މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަށްލައްކައާ ގާތައް އަރައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، މެއި މަހުގެ 20 ވަނަ ދުވަހަށް ރާއްޖެ ޒިޔާރަތްކުރީ 768،677 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 16.2 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 661،525 ފަތުރުވެރިންނެވެ.

މިއަހަރުގެ މެއި މަހަށް އެކަނި ބަލާއިރު، މެއި މަހުގެ ފުރަތަމަ 20 ދުވަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 2022 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 5.1 އިންސައްތަ ދަށަށް ގޮސްފައެވެ. 2023 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރީ 80،382 ފަތުރުވެރިންނަކަމަށްވާއިރު، 2022 ވަނަ އަހަރުގެ މި މުއްދަތުގައި 84،721 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މި އަހަރު ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެގޮތުން ރަޝިޔާއިން ރާއްޖެއަށް 90،262 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އިންޑިއާއިން ރާއްޖެއަށް 86،988 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 70،485 ފަތުރުވެރިން މި މުއްދަތުގައި ޒިޔާރަތްކޮށްފައިވެއެވެ.

މި ލިސްޓުގައި ދެން ހިމެނެނީ، އިޓަލީ، ޖަރުމަނުވިލާތް، ޗައިނާ، އެމެރިކާ، ފްރާންސް، ސްވިޓްޒަލޭންޑްގެ އިތުރުން ސައުތު ކޮރެޔާއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،238 ތަނަކަށް ވަނީ ހުއްދަ ދީފައެވެ. އޭގެތެރެއިން މިހާރު ހިދުމަތްދެމުން އަންނަނީ، 1،234 ތަނަކުންކަމަށް ވާއިރު، އެއީ 174 ރިސޯޓާއި، 13 ހޮޓަލާއި، 899 ގެސްޓްހައުސްގެ އިތުރުން 152 ސަފާރީއެވެ.

މި އަހަރަށް ސަރުކާރުން އަމާޒުހިފާފައި ވަނީ 1.9 މިލިއަން ފަތުރުވެރިން ގެނެސް ޓޫރިޒަމްގެ ރެކޯޑެއް ހެދުމަށެވެ. މިދިޔަ 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިނެވެ. މި އަމާޒު ވާސިލްވެ، މިދިޔަ އަހަރު ރާއްޖެއަށް 1،675،303 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.