މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން ސައުދީ އަރަބިއްޔާއަށް ދާން ފަށައިފިއެވެ.
އެގޮތުން، އިއްޔެ ސައުދީ އަރަބިއްޔާއަށް ދާން ފަށާފައިވަނީ މެލޭޝިޔާ އަދި ބަނގްލަދޭޝްގެ ހައްޖުވެރިންނެވެ.
މަދީނާގެ ޕްރިންސް މުހަންމަދު ބިން އަބްދުލްއަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓަށް ފުރަތަމަ ޖެއްސީ، މެލޭޝިޔާގެ ހައްޖުވެރިން ގޮވައިގެންދިޔަ މަތިންދާ ބޯޓެވެ.
އެއަރޕޯޓުން ހައްޖުވެރިންނަށް މަރްހަބާ ވިދާޅުވީ، މަދީނާގެ އިސް އޮފިޝަލުންނާއި، ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ ވެރިންނެވެ.
ބަނގްލަދޭޝްގެ ހައްޖުވެރިން ގޮވައިގެން ދަތުރުކުރި މަތިންދާ ބޯޓު ޖައްސާފައިވަނީ ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ.
ބަނގްލަދޭޝްގެ ހައްޖުވެރިންނަށްވެސް އެއަރޕޯޓުން ފިނިފެންމަލުން ހޫނު މަރްހަބާއެއް ކިޔާފައި ވެއެވެ.
މެލޭޝިޔާއާއި ބަނގްލަދޭޝްގެ ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް މި ދަތުރުތައް ފެށީ، ސައުދީ ސަރުކާރުން ފަށާފައިވާ "މައްކާ ރޯޑް" އިނިޝިއޭޓިވްގެ ދަށުންނެވެ. މި ޕްރޮގްރާމްގެ ދަށުން ޙައްޖުވެރިންނަށް ޚިދުމަތް ދޭން ފަށަނީ ދަތުރު ފަށާ އެއަރޕޯޓާ ހިސާބުންނެވެ.
"މައްކާ ރޯޑް" އިނިޝިއޭޓިވްއަކީ ސައުދީ ސަރުކާރުން 2030 އަށް ހާސިލްކުރަން ކަނޑައަޅާފައިވާ ތަސައްވުރެކެވެ.
މި ޕްރޮގްރާމް 2019 ވަނަ އަހަރު ފަށާފައިވާއިރު، މިހާތަނަށް ޚިދުމަތް ފަށާފައިވަނީ ޕާކިސްތާން، މެލޭޝިޔާ، އިންޑޮނޭޝިޔާ، މޮރޮކޯ އަދި ބަނގްލަދޭޝްއަށެވެ.
މި ޕްރޮގްރާމަށް މިއަހަރު އިތުރުކޮށްފައިވަނީ ތުރުކީ އަދި އައިވަރީ ކޯސްޓެވެ.
މި ޕްރޮގްރާމްގެ ދަށުން، ހައްޖުވެރިންގެ އިލެކްޓްރޯނިކް ވިސާގެ ކަންތަކާއި، ސިއްހީ ޗެކްއަޕް އަދި ޕާސްޕޯޓުގެ ހުރިހާކަމެއްވެސް ކުރެވިގެންދާނީ ހައްޖުވެރިން ނިސްބަތްވާ ގައުމަކުން އެމީހުން ސައުދީއަށް ފުރާ އެއަރޕޯޓަކުންނެވެ.
ހައްޖުވެރިންގެ ލަގެޖްގެ ކަންތަކާއި، ސައުދީގައި ތިބުމުގެ ކަންކަންވެސް އެއަރޕޯޓުން ބަލައި ވަޒަންކުރާނެއެވެ.
މި އިނިޝިއޭޓިވްގެ ދަށުން ސައުދީއަށް ދަތުރުކުރާ ހައްޖުވެރިން ސައުދީއަށް ދިއުމާއެކު، މައްކާއާއި މަދީނާގައި އެމީހުން ތިބޭ ހޮޓާތަކަށް ބަސްތަކުގައި ގެންދިއުމުގެ އިންތިޒާމުތައްވެސް ހަޖައްސާފައި ހުންނާނެއެވެ. އަދި ބަސްތައް ދަތުރުކުރުމަށް ޚާއްސަ މަގުތަކެއްވެސް ކަނޑައަޅާފައި ވެއެވެ.
ހައްޖުވެރިންނަށް މަރްހަބާ ކިއުމާއި، ޚިދުމަތް ދިނުމަށް ފުރުސަތު ދިނުމުގެގޮތުން މި ފެށޭ ޖޫންމަހުގެ 4 ވަނަ ދުވަހުން ފެށިގެން އުމްރާގެ އަޅުކަމަށް ދިއުމުގެ ފުރުސަތު ބަންދުކުރުމަށް ސައުދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީންވަނީ ނިންމާފައެވެ.
ކޮވިޑްގެ ބަލިމަޑު ހާލަތަށްފަހު އާންމުކޮށް ހުޅުވާލައިގެން ހައްޖުގެ އަޅުކަން ބައްވާފައިވަނީ މިދިޔަ އަހަރުއެވެ.
މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގައި އެއްމިލިއަން މީހުން ބައިވެރި ކުރިއިރު، އޭގެތެރެއިން 850،000 މީހުންނަކީ ސައުދީ އަރަބިއްޔާއިން ބޭރު ގައުމުތަކުގެ މުސްލިމުންނެވެ.