ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ 2023 ގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތައް އާދިއްތަ ދުވަހުގެރޭ ކުޅުނުއިރު، މުބާރާތް ބާއްވާ ރަށް، ދަރަވަންދޫ ކަޓުވާލުމަށްފަހު ހިތާދޫއިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރިއިރު، ސެމީގެ ދެވަނަ މެޗުގައި އޭދަފުށިން ފަރަގު ބޮޑު ނަތީޖާއަކުން ފެހެންދޫ ސިއްސުވާލުމަށްފަހު ފައިނަލްގެ ޖާގަ ހޯދައިފިއެވެ.
ދަރަވަންދޫ ފުޓްސަލް ދަނޑުގައި ދަރަވަންދޫއާއި ހިތާދޫ ބައްދަލުކުރި މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ހިތާދޫއިންނެވެ. ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގެ ތެރޭގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހުޒެއިފަތު ރަޝީދު (ހުޒޭ) އެވެ. ހުޒޭ މި ލަނޑު ކާމިޔާބުކޮށްދިނީ، ހާފުގެ މެދެއްހައި ހިސާބުން ބޯޅަހިފައިގެން ކުރިއަށް ގޮސް، އޭނާއަށް ހުރަސްއަޅަން މަސައްކަތްކުރި ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިއާގެ ބޭރުގައި ހުރެފައި ތިރިތިރިން ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
އެހެންނަމަވެސް، ދަރަވަންދޫގެ ކުޅުންތެރިން ވަނީ ކުޅުން ރަނގަޅުކޮށް، ހިތާދޫއިން ލަނޑުޖެހިތާ ދެ މިނެޓުފަހުން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ އޭރިއާ ތެރެއިން، ދަރަވަންދޫގެ އައްޝަމް އަހްމަދުއަށް ހިތާދޫގެ ރިމާހު އަހްމަދު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން، މުހައްމަދު ސިމާން ކާމިޔާބުކޮށްދިން ލަނޑެކެވެ.
ހަމަހަމަ ނަތީޖާއެއްގައި ދެ ޓީމު އޮވެ މެޗުގެ ވަގުތު ހަމަވުމުން، ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ހިތާދޫއިން ޕެނަލްޓީގައި މެޗު ކާމިޔާބުކުރީ 2-4 އިންނެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ހިތާދޫއިން ޕެނަލްޓީތައް ކާމިޔާބުކުރީ ރިމާހުއާއި، ހުޒޭގެ އިތުރުން، ވިޝާހް އަހްމަދު މަޖީދުއާއި ކީޕަރު ވިޝާން އަހްމަދު މަޖީދުއެވެ. ހިތާދޫއިން ޕެނަލްޓީ ނާކާމިޔާބުވި ހަމައެކަނި ކުޅުންތެރިއަކީ ސާޖިދު ރަޝީދުއެވެ.
ދަރަވަންދޫއިން ޕެނަލްޓީ ފޮނުވާލި ހަތަރު ކުޅުންތެރިންގެ ތެރެއިން ޕެނަލްޓީ ކާމިޔާބުކުރީ އައްޝަމްއާއި ސިމާން އެވެ. ޕެނަލްޓީ ނާކާމިޔާބުވީ ޝުޖާއު ހުސެއިންއާއި އަލީ ޝިމާއު އަށެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަރަވަންދޫގެ ކީޕަރު، މުހައްމަދު ރަޝްވާނެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ދެވަނަ ޖާގަ އޭދަފުށިން ހޯދީ، ސެމީ ފައިނަލުގައި ފެހެންދޫ 0-5 އިން ބަލިކުރުމަށްފަހުއެވެ.
މުޅި މެޗުހެން އޭދަފުށީގެ ކުޅުންތެރިން ޑޮމިނޭޓުކުރަމުން ދިޔައިރު އެ ޓީމުގެ ފުރަތަމަ ލަނޑު، މެޗު ފަށައިގެން ތިންވަނަ މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އިޝާން އިބްރާޙީމް (ސައްޓު) އެވެ. ހާފުގެ 11 ވަނަ މިނެޓުގެ ތެރޭގައި ސައްޓު ވަނީ އޭދަފުށީގެ ދެވަނަ ލަނޑު ޖަހައިދީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.
ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދެއެވެ. ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށި އޭދަފުށިން ވަނީ މި ހާފުގެ ވެސް ތިންވަނަ މިނެޓުގެ ތެރޭގައި ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އުނައިސް ޒުބެއިރުއެވެ.
މި ހާފުގެ 10 ވަނަ މިނެޓުގެ ތެރޭގައި ސައްޓު ވަނީ އޭދަފުށީގެ ހަތަރުވަނަ ލަނޑު، އަދި މެޗުގައި އޭނާ ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭދަފުށިން މެޗުގައި ފަސްވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަވަގުތު ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ޝަރީފެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުއްޓަށް މެޗު ކާމިޔާބުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ސައްޓުއެވެ.
މުބާރާތުގައި ފައިނަލް މެޗުގައި އޭދަފުއްޓާއި ހިތާދޫ ބައްދަލުކުރަން ޖެހުނުއިރު، މި ދެ ޓީމަށް ވެސް މި މެޗު ހާއްސަ ވާނެއެވެ. އެއީ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު މީގެކުރިން ބައްދަލުކޮށްފައިވާއިރު، އެ މެޗުން އޭދަފުށިން ކުރިހޯދާފައިވުމުން އެ ޓީމުން މާޒީ އިޔާދަކުރަން ނިކުންނައިރު، ހިތާދޫއިން ނުކުންނާނީ އޭދަފުށީގެ ކިބައިން ބަދަލުހިފުމަށް ކަމަށް ވާތީއެވެ.
މީގެއިތުރުން މި ދެ ޓީމުގައި ވެސް، ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިއަކު އެބަހުއްޓެވެ. އެގޮތުން ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ސައްޓު އޭދަފުށީ ޓީމުގައި ހުރިއިރު ގައުމީ ޓީމުގެ ހުނަރުވެރި ތަރި ހުޒޭ ހުރީ ހިތާދޫގައެވެ. މިއީ މި ދެ ކުޅުންތެރިންނަށް ހާއްސަ ކުރިމަތިލުމަކަށް ވެސް ވާނެއެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެ މެޗު ވީމީޑިއާގެ ވީޓީވީން ވަގުތުން ދުރަށް ދައްކާނެއެވެ. ވީނިއުސް އިން ވާނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުގެ އަދާހަމަ، ތާޒާ ކަމާއެކު ކިޔުންތެރިންނާ ހަމައަށް ގެނެސްދީފައެވެ.
މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް އިސްލާމިކް ބެންކް، މަންޓާ އެއާ، ދިރާގު އަދި ވީމީޑިއާގެ އިތުރުން ބަޔޮސްފިއަރ އިން އެވެ.