ދުނިޔެއަކީ އެއަށްޓަކައި އަރާރުންވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ރުޅި މަތަކުރުމުގެ ޖަޒާއަކީ ސުވަރުގެ" މި މައުލޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި އިއްވި މިއަދުގެ ހުކުރު ހުތުބާގައިވަނީ ރުޅި މަޑުކުރުމަށާއި ރުޅިވެރިކަން އުފެދިދާނެ އަމަލުތަކުން ދުރުހެލިވުމަށް އުއްމަތަށް މާތް ނަބިއްޔާ އިރުޝާދު ދީފައިވާކަން ހަނދާންކޮށްދީފައެވެ.
އަދި ރުޅިމަތަކުރުމަކީ މުހިންމު ކަމަށް ނުވާނަމަ އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީސްކަން ހާމަކުރައްވައި ހުތުބާގައި ބުނީ ރުޅި މަތަކުރުމާއި އިހުސާންތެރިވުމަކީ މާތް ﷲ އާއި އެކަލާނގެ ނަބިއްޔާ ލޯބިވެވޮޑިގެންވާ އަމަލެއްކަން ބަޔާންކޮށްދީފައެވެ.
އެގޮތުން ރުޅި މަޑުކުރުމުގައި މާތް ނަބިއްޔާއާއި އެކަލޭގެފާނުގެ ލޮބުވެތި އަސްހާބުން ދެއްކެވި ރީތި ނަމޫނާ އެބޭކަލުންގެ ސިޔަރަތުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދީފައި ވެއެވެ.
އަދި ރަބީޢާ ޤަބީލާގެ ވެރިޔާ އަޝައްޖު އަބްދުލް ގައިސާއި މުޚާޠަބު ކުރައްވައި މާތް ނަބިއްޔާ ޙަދީޘް ކުރެވި ބަސްފުޅުން ހުތުބާގައިވަނީ ރުޅި މަޑުކުރުމުގެ މުހިންމުކަމުން މިސާލު ދައްކަވާފައެވެ.
ރުޅިއަކީ ޝައިތާނާ އިންސާނާގެ ހަށިގަނޑުތެރެއަށް އުކާ އަލިފާން އަނގުރުތަކެއްކަމަށް ބަޔާންކޮށްދެމުން ހުތުބާގައި ބުނީ ޝައިތާނާ މަސައްކަތްކުރަނީ އިންސާނާ ލައްވައި ރުޅިއަރުވައިގެން ކުށް ފާފަތަކަށް އަރައިގަނުވަން ކަމަށެވެ.
އިސްލާމީ އުއްމަތުގެ މާޒީއަކީ ރުޅި އިސްނުކުރާ ހިލްމުވެރި އުއްމަތެއްކަމަށާއި އުއްމަތުގެ އަފްރާދުން މަސައްކަތް ކޮށްފައިވަނީ އުއްމަތް ބިނާކޮށް އާރާސްތު ކުރުމަށްކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ. އަދި އިންސާނުންނަކީ އެބައިމީހުންގެ ފިތުރަތުގައި ރުޅި އައުމުގެ ސިފަ ލައްވާފައިވާ ބައެއްކަމުން އެބައިމީހުންގެ ގާތައް ރުޅިވެސް އަންނާނެކަމަސާއި އެހެންނަމަވެސް މުސްލިމުން ރުޅިއަންނާނީ ﷲ އަށް ޓަކައި ހައްގަށްޓަކައިކަމުގައި ހުތުބާގައި ބުނެދިނެވެ.
އެކުވެރިކަމާއި އަވަށްޓެރިކަމުގައި ރުޅި އިސްނުކުރުމަށް އެންމެހާ މުސްލިމުންނަށް ގޮވާލަމުން ހުތުބާގައި ބުނީ ﷲގެ ހަޒުރަތުގައި ދުނިޔެއަކީ މަދިރިއެއްގެ ފިޔައަކަށްވުރެ އަގު ދަށް ތަނެއްކަމުން ދުނިޔެއަކީ އެއަށްޓަކައި މުސްލިމުން އަރާރުންވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫންކަމަށެވެ.
އަޅުގަނޑުމެންގެ ނަބިއްޔާއަކީ އެކަލޭގެފާނުގެ ދުންޔަވީ އެއްވެސް ކަމެއްގައި ކޯފާއިސްނުކުރައްވާ ބޭކަލެއްކަން ހާމަކޮށްދެމުން ހުތުބާ ނިންމާލީ ދުންޔަވީ ހުރިހާ ކަމެއްގައި އެކަލޭގެފާނު ނަމޫނާ އަކަށް ބެލުމަށް ހުރިހާ މުސްލިމުންނަށް ގޮވާލަމުންނެވެ.