އދ. މަހިބަދޫގައި އެޅުމަށް ހަމަޖެހިފައިވާ ވޮލީކޯޓަށް ބޭނުންވާ ސާމާނު ވިލާ ފައުންޑޭޝަންގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ފަރާތުން ހަދިޔާކުރައްވައިފިއެވެ.
މަހިބަދޫ ކައުންސިލުންވަނީ ވޮލީކޯޓަށް ބޭނުންވާ ޓާފް، ވޮލީ ޕޯސްޓް އަދި ލައިޓްޕޯސްޓްތައް މަހިބަދޫއަށް ޤާސިމް އިބްރާހީމް ފޮނުއްވައިދެއްވާފައިވާކަން ހާމަކުރައްވާފައެވެ.
މިއީ މަހިބަދޫގެ ރައްޔިތުންނަށް އެމަނިކުފާނު ވެދެއްވި ދީލަތި އެހީތެރިކަމެއްކަން ފާހަގަކުރައްވައި، އެކަމަށްޓަކައި މަހިބަދޫ ކައުންސިލްގެ ނަމުގައްޔާއި، މަހިބަދޫ ރައްޔިތުންގެ ނަމުގައި ޤާސިމް އިބްރާހީމަށް ކައުންސިލްގެ ފަރާތުން ވަނީ ވަރަށްބޮޑަށް ޝުކުރުއަދާކުރައްވާފައެވެ.
ޤާސިމް އިބްރާހިމަކީ ރާއްޖޭގެ ރަށްތަކުގެ ތަޢުލީމާއި، އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށްޓަކައި މިވޭތުވި ސާޅީހަކަށް އަހަރު، އެންމެ ދީލަތި އެހީތެރިކަމެއް ވެދެއްވާފައިވާ އެއް ފަރުދެވެ.
އިންސާނީ ޚިދުމަތަށް ބަލާއިރު، ރާއްޖެއިން ބޭރަށް ދިވެހީން ފޮނުއްވައިގެން ބޮޑެތި ބަލިތަކަށް ބޭސްފަރުވާކޮށްދެއްވުމުގައި އެންމެ ދިގުމުއްދަތެއް ހޭދަކުރެއްވި އަމިއްލަ ފަރުދަކީ އެމަނިކުފާނެވެ. ރާއްޖޭގައި އިންސާނިއްޔަތަށް ޚިދުމަތްކުރާ ފައުންޑޭޝަނެއް ފުރަތަމަ އުފެއްދެވީ ޤާސިމެވެ. އަދި ދިވެހި ދަރީންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފުޅާކުރެއްވުމަށް ސްކޮލަރޝިޕް ސްކީމެއް ފުރަތަމަ ތަޢާރުފް ކުރައްވަން ފެށްޓެވީވެސް ޤާސިމެވެ.
ރާއްޖޭގެ ޓުއަރިޒަމްގައި މޫދުކޮޓަރި ތަޢާރަފްކޮށްދެއްވުމާއި، ރިޒޯޓްތަކުގެ މުވައްޒަފުންނަށް ރަނގަޅު އެކޮމޮޑޭޝަން ދެއްވުމާއި، މަސްވެރިކަމުގެ ބިޔަ އިންވެސްޓްތައް ކުރައްވައި ބޮޑުއަގުގައި މަސްވެރީންގެ އަތުން މަސް ބައްލަވައިގަންނަވަން ފެށްޓެވުމާއި، ޕްރައިވެޓް އެއަރޕޯޓްތައް ރާއްޖޭގައި ބިނާކުރުމަށް އިސްނެންގެވުމާއި، ޕްރައިވެޓް ކޮލެޖެއް ރާއްޖޭގައި އަލަށް އުފެއްދެވުން ފަދަ ކަންކަމަކީ، ޤައުމީގޮތުން ފާހަގަކޮށްލެވޭ ބޮޑެތި އިންވެސްޓްމަންޓްތަކެވެ. ވިޔަފާރި ކުރިއެރުވުމާއި އިންސާނިއްޔަތަށް އެހީތެރިވުމުގައި ޤާސިމް ހޯއްދަވާފައިވާ ބޮޑެތި ކާމިޔާބީ ވަޒަންކޮށް، މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިން އެމަނިކުފާނަށް ވަނީ އޮނަރަރީ ޕީ.އެޗް.ޑީ އަރުވާފައެވެ.
އަދި، ތަޢުލީމަށްޓަކައި ޤާސިމް ކުރެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކޮށް ވާރލްޑް އެޑިޔުކޭޝަން ފޯރަމުގެ ފަރާތުން ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އެމަނިކުފާނަށް އަރުވާފައެވެ. ޤައުމީ ޚިދުމަތުގެ ތަފާތު އެކި ދާއިރާތަކުން ހިތްވަރުދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު، އެންމެ ގިނަ އަދަދަކަށް ހާސިލު ކުރައްވާފައިވާ އެއްބޭފުޅަކީ ޤާސިމް އިބްރާހީމްކަންވެސް ފާހަގަކުރެވެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ހިންގާފައިވާ ސިޔާސީ އިޞްލާޙާއި ޑިމޮކްރަސީގެ ޙަރަކާތްތަކުގައި ޤާސިމްވަނީ އިސްދައުރެއް އަދާކުރައްވާފައެވެ.