ކުރު މުއްދަތެއްގެ ތެރޭގައި ބެޑްމިންޓަންގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ރާއްޖޭގެ އަރަމުންއަންނަ ބެޑްމިންޓަން ތަރި، ލައިބާ އަހްމަދު މަހްލޫފް (އެލީ)، ބައިނަލްއަގްވާމީ މައިދާނުގައި ފުރަތަމަ ފައިނަލް ކުޅެ، ރިހި މެޑަލާއެކު ދިވެހިރާއްޖެ ފަހުރުވެރިކޮށްދީފިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ބެޑްމިންޓަންގެ ލޯކަލް މުބާރާތްތަކުގައި ވާދަކުރަން ފެށި އެލީ ވަނީ، ރާއްޖޭގައި ބޭއްވޭ މުބާރާތްތަކުގައި ވެސް މީގެކުރިން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިއާއެކު، އެލީއަށް މި ކުޅިވަރުގައި ކުރިއަށް ދެވޭނެކަމަށް ގަބޫލުކޮށް، އެލީގެ މައިންބަފައިން މިވަނީ އަމިއްލަ ޚަރަދުގައި، ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު އެލީއަށް ހޯދައިދީ، ކުޅިވަރުގެ މައިދާނުގައި ކުރިއަށް ދިއުމުގެ މަގު އެލީއަށް ފަހިކޮށްދީ، ހަރުދަނާ ބިންގަލެއް އަޅާދީފައެވެ.

ސަރުކާރާއި، ބެޑްމިންޓަން އެސޯސިއޭޝަންގެ ވެސް މާލީ އެހީތެރިކަން ނުހޯދައި އެލީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަމުން އަންނައިރު، ހުސްވި އޭޕްރިލް މަހުގެ 28 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށް އިޓަލީގެ ބޮލްޒާނޯ ސިޓީގައި ކުރިއަށްދިޔަ ބޮޒްނާ ފްރޫލިން އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ ދެ އިވެންޓެއްގައި އެލީ ވަނީ ލޯ މެޑަލް (ބްރޮންޒް މެޑަލް) ހާސިލްކޮށްފައެވެ. އެއީ އެ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގައި އާއި މިކްސްޑް ޑަބަލްސް އިވެންޓުގައެވެ. މިއީ ބައިނަލްއަގްވާމީ މައިދާނުގައި އެލީ ހޯދި ފުރަތަމަ މެޑަލް އެވެ.

އެދުުހު ހޯދި ލޯ މެޑަލާއެކު، ގައުމަށް އިތުރު ޝަރަފާއި ފަޚުރު ހޯދައިދިނުމުގެ އަޒުމުގައި ބުރަ މަސައްކަތްތަކެއްކޮށް، އެލީ މިވަނީ ބައިނަލްއަގްވާމީ އިތުރު މުބާރާތެއްގައި ވާދަކޮށް، އެ އަމާޒާ ހަމައަށް ވާސިލްވުމަށް ފިޔަވަޅެއް ކުރިއަށް ޖެހިލާފައެވެ. ކްރޮއޭޝިއާގައި ކުރިއަށްދިޔަ އެޑްރިއާ ޔޫތު އިންޓަނޭޝަނަލް 2023 މުބާރާތުގައި ވާދަކޮށް، ކުރިން އިޓަލީގައި ބޭއްވި މުބާރާތުގައި ލޯ މެޑަލް ހޯދި މިކްސްޑް ޑަބަލްސް އިވެންޓުގައި، އެލީ މިވަނީ ރިހި މެޑަލް ހާސިލްކޮށްފައެވެ.

މި އިވެންޓުގައި އެލީގެ ޕާޓްނަރެއްގެ ގޮތުގައި ކުޅުނީ، ސްލޮވީނިއާގެ މެޓިޗް ކެންޒް އޮގޯރެލެކެވެ.

މިކްސްޑް ޑަބަލްސް އިވެންޓުގައި ރިހި މެޑަލް ހޯދުމުގެ އިތުރުން އެލީ ވަނީ މި މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގައި ސްލޮވީނިއާގެ ޕިއާއާ އެއްކޮށް، ޕެއާއެއްގެ ގޮތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާ، މި ބައިގެ ލޯ މެޑަލް ހާސިލްކޮށްފައެވެ.

ބެޑްމިންޓަން ޔޫރަޕް ކަލަންޑަރުގައި ކުޅުނު ދެވަނަ މުބާރާތުގައި، ފުރަތަމަ މުބާރާތަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދައި ރިހި މެޑަލް އެއް ހޯދުމަށްފަހު އެލީ ބުނީ، މިއީ ނުހަނު ބޮޑު އުފާވެރިކަމެއް ގެނުވި ކާމިޔާބީއެއް ކަމަށެވެ. އަދި މިހާ ހިސާބަށް އައުމަށް އެހީތެރިވެދިން ކޯޗަށާއި، އެހީތެރިވެދިން އެހެން ހުރިހާ ފަރާތްތަކަށް އެލީ ވަނީ ޝުކުރު އަދާކޮށްފައެވެ.

ޔޫރަޕުގެ ގައުމުތަކުގެ ކުޅުންތެރިންނާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކޮށް، ގައުމު ފަހުރުވެރިކޮށްދެމުން އަންނަ އެލީ ވަނީ، މިދިޔަ އަހަރާއި މި އަހަރުގެ ކުރީކޮޅު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވި މުބާރާތްތަކުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި، މިދިޔަ އަހަރު ބޭއްވި 17 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި އައްޑޫ ސިޓީގައި ކުރިއަށްދިޔަ ދެކުނު ޒޯންގައި ވާދަކޮށް، އެ މުބާރާތުގެ ސިންގަލްސް އިވެންޓުން ރަން މެޑަލް އެލީ ހާސިލްކޮށްފައިވެއެވެ. އަދި މިދިޔަ އަހަރު ފަހުކޮޅުއައިބާއިންއިން މާލޭގައި ބޭއްވި ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ސިންގަލްސް އާއި ޑަބަލްސް އިވެންޓުގައި އެލީ ވަނީ އެއްވަނަ ހޯދާފައެވެ.

ލިބޭ ފުރުސަތުތަކުގެ ބޭނުންހިފައި، ތަމްރީނާއި ތަޖުރިބާއާއެކު އެލީ އަކީ ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ފާޙަގަކޮށްލެވޭ ޝަހްސިއްޔަތަކަށް ވުމުގެ ގާބިލްކަން ހުރި އެތުލީޓެއްކަން އެލީ މިވަނީ ސާބިތުކޮށްދީފައެވެ.