ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިސްވެ އުފައްދަން މަސައްކަތްކުރާ އައު ސިޔާސީ ޕާޓީ، "ދަ ޑިމޮކްރޭޓްސް" އަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމްގެ ލަފާފުޅާއި އިރުޝާދު ލިބެމުން އަންނަކަން "ދަ ޑިމޮކްރޭޓްސް"ގެ ތަރުޖަމާނު އަފްޝަން ލަތީފް ހާމަކުރައްވައިފިއެވެ.
އަފްޝަން މިކަން ހާމަކުރެއްވީ "ދަ ޑިމޮކްރޭޓްސް"ގެ ފަރާތުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ހ. މައިޒާންދޮށުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޝަން ވިދާޅުވީ، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމާއެކު "ދަ ޑިމޮކްރޭޓްސް"އިން ސިޔާސީ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ކަމަށާއި ޕާޓީ ހެދުމުގެ މަސައްކަތްކުރި ނަމަވެސް ޤާސިމާއެކު "ފިކުރެއްގެ ދިރުމުން" ކުރަމުން އައި ސިޔާސީ މަޝްވަރާތައް މެދުނުކެނޑޭ ކަމަށެވެ.
ޤާސިމް އިބްރާހީމަކީ އެމްޑީޕީ އުފެއްދުމުގައިވެސް އަދި އޭގެ މާކުރިން ވެސް ސިޔާސީ މަަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅެއް ކަމަށް އަފްޝަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަލަށް އުފައްދާ ޕާޓީއަށް ޤާސިމް އިބްރާހީމްގެ ލަފާފުޅާއި އިރުޝާދު ލިބެމުން އަންނަ ކަމަށެވެ.
ދާދިފަހުން، "ފިކުރެއްގެ ދިރުމާއި" ޖުމްހޫރީ ޕާޓީ ބޭއްްވި ބައްދަލުވުމަކަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ވާހަކަ ދެކެވެނީ، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާތީ އެ ޕާޓީގެ ސިޔާސަތުތަކާ ގުޅޭ ގޮތުންނާއި މެނިފެސްޓޯއެއް އެކުލަވާލުމާ ގުޅޭ ގޮތުން ކަމަށެވެ.
"މިއީ އެއް ރެއިން ނިންމާލާ ގޮތަށް ހިންގާ މަޝްވަރާތަކެއް ނޫން،" ކަމަށާއި ސިލްސިލާކޮށް ވާހަކަތައް ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާނުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ، އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު، އޮނަރަބަލް ގާސިމް އިބްރާޙީމެވެ.
އެ ނިންމުމަށް ގިނަބަޔަކު މަރުހަބާ ކިޔާފައިވާއިރު، ޖޭޕީ އިސްވެއޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން އިންތިޚާބުގައި ވާދަކުރުމަށް އެކި ފަރާތްތަކުން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.