އިޓްލޮސްގެ ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި ދައުލަތަށް ލިބުނު ގެއްލުން ބޮޑު ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނީ ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯގެ އިގްތިސާދީ ސަރަހައްދުން ފުށުއަރާ ކަމަށް ބުނާ ބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހެޅި މައްސަލަ ނިމުނު ގޮތާއި މެދު އެ ޕާޓީގެ އެގްޒެކްޓިވް ކޮމެޓީގައި ކުރި މަޝްވަރާތަކަށް ފަހު ނިންމި ނިންމުން ހާމަކޮށެވެ.

އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ވަނީ ޗާގޯސް މައްސަލަ ނިމުނު ގޮތަކީ ދިވެހިންނަށް ލިބުނު ކާމިޔާބީއެއް ކަމުގައި އެ ޕާޓީން ނުދެކޭ ކަމަށާއި މި ނިންމުމަކީ ޒަމާނުއްސުރެ ދިވެހިންނަށް ލިބެމުންދިޔަ އިގްތިސާދީ ގިނަ ފައިދާތަކަކަށް އުނިކަން ލިބިގެންދާނެ ކަމެއް ކަމަށެވެ.

ރާއްޖެއަކީ ކޮލޮނައިޒޭޝަނާ ދެކޮޅަށް އަބަދުވެސް ވޯޓު ދެމުން އަންނަ ގައުމެއްކަން ފާހަގަކޮށް އެމްއާރްއެމުން ބުނީ މޮރިޝަސްއިން ބޭނުންވާ ގޮތަށް ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ގެންދިޔަ ސަބަބަކީ އިނގިރޭސީންގެ އަތްދަށުން މޮރިޝަސް މިނިވަންވިއިރު ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމަށް ނުވާތީ އާއި ފޯޅަވަހި މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖެހިއްޖެ ނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކުޑަވެ އިގްތިސާދީ ސަރަހައްދުން ރާއްޖެއަށް ލިބެންވާ ގުދުރަތީ ވަސީލަތްތަކަަށް އުނިކަން ލިބޭނެތީ ކަމަށެވެ.

އަދި މި ނިންމުމުގެ ސަބަބުން އުނިވެގެންދިޔައީ ދިވެހި މަސްވެރިން މަހަށް ނުކުމެ އުޅޭ ކަނޑުގެ ބައެއް ކަމަށް ވުމުން މިއީ އިޔާދަ ނުކުރެވޭވަރުގެ ދެރައެއްކަންވެސް އެމްއާރްއެމުން ނެރުނު ބަޔާނުގައިވެއެވެ.

މޮރިޝަސްއަށް ޗާގޯސް އައިލެންޑްސް ދިނުމާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިނުމަށްފަހު އެ ސިޔާސަތު ބަދަލުކޮށް، ދިވެހި ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގެ ހަގީގަތް ރައްޔިތުންނަށް ހާމަ ނުކުރުމަކީ ފޮރުވިފައިވާ ކަންތައްތަކެއް ވާނެކަމަށް ރައްޔިތުން ދެކޭނެ ކަމަށްވެސް އެމްއާރްއެމުން ބުނެއެވެ.

ރާއްޖޭގެ ސިޔާދަތީ ހައްގަކަށް ކުޑަވެސް އުނިކަމެއް އަންނާނެ އެއްވެސް ނިންމުމަކަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަަމަށާއި ސަރުކާރުން އެފަދަ އެއްވެސް ނިންމުމެއް ނިންމާފައިވާނަމަ އެ ނިންމުމެއް ބަދަލު ކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.