ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2023 ގެ އަންހެން ޑިވިޝަނުގައި، ގްރޫޕް ބީ އިން ސެމީ ފައިނަލްގެ ޖާގަ ހޯދި ޓީމުތައް ކަށަވަރުވެއްޖެއެވެ.

ގްރޫޕް ސްޓޭޖުގައި ގްރޫޕް ބީގެ ފަހު މެޗު މިއަދު ހަވީރު ކުޅުނު އިރު، މި މެޗުގައި ވާދަކުރީ ގޮއިދޫއާއި މާޅޮހެވެ. މި މެޗާ ކުރިމަތިލިއިރު ވެސް ގޮއިދޫއިން ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ. އެ ޓީމުން މެޗާ ކުރިމަތިލީ ގުރޫޕުގެ އެއްވަނަ މަގާމު ދެމެހެއްޓުމަށެވެ. މެޗުން ބަލިވެގެން ވެސް މާޅޮހަށް ސެމީގެ ޖާގައެއް ލިބެން އޮތްއިރު، ސެމީގެ ޖާގަ އެ ޓީމަށް ގެންލެން އޮތީ މެޗުގައި ގޮއިދޫއިން 11 ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ. އެހެން އެކަން ވެއްޖެނަމަ ސެމީއަށް ދާނީ އޭދަފުށި ޓީމެވެ.

ދަރަވަންދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި ގޮއިދޫއިން މާޅޮހުގެ މައްޗަށް ކުރިހޯދީ 0-8 ގެ ނަތީޖާއަކުންނެވެ.

މާޅޮހާ ދެކޮޅަށް ގޮއިދޫއިން ކުޅުނު މެޗުގެ ތެރެއިން --- އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

މެޗު ފަށައިގެން ތިން މިނެޓުގެ ތެރޭގައި ގޮއިދޫއިން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފިރުޝާނާ ނަސީރާއި، ޝާނިޔާ އަހްމަދު ނިޒާމެވެ. މީގެތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ފިރުޝާނާއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޮއިދޫ ޓީމުން ވަނީ އިތުރު ދެ ލަނޑު ޖަހައި ފަސް ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ ވެސް ޝާނިޔާ އާއި ފިރުޝާނާއެވެ. މިއާއެކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ފިރުޝާނާ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ދެވަނަ ހާފުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ލަނޑެއް ފެނިގެންނުދިޔަ ނަމަވެސް، 11 ވަނަ މިނެޓުގެ ތެރޭގައި ފިރުޝާނާ ވަނީ އިތުރު ލަނޑެއް ޖަހައި ގޮއިދޫގެ ހަވަނަ ލަނޑު ފުރިހަމަކޮށްފައެވެ. މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ގޮއިދޫއިން އިތުރު ދެ ލަނޑު ޖެހިއިރު އެ ޓީމުގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މައީޝާ އަބްދުލް ހަންނާނެވެ. އެ ޓީމުން މެޗުގައި ޖެހި ފަހު ލަނޑު ކާމިޔާބުކޮށްދިނީ މާޔާ ވަޖީހުއެވެ.

މާޅޮހާ ދެކޮޅަށް ގޮއިދޫއިން ކުޅުނު މެޗުގެ ތެރެއިން --- އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫއަށް ހަތަރު ލަނޑު ޖަހައިދިން ފިރުޝާނާއެވެ.

މިއާއެކު މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ގޮއިދޫއިން ޖެހި ޖުމްލަ ލަނޑުގެ އަދަދަކީ 29 އެވެ. އެ ޓީމު ކޮޅަށް ގުރޫޕު ސްޓޭޖުގެ މެޗުތައް ނިމުނުއިރު އެންމެ ލަނޑެއް ވެސް ވަދެފައެއް ނުވެއެވެ. ގްރޫޕް ސްޓޭޖުގައި ގޮއިދޫއިން ކުޅުނު ތިން މެޗުވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.

ގުރޫޕުގެ އެއްވަނައިގައި ގޮއިދޫ އޮތީ ތިން މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް މާޅޮހަށް އަދި ތިންވަނައިގައި އޮތް އޭދަފުއްޓަށް ހަތަރު ޕޮއިންޓު ލިބިފައިވެއެވެ. މާޅޮހަށް ތާވަލުގައި ކުރިލިބި، ސެމީގެ ޖާގަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ފައިދާ ގޯލުގެ ގޮތުގައި މާޅޮހަށް އެއް ގޯލު ލިބިފައިވާއިރު އޭދަފުއްޓަށް ގެއްލުން އެއް ގޯލު އެބައޮތެވެ.

މިއަދުގެ މެޗާއެކު ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2023 ގެ އަންހެން ޑިވިޝަނުގެ ގުރޫޕު ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމުނުއިރު، ގުރޫޕު އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުގެ ޖާގަ ހޯދާފައިވަނީ ދަރަވަންދޫއެވެ. ދެވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ދޮންފަނެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. ސެމީގެ އެއް މެޗުގައި ބައްދަލުކުރާނީ ދަރަވަންދޫއާއި މާޅޮހެވެ. ސެމީގެ އަނެއް މެޗުގައި ކުރިމަތިލާނީ ގޮއިދޫއާއި ދޮންފަނު ޓީމެވެ.

މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް އިސްލާމިކް ބެންކް، މަންޓާ އެއާ، ދިރާގު އަދި ވީމީޑިއާގެ އިތުރުން ބަޔޮސްފިއަރ އިން އެވެ.

މުބާރާތުގެ ދެ ޑިވިޝަނުގެ ހުރިހާ މެޗެއްގެ އަދާހަމަ ވީމީޑިއާގެ "ވީނިއުސް" އިން ގެނެސްދޭނެއެވެ. އަދި މުބާރާތުގެ ފައިނަލް މެޗުތައް "ވީޓީވީ"އިން ވަގުތުން ދުރަށް ދައްކާނެއެވެ.