ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓުން ބުނީ، ލަފާ ކުރެވޭ ގޮތުގައި މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

މެޓުން ބުނީ، ވައި ޖެހޭނެ ކަމަށް ލަފާކުރަނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. ރާޅުގެ އެންމެ އުސްމިނަކީ 3 ފޫޓު ކަމަށް މެޓު އޮފީހުން އަންދާޒާކުރެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ލަފާކުރި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވުން އެކަށީގެންވެއެވެ. ސަބަބަކީ މިއަހަރުގެ ހުޅަނގު މޫސުން ފެށިފައިވާތީއެވެ.

ފާއިތުވި ދުވަސްތަކުގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ ސަމާލުތައްވެސް ނެރުނެވެ.

ހުޅަނގު މޫސުން ފެށިފައިވަނީ މިމަހުގެ ކުރީކޮޅުއެވެ. މިދިޔަ ދެ ހަފުތާއެއްހާ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެކި ވަގުތުތަކުގައި ވަރަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގައިފައެވެ.

މޫސުން ގޯސް ދުވަސްވަރުގައި، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ކަނޑުދަތުރުފަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރުފަތުރުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރު ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރާ އުޅަނދުފަހަރުގައި، ވަކި ހާލަތްތަކުގައި ފަސިންޖަރުން ލައިފްޖެކެޓް އެޅުވުމާއި، ލައިފްޖެކެޓް އަޅާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

އާންމު ދަތުރުފަތުރުގެ ގޮތުގައި ފެރީގެ ހިދުމަތް ދިނުމަށާއި، މީހުން އުފުލާ ހުރިހާ އުޅަނދުފަހަރުގައި ލައިފްޖެކެޓް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އަދި އުޅަނދު ފުރުމުގެ ކުރިން ލައިފްޖެކެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފަސިންޖަރުންނަށް ފޯރުކޮށްދޭން ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.

ދަތުރުމަތީގައި އެއްވެސް ބޭނުމެއްގައި ނޫނީ އެއްވެސް ހާލަތެއް މެދުވެރިވެގެން ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ގެގަނޑުން ބޭރަށް ނުކުންނަންޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެންނެވެ.