މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބަށް، ޖުމްހޫރީ ޕާޓީން ނެރޭ ކެންޑިޑޭޓު، އެ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާޙީމުގެ ކެމްޕެއިނަށް ޕާޓީގެ މެމްބަރުން ތައްޔާރުކުރުމުގެ ގޮތުން، ހާއްސަ ތަމްރީން ސެޝަންތަކެއް ފަށައިފިއެވެ.

މި ތަމްރީން ސެޝަންތަކުގައި މާލޭގެ އިތުރުން، އަތޮޅުތެރޭގެ ރަށްތަކުގައި ތިބި މި މަސައްކަތުުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބައިވެރިވެނޭ އިންތިޒާމުވެސް ހަމަޖެހިފައިވާކަން އެ ޕާޓީން ހާމަކޮށްފައިވެއެވެ.

ތަމްރީން ސެޝަންތައް އިފްތިތާހުކޮށް، ފުރަތަމަ ސެޝަން މިރޭ ބާއްވާފައިވާއިރު، އެކި އުމުރުފުރައިގެ ދެ ޖިންސުގެ މެމްބަރުން ބައިވެރިވެފައިވެއެވެ. މި ސެޝަންތަކުގެ ބައިވެރިންނަށް ސެޝަން ކުރިއަށް ގެންދިއުމަށް، ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވާނެކަން ޖުމްހޫރީ ޕާޓީން ހާމަކޮށްފައިވެއެވެ.

ފުރަތަމަ ސެޝަން މިރޭ ކުރިއަށް ގެންދިޔައިރު، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ އުތުރުގެ ކެމްޕެއިން މެނޭޖަރު އަމީން އިބްރާޙީމާއި، ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހްމަދު ސައުދުގެ އިތުރުން، ޖޭޕީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ އަދި ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަޙުމަދު އާއި ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ނަވާޒް ބައިވެރިވެވަޑައިގެންނެވިއެވެ.

ޖޭޕީން ބޭއްވި ކެމްޕެއިނަށް ތައްޔާރުވުމުގެ ސެޝަންގެ ތެރެއިން ---

ކޮންމެ މަސައްކަތެއްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބީގެ މަންޒިލާ ހަމައަށް ވާސިލްވެވޭނީ، އެކަމަށް ވާންޖެހޭ ތައްޔާރީތައް ފުރިހަމައަށް ވެގެންކަން ފާހަގަކުރައްވައި، މި ސެޝަންގައި ވާހަކަފުޅުދައްކަވަމުން އަމީން ވިދާޅުވީ، މިއީ ރިޔާސީ އިންތިޚާބުގެ ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް އެޅޭ އެންމެ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

ސެޝަންގެ ބައިވެރިންނާއި މުހާތަބުކުރައްވާ އަމީން ވިދާޅުވީ، ޖޭޕީއާއެކު ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާ ބައިވެރިވާ ފަރާތްތަކަކީ "ކާމިޔާބު ޓީމު"ގެ ތެރޭގައި ހިމެނޭ ފަރާތްތަކެއްކަން ޔަގީން ކަމަށެވެ. އަދި މި މަސައްކަތަށް ނުކުންނައިރު، ކާމިޔާބު ހޯދޭނެކަމުގެ ޔަގީންކަން، އެ އަގީދާ ހިތުގައި އޮންނާން ވާނެކަމަށް އަމީން ވިދާޅުވިއެވެ. އަދި ހުރިހާ އަމަލެއް ބިނާވެގެންވަނީ އެމީހެއްގެ ނިޔަތުގެ މައްޗަށްކަން ރަސޫލާގެ ހަދީސްތަކުން އެނގެން އޮންނަކަން އަމީން ފާހަގަކުރެއްވިއެވެ.

ޖޭޕީން ބޭއްވި ކެމްޕެއިނަށް ތައްޔާރުވުމުގެ ސެޝަންގެ ތެރެއިން ---
"ޔަގީންކުރައްވާ، ތި ތިއްބެވީ ކާމިޔާބު ޓީމުގެ ތެރޭގައި. މިއީ ކާމިޔާބު ޓީމު އިރާދަކުރެއްވިއްޔާ. މިއީ އިރާދަކުރެއްވިއްޔާ ނަތީޖާ ހޯދާނެ ޓީމު. މިއީ 2023 ގައި އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ވެރިކަން ހޯދާނެ ޓީމު. އެހެންވީމާ އެ އީމާން، އެ އަގީދާ ތިމާގެ ހިތުގައި އޮންނަންޖެހޭ. އެކަން ސިކުނޑީގައި ހަރުލާފައި އެބަ ހުންނަންޖެހޭ".
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާޙީމް

އަމީންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަމަށް ބެލެވޭ ކެންޑިޑޭޓުންގެ ތެރެއިން، މިކަން ކާމިޔާބު ކުރެވޭނެ ކެންޑިޑޭޓެއްގެ ގޮތުގައި ފެނިވަޑައިގަންނަވަނީ ޤާސިމް އިބްރާޙީމް ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ތެރޭގައި، ޤާސިމް އިބްރާޙީމާ އެއްފަދަ ތަޖުރިބާއެއް ލިބިވަޑައިގެންނެވި ބޭފުޅެއް ނެތްކަމަށް އަމީން ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް، ޖޭޕީން ނެރޭ ކެންޑިޑޭޓެއްގެ ގޮތުގައި ޤާސިމް އިބްރާޙީމް ހަމަޖައްސައި އެކަން އިއުލާނުކޮށްފައިވަނީ، ޕާޓީގެ ކައުންސިލުން، މިދިޔަ އޭޕްރިލް މަހުގެ ތިންވަނަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ. މި ނިންމުން ނިންމާފައިވަނީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި، ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޖޭޕީން ބޭއްވި ކެމްޕެއިނަށް ތައްޔާރުވުމުގެ ސެޝަންގެ ތެރެއިން ---

ޖޭޕީގެ ނިންމުމާއެކު ރާއްޖޭގެ ބޮޑެތި ސިޔާސީ ޝަހްސިއްޔަތުތަކުން ވަނީ އެކަމަށް މަރުޚަބާ ކިޔައި، މި މަސައްކަތުގައި ޤާސިމްއާ އެކުގައި މަސައްކަތްކުރުމަށް މަޝްވަރާވެސް ކޮށްފައެވެ.

ރާއްޖޭގައި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީގައި 23،000 އެއްހައި މެމްބަރުން ތިބޭކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، މިދިޔަ ދެ ތިން ހަފްތާގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ އައު މެމްބަރުންތަކެއް ޕާޓީއާ ގުޅިފައިވެއެވެ. އެ ޕާޓީގެ އަމާޒަކީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އަދަދު ބޮޑުތަނުން އިތުރުކުރުމެވެ. މި އަޒުމުގައި ޕާޓީން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވައި، ހިންގަމުންނެވެ.