ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕްރައިވެސީ ޤާނޫންތަކާ ޚިލާފުވެގެން ފޭސްބުކް ހިންގާ މެޓާ ކުންފުނި ޖޫރިމަނާކޮށްފިއެވެ.

ދުނިޔޭގެ އެންމެ މަގުބޫލް ސޯޝަލްމީޑިއާ ޕްލެޓްފޯމް ފޭސްބުކްގެ ބެލެނިވެރިޔާ ޖޫރިމަނާކޮށްފައިވަނީ 1.2 ބިލިއަން ޔޫރޯ ނުވަތަ 1.3 ބިލިއަން އެމެރިކާ ޑޮލަރަށެވެ.

މިއީ ފަހުގެ ތާރީޚެއްގައި ޕްރައިވެސީ ޤާނޫންތަކާ ޚިލާފުވެގެން ސޯޝަލްމީޑިއާ ކުންފުންޏެއް މިވަރުގެ އަދަދަކުން ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.

ޔޫރަޕިއަން ޑޭޓާ ޕްރޮޓެކްޝަން ބޯޑުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މެޓާ ޖޫރިމަނާކުރީ، އީޔޫގެ ހާއްސަ ރެގިއުލޭޓަރު، އައިރިޝް ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަނުން ހެދި، ފޭސްބުކް (އެފްބީ)އާ ގުޅޭ އިންކުއަރީއަކަށް ފަހު ކަމަށެވެ.

ފޭސްބުކް ޖޫރިމަނާކުރީ އެމެރިކާގައި ފެސްބުކް ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ޤާނޫނުތަކާ ޚިލާފަށް އެހެން ގައުމުތަކުގައި ހުންނަ ފޭސްބުކްގެ ސާވާތަކަށް ޓްރާންސްފާކުރާތީ ކަމަށް ވެއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ފޭސްބުކް ބޭނުން ކުރަމުންދާ މީހުންގެ މައުލޫމާތު އެނަލިޓިކާ ކިޔާ ކުންފުންޏަކަށް ވިއްކި މައްސަލައެއްގައި ފޭސްބުކް ފަސް ބިލިއަން ޑޮލަރުން ޖޫރިމަނާ ކުރިއެވެ.

އެމެރިކާގެ ފެޑަރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އިން ބުނީ ފޭސްބުކް އިން 2018 ވަނަ އަހަރުގެ މާރިޗު މަހު 87 މިލިއަން ޔޫޒަރުންގެ ޒާތީ މައުލޫމާތު ވިއްކާފައި ކަމަށެވެ. އެފްޓީސީއިން ބުނީ ފޭސްބުކުގެ އެ އަމަލަކީ 2011 ވަނަ އަހަރު ހަދައިފައިވާ ޒާތީ މައުލޫމާތު ސިއްރު ކުރުމުގެ ޤާނޫނުތަކާއި ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ.

ފަހުގެ ޖޫރިމަނާގެ މައްސަލައިގައި ފޭސްބުކް އިން މިހާތަނަށް ރަސްމީ ސިފައެއްގައި އަދި އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.

ދުނިޔޭގައި ދެ ބިލިއަނަށްވުރެ ގިނަ މީހުން ފޭސްބުކް ބޭނުން ކުރެއެވެ.