ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް ރައްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ގުގުރުންވެސް އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓުން ބުނީ، ލަފާ ކުރެވޭ ގޮތުގައި މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް، ބައެއް ރައްތަކަށް ކެރީގެ އަސަރު ފޯރާނެއެވެ. އަދި ގުގުރުން އެކަށީގެންވެއެވެ.

މެޓުން ބުނީ، ވައި ޖެހޭނެ ކަމަށް ލަފާކުރަނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. ރާޅުގެ އެންމެ އުސްމިނަކީ 3 ފޫޓު ކަމަށް މެޓު އޮފީހުން އަންދާޒާކުރެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ލަފާކުރި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވުން އެކަށީގެންވެއެވެ. ސަބަބަކީ މިއަހަރުގެ ހުޅަނގު މޫސުން ފެށިފައިވާތީއެވެ.

ފާއިތުވި ދުވަސްތަކުގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ ސަމާލުތައްވެސް ނެރުނެވެ.

ހުޅަނގު މޫސުން ފެށިފައިވަނީ މިމަހުގެ ކުރީކޮޅުއެވެ. މިދިޔަ ދެ ހަފުތާއެއްހާ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެކި ވަގުތުތަކުގައި ވަރަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގައިފައެވެ.

މޫސުން ގޯސް ދުވަސްވަރުގައި، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ކަނޑުދަތުރުފަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރުފަތުރުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.