ކްރޮއޭޝިއާގައި ކުރިއަށްދާ އެޑްރިއާ ޔޫތު އިންޓަނޭޝަނަލް 2023 މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓުގެ ފައިނަލުގެ ޖާގަ، ރާއްޖޭގެ އަރަމުންއަންނަ ބެޓްމިންޓަން ތަރި ލައިބާ އަހްމަދު މަހުލޫފް ހޯދައިފިއެވެ.
މި އިވެންޓުގައި ލައިބާގެ ޕާޓްނަރަކީ، ސްލޮވީނިއާގެ މަޓިޗް އެވެ. ފައިނަލުގެ ޖާގައެއް މި ދެ ކުޅުންތެރިންގެ ޕެއާއިން ހޯދީ ސެމީ ފައިނަލުގައި ސްލޮވާކިއާގެ މަޓެޖްކާއާއި މަލަކޯވާގެ ޕެއާގެ އަތުން ކުރިހޯދައިގެންނެވެ. މި މެޗުގެ ދެ ސެޓުވެސް ލައިބާއާއި މަޓިޗްގެ ޕެއާއިން ކާމިޔާބުކުރީ 19-21 އިންނެވެ.
11 އަހަރުން ދަށުގެ އުމުރުފުރައިގެ މިކްސްޑް ޑަބަލްސް އިވެންޓުގެ ފައިނަލުގެ ޖާގައެއް ލައިބާ ހޯދިއިރު، ލައިބާ ވަނީ މުބާރާތުގެ ޑަބަލްސް އިވެންޓުގައި އާއި، ސިންގަލްސް އިވެންޓުގައި ވެސް ވާދަކޮށްފައެވެ.
ޑަބަލްސް އިވެންޓޫގައި ސްލޮވީނިއާގެ ޕިއާ އާ ރާއްޖޭގެ ލައިބާގެ ޕެއާއިން ސްލޮވާކިއާގެ ލައުރާއާއި ސާރާގެ ޕެއާއާ ދެކޮޅަށްކުޅެ ފުރަތަމަ މެޗުން މޮޅުވި ނަމަވެސް، ދެވަނަ މެޗުގައި އެންޑްރިއާ ޑުރިކޯވާއާއި އެޑީލާ މަލަކޯވާގެ ޕެއާއާ ވާދަކޮށް ކުރިމަތިވީ ނާކާމިޔާބީއެވެ.
ސިންގަލްސް އިވެންޓުގައި ލައިބާ ވާދަކުރަން ޖެހުނީ ސްލޮވީނިއާގެ އެއްވަނައަށް ރޭންކުކުރެވިފައިވާ ކުޅުންތެރިޔާއާއި ހަންގޭރީގެ އެއްވަނަ ކުޅުންތެރިޔާއާއެވެ. މީގެތެރެއިން ސްލޮވީނިއާގެ އެއްވަނަ ކުޅުންތެރިޔާއާ ދެކޮޅަށް ކުޅެ ލައިބާއަށް ނާކާމިޔާބީއާ ކުރިމަތިވީ ހަނި ފަރަގަކުންނެވެ. އެއީ 19-21 އަދި 21-23 އިންނެވެ. ހަންގޭރީގެ ރޯޒީ ފެއިންޑާ ދެކޮޅަށް ކުޅެ ލައިބާއަށް ނާކާމިޔާބީއާ ކުރިމަތިވި ނަމަވެސް، މި މެޗުތަކުން އޭނާ ވަނީ ރަނގަޅު ތަޖުރިބާއެއް ހޯދާފައެވެ.
ކްރޮއޭޝިއާގައި ކުރިއަށްދާ އެޑްރިއާ ޔޫތު އިންޓަނޭޝަނަލް 2023 މުބާރާތުގައި، މެކްސިކޯ، ސްލޮވީނިއާ، ރޮމޭނިއާ، ހަންގޭރީ، ސްލޮވާކިއާ، އޮސްޓްރިއާ އަދި ޗެކްރިޕަބްލިކުން ކުޅުންތެރިން ބައިވެރިވެފައިވެއެވެ.
މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓުގެ ފައިނަލުގެ ޖާގައެއް ހޯދައި، ލައިބާ މެޑަލް އެއް ކަށަވަރުކޮށްފައިވާއިރު، އުއްމީދީ ތަރި ވަނީ ހުސްވި އޭޕްރިލް މަހުގެ 28 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށް އިޓަލީގެ ބޮލްޒާނޯ ސިޓީގައި ކުރިއަށްދިޔަ ބޮޒްނާ ފްރޫލިން އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ ދެ އިވެންޓެއްގައި ލޯ މެޑަލް ހާސިލްކޮށްދީ، ރާއްޖެ ފަހުރުވެރިކޮށްދީފައެވެ. މިއީ ބައިނަލްއަގްވާމީ މައިދާނުގައި ލައިބާ ހޯދި ފުރަތަމަ މެޑަލް އެވެ.
މިދިޔަ އަހަރު ބެޑްމިންޓަން މުބާރާތްތަކުގައި ވާދަކުރަން ފެށި ލައިބާ ވަނީ ރާއްޖޭގެ މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ވެސް ހޯދާފައެވެ.
އެގޮތުން ލައިބާ ވަނީ، އަޖްފާން އިންޓަނޭޝަނަލް އެކަޑަމީން ބޭއްވި އައިބާ އޯޕަން ޖޫނިއާ ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި ވާދަކޮށް 10 އަހަރުން ދަށުގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓުން ލޯ މެޑަލް ހޯދާފައެވެ.
އޭގެފަހުން މިދިޔަ އަހަރު، 17 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި އައްޑޫ ސިޓީގައި ކުރިއަށްދިޔަ ދެކުނު ޒޯންގައި ވާދަކޮށް، އެ މުބާރާތުގެ ސިންގަލްސް އިވެންޓުން ރަން މެޑަލް ހާސިލްކޮށްފައިވެއެވެ. އެފަހުން ނ. ހޮޅުދޫގައި ބޭއްވި އުތުރު ޒޯންގެ މުބާރާތުގެ 13 އަހަރުން ދަށުގެ ބައިގެ ޑަބަލްސް އިވެންޓުން ލައިބާ ވަނީ ލޯ މެޑަލް ހޯދާފައެވެ.
މީގެއިތުރުން، މިއަހަރު ކުރީކޮޅު ނައިފަރު އޯޕަން މުބާރާތުގައި 15 އަހަރުން ދަށުގެ ޑަބަލްސް އިވެންޓުން ބްރޯންޒް މެޑަލް ހޯދައި، 10 އަހަރުން ދަށުގެ ސިންގަލްސް ބައިން ސިލްވާ މެޑަލް ހޯދާފައިވެއެވެ. އަދި މިދިޔަ އަހަރު ފަހުކޮޅުއައިބާއިންއިން މާލޭގައި ބޭއްވި ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ސިންގަލްސް އާއި ޑަބަލްސް އިވެންޓުގައި ލައިބާ ވަނީ އެއްވަނަ ހޯދާފައެވެ.
މި މުބާރާތުގައި ވެސް އަދި މީގެކުރިން އިޓަލީގައި ކުރިއަށްދިޔަ މުބާރާތުގައި ވެސް ލައިބާ ވާދަކޮށްފައި ވަނީ އަމިއްލަ ގޮތުން، އަމިއްލަ ޚަރަދުގައެވެ.
"ވީނިއުސް" އަށް މީގެކުރިން މައުލޫމާތުދެއްވަމުން އެލީގެ ބައްޕަ، މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވީ، ޔޫރަޕުގައި ކުރިއަށްދާނެ ތިން މުބާރާތެއްގައި ލައިބާ ބައިވެރިކުރުމަށް އެންޓްރީ ހަދާފައިވާނެ ކަމަށެވެ.