ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2023 ގެ ސެމީ ފައިނަލުގެ ފަހު ޖާގަ ފެހެންދޫއިން ހޯދައިފިއެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ފެހެންދޫ ދަތުރުކުރީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކަމަދޫގެ މައްޗަށް 0-5 އިން ކުރިހޯދައިގެންނެވެ. މި މެޗު އެއްވަރުވި ނަމަ ނުވަތަ މެޗުން ފެހެންދޫ ބަލިވި ނަމަ ސެމީގެ ޖާގަ ލިބޭނީ ކިހާދޫއަށެވެ.

ދަރަވަންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފިރިހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ފެހެންދޫ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ތިންވަނަ މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ ލަނޑެއްޖަހައި ލީޑުނަގާފައެވެ. ދުރުދުރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރީހާންއެވެ.

ފެހެންދޫއާއި ކަމަދޫ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

އެފަހުން މިހާފުގެ ހަވަނަ މިނެޓުގައި ހަސަން ސާޖިދު ވަނީ ފެހެންދޫގެ ލީޑު ފުޅާކޮށްދީފައެވެ.

މި ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް، ދެ ޓީމުން ވެސް ވަނީ ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ދެވަނަ ހާފުގައި ފެހެންދޫއިން ތިން ލަނޑު ޖެހިއިރު މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ނިޒާމްއާއި ކެޕްޓަން އަހްމަދު ބައްސާމް މުހައްމަދު ނިޒާމްގެ އިތުރުން މީޝަން ނައީމެވެ.

ފެހެންދޫއާއި ކަމަދޫ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ އަހްމަދު ޔާނިއު - ބ. އަތޮޅު ކައުންސިލް

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަހްމަދު ނިޒާމެވެ.

މި މޮޅާއެކު ފެހެންދޫއިން ސެމީގެ ޖާގައެއް ހޯދީ ގުރޫޕުގެ ދެވަނައިގެ ގޮތުގައެވެ. އެއީ ތިން މެޗުން ފަސް ޕޮއިންޓާއެކުއެވެ. ތާވަލުގެ ތިންވަނަ ލިބުނީ ތިން މެޗުން ހަތަރު ޕޮއިންޓު ހޯދި ކިހާދޫއަށެވެ. ކަމަދޫއަށް ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮންނަން ޖެހުނުއިރު، ތާވަލުގެ އެއްވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓު ހޯދާފައިވާ ދަރަވަންދޫއެވެ.

ގްރޫޕް އޭއިން ދަރަވަންދޫއާއި ފެހެންދޫ ސެމީއަށް ދަތުރުކުރިއިރު ގްރޫޕް ބީއިން ސެމީގެ ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގެ ތިން މެޗު ވެސް ކާމިޔާބުކުރި އޭދަފުއްޓާއި ތިން މެޗުން ހަ ޕޮއިންޓު ހޯދި ހިތާދޫއެވެ.

ސެމީ ފައިނަލުގެ އެއް މެޗުގައި ދަރަވަންދޫއާއި ހިތާދޫ ވާދަކުރާއިރު އަނެއް މެޗުގައި ކުޅޭނީ އޭދަފުއްޓާއި ފެހެންދޫއެވެ.