ޖުމްލަ 800 އަށް ވުރެ ގިނަ ކުދިންނާއިއެކު ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ވާއު ކިޑްސް ރަން ބާއްވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއާއި ޓޯޓަލް ފިޓްނަސް ގްރޫޕްގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވާއު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާއެކު ނިންމާލާފައިވަނީ މިއަދު ހެނދުނެވެ.

މި ދުވުމުން ބާއްވާފައިވަނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ.

3 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންނަށް 1 ކިލޯ މީޓަރު ދުވުން އަދި 6 އަހަރާއި 8 އަހަރާ ދެމެދުގެ ކުދިންނަށް 2 ކިލޯ މީޓަރުގެ ދުވުން މީގެ އިތުރުން 9 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް 3 ކިލޯ މީޓަރުގެ ދުވުމަށް ވަނީ ފުރުސަތު ފަހިކޮށްދީފައެވެ.

ގައުމީ ބޭންކުން ބުނީ މި ދުވުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ އަމާޒުގައި ބާއްވަމުން އަންނަ ހަރަކާތެއް ކަމަށެވެ.

ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކުވެސް ދުވުން ނިންމި ވަގުތު މެޑަލް ދީފައިވާއިރު މި ދުވުމަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ލިބޭ ދުވުމެެއްކަމަށް ބޭންކް އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

މިއަހަރަކީ ބޭންކް އޮފް މޯލްޑިވްސްއާއި ޓޯޓަލް ފިޓްނަސް ގްރޫޕް ގުޅިގެން ދުވުން ބޭއްވި ހަވަނަ އަހަރެވެ.

ރައްޔިތުންނަށް ފޯރުކޮށްދޭ އާއްމު ހިދުމަތުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް ފާހަގަކޮށްލެވެނީ އިޖްތިމާއީ ކަންކަމުގައި ހަރަކާތްތެރި ވާގިވެރި އިދާރާއެއްގެ ގޮތުގައެވެ.