ކޮވިޑް-19 ބަލީގައި ރާއްޖޭން މީހަކު މަރުވެއްޖެއެވެ.

މިއާއެކު ރާއްޖޭން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 315 އަށް އަރާފައެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި 36 މީހަކަށް ކޮވިޑް ޖެހުނުކަން ރެކޯޑުކޮށްފައި ވެއެވެ. އެއީ މާލޭ ސަރަހައްދުން 18 މީހަކާއި އަތޮޅުތެރެއިން 11 މީހަކާއި ސިނާއީ ރަށްރަށުން 7 މީހެކެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 8 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ރާއްޖޭން ކޮވިޑް ޖެހުން މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 186،625 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އަންނަނީ ދަށްވަމުންނެވެ. ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މުޅި ދުނިޔޭގައި އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ އުވާލައިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ ކޮވިޑް-19 ފެތުރުމަކީ މިހާރު މުޅި ދުނިޔޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ކަމަށެވެ. ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އިމަރޖެންސީ ކޮމެޓީގެ 15 ވަނަ ބައްދަލުވުމަށްފަހު ބައިނަލްއަޤްވާމީ ގޮތުން ކަންބޮޑުވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައުމަށް ލަފާއަރުވާފައިވާ ކަމަށެވެ.

ޑރ. ޓެޑްރޯސް ވިދާޅުވީ ކޮވިޑް-19 ޖެހިގެން މަދުވެގެން 20 މިލިއަން މީހުން މަރުވެފައިވާ ކަމަށާއި އެއީ ރަސްމީކޮށް ރިޕޯޓްކުރި ހަތް މިލިއަނަށްވުރެ މާ ގިނަ އަދަދެއް ކަމަށެވެ.