތީޖާއަށް އިންތިޒާރުކުރާށެވެ. ދަރަވަންދޫ އަތުންވީ ބައްޔާއެކު، ކަމަދޫ އަތުން ފެހެންދޫ މޮޅުވެއްޖެނަމަ، ކިހާދޫއަށް ސެމީގެ ފުރުސަތު ގެއްލޭނެއެވެ.

ދަރަވަންދޫއާއި ކިހާދޫ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

ދަރަވަންދޫ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، އެ ޓީމުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ނާފު އެވެ. އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ސާމިހު އަލީ ޝަރީފެވެ.

މެޗުގައި ކިހާދޫ ޓީމުން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ހަނާންއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނާފުއެވެ.

ދަރަވަންދޫއާއި ކިހާދޫ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

މި ގުރޫޕުގެ ޕޮއިންޓު ތާވަލަށް ބަލާލާއިރު ގުރޫޕުގެ އެއްވަނައިގައި ދަރަވަންދޫ އޮތީ ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް ކިހާދޫއަށް ތިން މެޗުން ލިބެނީ ހަތަރު ޕޮއިންޓެވެ. ތިންވަނައިގައި ދެ މެޗުން ދެ ޕޮއިންޓު ހޯދައިގެން ފެހެންދޫ އޮތްއިރު، ތާވަލުގެ ފުލުގައި ކަމަދޫ އޮތީ ދެ މެޗު ކުޅެ ޕޮއިންޓެއް ނުލިބިއެވެ.

ކިހާދޫ ބަލިކޮށް ދަރަވަންދޫއިން ސެމީގެ ޖާގަ ކަށަވަރުކުރިއިރު، ގްރޫޕް ބީއިން ސެމީގެ ފަހު ޖާގަ ކަށަވަރުކުރީ ހިތާދޫއެވެ. މި ގުރޫޕުގެ އެއްވަނައިގެ ގޮތުގައި އޭދަފުށިން ސެމީގެ ޖާގަ ކަށަވަރުކޮށްފައިވާއިރު، ބުދަ ދުވަހުގެރޭ، ހިތާދޫ އާއި މާޅޮސް ބައްދަލުކުރި މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ފަހު ޖާގަ ކަށަވަރުކުރެވެއެވެ.

ހިތާދޫއާއި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

ހިތާދޫއިން ސެމީގެ ފަހު ޖާގަ ހޯދީ މާޅޮހުގެ މައްޗަށް 1-3 އިން ކުރިހޯދައިގެންނެވެ.

މެޗުގައި ހިތާދޫއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރި، ހުޒައިފަތު ރަޝީދެވެ. އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ސާޖިދު ރަޝީދެވެ.

ހިތާދޫއާއި މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

މެޗުގައި މާޅޮހުން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާޙީމް ވިއާމް އެވެ.

މެޗުގެ މޮޅު ކުޅުންތެެރިއަކަށް ހޮވުނީ ސާޖިދު ރަޝީދުއެވެ.

މި ގުރޫޕުގެ ޕޮއިންޓު ތާވަލަށް ބަލާއިރު، އޭދަފުށިން އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ހިތާދޫ އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުއެވެ. ތިންވަނައިގައި މާޅޮސް އޮތީ ތިން ޕޮއިންޓާއެކުއެވެ. ފުލުގައި އޮތީ ޕޮއިންޓެއް ލިބިފައިނުވާ ގޮއިދޫ އެވެ.