ދިވެއްސެއްގެ ނަމުގައި ރެޖިސްޓްރީކޮށް، ބިދޭސީއަކަށް އޭގެ މަންފާ ލިބޭގޮތަން ހިންގާ ވިޔާފާރިތަކާމެދު ހަރުކަށި ފިޔަޅުތައް އެޅޭގޮތަށް ގަވައިދެއް އެކުލަވާލައި އެއަށް ޢަމަލުކުރަން ފަށައިފިއެވެ.

"އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤަވައިދު"ގެ ނަމުގައި އެކުލަވާލާ ޢަމަލުކުރަން ފެށި މިޤަވާއިދުގެ މަޤުސަދަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި، ހިންގުމާއި، ބާޠިލުކުރުމުގައި ޢަމަލުކުރާނެ ގޮތް ކަނޑައެޅުމެވެ. މި ޤަވާއިދުގައި އެންމެ މުހިންމު ޝަރުތެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އަމިއްލައަށް ހިންގާ ވިޔަފާރިތަކަކީ ދިވެހިންގެ ކޮންޓްރޯލްގައި ހިންގާ ވިޔަފާރިތަކެއްކަން ކަށަވަރުކުރުމެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެކުލަވާލި މި ގަވައިދުގައިވާގޮތުން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ މީހަކަށް މަންފާ ލިބޭގޮތަށް އެއްވެސް ފަރާތަކުން ވިޔަފާރިއެއް ހިންގުމަކީ މަނާކަމެކެވެ. އަދި އެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ދިވެހި މީހާއަށް ވެސް މި ޤަވާއިދު ބަޔާންކުރާގޮތުން ފިޔަވަޅު އެޅޭނެއެވެ.

މީގެއިތުރުން، އަމިއްލަ ވިޔަފާރީގެ މުޢާމަލާތަކާ ގުޅިގެން ބިދޭސީއެއްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާކަމުގެ ހެކި ހުރެއްޖެނަމަ، އެ ވިޔަފާރިއަކީ ސިދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީއަކަށް މަންފާ ލިބޭ ވިޔަފާރިއެއްކަމަށް ކަނޑައަޅައި، ފިޔަވަޅު އެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީއަށް މި ގަވައިދުގެ ދަށުން ލިބިގެންވެއެވެ.

މިފަދަ މައްސަލައެއް ހުށަހަޅާ ސާބިތުވެއްޖެނަމަ، ވިޔަފާރީގެ މަސްއޫލުވެރި ފަރާތް 100،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ބާތިލުކޮށް، 5 އަހަރުގެ މުއްދަތަށް، "އަމިއްލަ ފަރުދުންގެ ވިޔަފާރީ"ގެ ގޮތުން ވިޔަފާރިއެއް ރަޖިސްޓްރީ ނުކުރެވޭ މީހެއްގެ ގޮތުގައި އެމީހަކު ކަނޑައަޅާނެއެވެ.

މިފަދަ ކަމަކާ ގުޅިގެން އެއްވެސް ވިޔަފާރިއެއްގެ ރެޖިސްޓްރީ ބާތިލުކޮށްފިނަމަ، އޭގެ ސަބަބު އާންމުކޮށް އަންގާ އިޢުލާންކުރާނެކަމަށް ވެސް ޤަވާއިދުގައިވެއެވެ. އަދި ބިދޭސީއަކު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގައި ނުވަތަ، ގެންދިއުމުގައި މިފަދަ މައްސަލައަކަށް ޝައްކު އުފެދޭނަމަ، އެކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އެންގުމަކީ ބޭންކުތަކާއި، މިފަދަ ޚިދުމަތުގައި ޝާމިލުވާ ފަރާތްތަކުން ޒިންމާވާންޖެހޭ ކަމެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅާފައެވެ.

މި ގަވައިދުގެ ދަށުން ބަލާނެ އިތުރު ކަންކަމުގެ ތެރޭގައި، ވިޔަފާރިކުރާ ތަނުގެ ނަން ރަޖިސްޓްރީކޮށްފައިވޭތޯ ބެލުމާއި، އެހެން ޤާނޫނުތަކުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނަގާފައިވޭތޯ ބެލުން ހިމެނެއެވެ. އަދި ވިޔަފާރިކުރާ ތަނުގެ ބޭރުގައި މުދާ ބަހައްޓާނަމަވެސް މި ޤަވާއިދުގެދަށުން ފިޔަވަޅުއަޅާނެއެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، 1،000 ރުފިޔާއާއި 100،000 ރުފިޔާއާއި ދެމެދުގެ ޢަދަދުން ޖޫރިމަނާކުރާނެއެވެ.

މި ޤަވާއިދު ބުނާގޮތުން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ. މީގެއިތުރުން މި ޤަވާއިދުގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރި ހިންގާ ތަން ބަލައި ފާސްކުރުމަށް، އިންސްޕެކްޓް ކުރާނެއެވެ. އަދި ޤާނުނާއި ޤަވާއިދުތަކުގައި ބަޔާންކުރާ ކަންކަން ފުރިހަމަ ނުވާނަމަ އެތަނެއް 1،000 ރުފިޔާއާއި 100،000 އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް ރަޖިސްޓްރަރއަށް ލިބިގެންވެއެވެ.

ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓްރީކޮށްފައި ވީނަމަވެސް، ބިދޭސީން ވިޔަފާރިކޮށް އޭގެ މަންފާ ހޯދާކަމުގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެވެ. ފިހާރަތަކާއި މާރުކޭޓު ގޮޅި ހިންގުމާއި، މިނޫވެސް އެތަށް ވިޔަފާރިއެއް ބިދޭސީންގެ ކޮންޓްރޯލްގެ ދަށުން ހިންގަމުންދެއެވެ.