ދެކުނު ކެމްޕޭން މެނޭޖަރ އިލްހާމް އަހުމަދު އިސްވެ ހުންނަވާ އެ ދާއިރާތަކުގެ މަސައްކަތައްތައް ކުރިއަށްގެންދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ޖުމްހޫރީ ޕާޓީން ބުނީ ޖޭޕީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހީމްގެ ކެމްޕޭނާއި ގުޅޭގޮތުން ދެކުނު ދާއިރާތަކުގެ މަސައްކަތް ރާވާލުމުގެ ބައްދަލުވުން މ. ކުނޫޒުގައި ބާއްވާފައިވާ ކަމަށެވެ.

މި ބައްދަލުވުން ލީޑްކުރެއްވީ ދެކުނު ކެމްޕޭން މެނޭޖަރ އިލްހާމް އަހުމަދު ކަމަށާއި މި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރ އަދި ޕާޓީގެ ޑެޕިއުޓީލީޑަރ އާއިޝަތު ނަހުލާ ބައިވެރިވެ ވަޑއިގެންނެވި ކަމަށެވެ.

ހަމަޖެހުމަކަށް ގާސިމް އިބްރާހީމް 2023 މިޝިއާރުގެ ދަށުން ޖޭޕީން އަންނަނީ އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުގައި މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތައް ހޯދަމުންނެވެ.

އިންތިޚާބުގެ މަސައްކަތްތައް ޖޭޕީން ކުރަމުން އަންނައިރު އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ގާސިމް އިބްރާހިމްގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސަވާފައިވަނީ އެމަނިކުފާނުގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމްއެވެ.

މިކަން ހާމަކޮށް ޖުމްހޫރީ ޕާޓީގެ ކައުންސިލް ގްރޫޕަށް ލީޑަރު ގާސިމް އިބްރާހިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖެ ބައިތަކަކަށް ބަހާލައިގެން ކެމްޕެއިންގެ އެންމެހާ ކަންކަން ޕާޓީގެ ސެކްރެޓޭރިއަޓާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އިލްހާމްއާ ހަވާލު ކުރެވިފައިވާ އަތޮޅުތަކަކީ ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީއެވެ. އަދި މާލޭގެ ދެބައިކުޅަ އެއްބައި އިލްހާމްއާ ވަނީ ހަވާލު ކުރައްވައިފައެވެ.

މި މަސައްކަތްތައް ކުރުމަށް ގާސިމް ހަމަޖައްސާފައިވާ ބޭފުޅުންގެ މަސައްކަތަށް ބޭނުންފުޅު ވާނެ އެންމެހާ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ޕާޓީގެ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުންނާއި އަދި ޕާޓީގެ ކޮމިޓީތަކުގެ ހުރިހާ ބޭފުޅުންގެ އަރިހުން އެބޭފުޅަކު ނިސްބަތްވާ އަތޮޅެއް ހިމެނޭ ޓީމްއަކާ ގުޅިގެން ވީހާވެސް ބާރު ސްޕީޑްއެއްގައި އެއް ރޫހެއްގައި އެންމެން ގުޅިގެން މަސައްކަތްކޮށް ދެއްވުމަށް އޮނަރަބަލް ގާސިމް އިބްރާހިމްވަނީ އެދިލައްވާފައެވެ.