ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ. އަތޮޅުގެ ދެ ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.
މާފަރު އަދި މިލަދޫގައި ގާއިމްކުރި މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބޭނެއެވެ.
މި ދެ ރަށުގެ އިތުރުން މިވަގުތު ނ. އަތޮޅު ކެނދިކުޅުދޫގައި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ދެމުންދާއިރު މަނަދޫ، ވެލިދޫ އަދި ހޮޅުދޫގައި ދަނީ ބްރާންޗް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުންނެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް މިހާރުވެސް ކުރަމުންދާ އިންވެސްޓަމަންޓް މެދުކެނޑުމެއްނެތި ކުރިޔަށްގެންދިޔުން ކަމަށެވެ. އަދި ބޭންކުގެ ވިއުގަ ފުޅާކުރުމަށް ކުރާ މަސައްކަތާއެކު މި ރަށްތަކުގެ ރައްޔިތުންނާއި، ވިޔަފާރިތަކާއި، އިގްތިޞާދަށް އެހީތެރިވެވޭ ކަމީ ލިބޭ އުފަލެއް ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.