އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އަމާޒު ހިފާފައިވާ ޖުމްހޫރީ ޕާޓީއަށް މިއަދު އެކަނިވެސް 365 މެމްބަރުން އަލަށް ގުޅިއްޖެއެވެ.

ރިޔާސީ އިންތިހާބުގެ އެންމެ އުއްމީދީ ޕާޓީގެ ގޮތުގައި ސިފަކުރެވޭ ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނީ 5 ދާއިރާއެއްގެ މެމްބަރުންނެވެ. އެއީ ގއ. ވިލިގިނލި ދާއިރާއިން 150 މެމްބަރުން، ލ.ގަމު ދާއިރާއިން 65 މެމްބަރުން، ރ. ދުވާފަރު ދާއިރާއިން 50 މެމްބަރުން އަދި އެ އަތޮޅު މަޑުއްވަރި ދާއިރާއިން 50 މެމްބަރުންގެ އިތުރުން އަލިފުށި ދާއިރާއިން 50 މެމްބަރުންނެވެ.

މެމްބަރުންގެ ފޯމުތަކާ ޕާޓީގެ ފަރާތުން ހަވާލުވެވަޑައިގަތީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ޤާސިމް އިބްރާޙީމް އެވެ.

ފަހަކަށް އައިސް ޖޭޕީއާ އަލަށް ގުޅިވަޑައިގަންނަވާ މެމްބަރުންގެ އަދަދު އިތުރު ވެފައިވާއިރު ޕާޓީއާ އަލަށް ގުޅެމުންދާ މެމްބަރުންގެ ތެރޭގައި، ގިނައަދަދެއްގެ ޒުވާނުންނާއި، ފަނުންވެރިންގެ އިތުރުން ކަނބަލުން ހިމެނެއެވެ.

ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވެފައިވާއިރު ޖުމްހޫރީ ޕާޓީ ފާހަގަކުރެވެނީ ސިޔާސީ ގޮތުން ހަރަކާތްތެރި ޕާޓީއެއްގެ ގޮތުގައެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ގާސިމް އިބްރާހިމްގެ ކެމްޕެއިން މެނޭޖަރުންގެ ގޮތުގައި އެމަނިކުފާނު ވަނީ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ހަމަޖައްސަވާފައެވެ.

މިކަން ހާމަކޮށް ޕާޓީގެ ކައުންސިލް ގްރޫޕަށް ފޮނުއްވި މެސެޖްގައި ގާސިމް ވިދާޅުވި ގޮތުގައި ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމާއި ކެމްޕެއިން ލޯންޗިން އިވެންޓާ ގުޅޭ ހުރިހާ ކަމެއް ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ކުރިއަށް ގެންދަވާނީ އިލްހާމާއި އަމީނެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނު ބަހާލައިގެން ބާއްވާ ހަރަކާތްތަކުގެ އެންމެހާ ކަންކަން ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ހިންގާނީވެސް އިލްހާމާއި އަމީން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

އެހެންކަމުން މި މަސައްކަތްތައް ކުރުމަށް އެމަނިކުފާނު ހަމަޖައްސާފައިވާ ބޭފުޅުންގެ މަސައްކަތަށް ބޭނުންފުޅުވާނެ އެންމެހާ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ޕާޓީގެ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުންނާއި އަދި ޕާޓީގެ ކޮމިޓީތަކުގެ ހުރިހާ ބޭފުޅުންގެ އަރިހުން އެބޭފުޅަކު ނިސްބަތްވާ އަތޮޅެއް ހިމެނޭ ޓީމަކާ ގުޅިގެން ވީހާވެސް ބާރު ސްޕީޑްއެއްގައި އެއް ރޫހެއްގައި އެންމެން ގުޅިގެން މަސައްކަތްކޮށް ދެއްވުމަށް އޮނަރަބަލް ގާސިމް އިބްރާހިމްވަނީ އެދިލައްވާފައެވެ.

ރާއްޖޭގައި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީގައި 23،000 އެއްހައި މެމްބަރުން ތިބޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެ ޕާޓީގެ އަމާޒަކީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އަދަދު ބޮޑުތަނުން އިތުރުކުރުމެވެ. މި އަޒުމުގައި ޕާޓީން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވައި، ހިންގަމުންނެވެ.