ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅު ރަށްތަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލި ފުރަތަމަ ފުޓްސަލް މުބާރާތް، ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2023 ގެ އަންހެން ޑިވިޝަނުގެ ފައިނަލަށް، ގްރޫޕް އޭގެ އެއްވަނަ ދަރަވަންދޫއާއި، ގްރޫޕް ބީގެ އެއްވަނަ ގޮއިދޫ ދަތުރުކޮށްފިއެވެ.
މުބާރާތުގެ ފައިނަލަށް ދަރަވަންދޫ ދަތުރުކުރީ، ސެމީ ފައިނަލުގައި މާޅޮހުގެ މައްޗަށް 0-1 ގެ ހަނި ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
މުޅި މެޗުގައި ވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި، މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމުން ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗު ނިމުނުއިރު މި ފުރުސަތުތަކުގެ ބޭނުންހިފީ ދަރަވަންދޫއިންނެވެ. އެއީ ދެވަނަ ހާފުގައި، ހާފުގެ ހަތްވަނަ މިނެޓުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފާތިމަތު މާހާއެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަރަވަންދޫގެ ސަޖުވާ އިބްރާޙީމް ރަޝީދެވެ.
ދަރަވަންދޫއިން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި، ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، ނުވަ ޕޮއިންޓާއެކުއެވެ. އެ ޓީމުން ވަނީ މުބާރާތުގައި މިހާތަނަށް ޖުމްލަ 11 ލަނޑު ޖަހާފައެވެ. ފައިނަލާ ހަމައަށް ދަތުރުކުރިއިރު ދަރަވަންދޫ ކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ.
މީގެއިތުރުން، މުބާރާތުގައި މިހާތަނަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ގޮއިދޫއިން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ، ގްރޫޕް އޭގެ ދެވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކުރި ދޮންފަނު ބަލިކޮށްގެންނެވެ.
މި މެޗު ގޮއިދޫއިން ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ގޮއިދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ފިރުޝާނާ ނަސީރާއި މައީޝާ އަބްދުލް ހަންނާނެވެ. ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކޮށްފައިވެއެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މައީޝާއެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ މެޗު ނިމުނުއިރު، ގޮއިދޫއިން ވަނީ މުބާރާތުގައި މިހާތަނަށް 33 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެތެރެއިން 26 ލަނޑު ޖަހައިދިނީ ފިރުޝާނާއާއި މައީޝާއެވެ. މި ދެ ކުޅުންތެރިން، ކޮންމެ ކުޅުންތެރިއަކު މިހާތަނަށް 13 ލަނޑު ޖަހާފައިވާއިރު، މި ދެ ކުޅުންތެރިންނަކީ އަންހެން ޑިވިޝަނުގެ ޖޮއިންޓް ޓޮޕް ސްކޯރަރ އިންނެވެ.
މުބާރާތުގައި މިހާތަނަށް އެއްވެސް މެޗަކުން ދަރަވަންދޫއާއި ގޮއިދޫ ކަނބަލުންގެ ޓީމުތައް ބަލިވެފައި ނުވާއިރު، މި ޑިވިޝަންގެ ފައިނަލް މެޗު ވެގެންދާނީ ވަރަށް ވާދަވެރި، ފޯރިގަދަ ފައިނަލް މެޗަކަށެވެ. މި ދެ ޓީމުންކުރެ އެއްވެސް ޓީމެއް ކޮޅަށް މިހާތަނަށް ލަނޑެއް ވަދެފައި ނުވާކަމީ އެކަން ސާބިތުކޮށްދޭ ހެއްކެކެވެ. އަދި މި ދެ ޓީމަކީ ވެސް މުބާރާތުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވާ ޓީމުތަކެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު، ދަރަވަންދޫ ފުޓްސަލް ދަނޑުގައެވެ. މި މެޗު ވީމީޑިއާގެ ވީޓީވީން ވަގުތުން ދުރަށް ދައްކާނެއެވެ. ވީމީޑިއާގެ ވީނިއުސް އިން ވާނީ މިހާތަނަށް އަންހެން ޑިވިޝަނުގައި ކުޅުނު މެޗުތަކުގެ އަދާހަމަ ކިޔުންތެރިންނާ ހަމައަށް ގެނެސްދީފައެވެ.
މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް އިސްލާމިކް ބެންކް، މަންޓާ އެއާ، ދިރާގު އަދި ވީމީޑިއާގެ އިތުރުން ބަޔޮސްފިއަރ އިން އެވެ.