އިނގިރޭސީ ވިލާތުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކާރޮން ރޮހްސްލާއާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ބައްދަލުކުރައްވައިފިއެވެ.
ޖޭޕީގެ އިސްތަރުޖަމާޖު އަލީ ސޯލިހް ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުން އޮތީ ހޯމަ ދުވަހު، ޖުމްހޫރީ ޕާޓީގެ ހެޑް ކުއާޓަރ މ. ކުނޫޒުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ޤާސިމް އިބްރާހީމްގެ އިތުރުން، ކުރީގެ ޔޫތު މިނިސްޓަރ އިރްތިޝާމް އާދަމްއާއި ޖޭޕީ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ އަދި ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަޙުމަދު އަދި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުންވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހާއި، ތިމާވެއްޓާއި އަންނަ ބަދަލުތަކާއި އެހެނިހެން ގުޅުންހުރި ދާއިރާތަކުން ޚިޔާލުބަދަލުކުރައްވައި، މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދެއްކެވިއެވެ.
ޤާސިމް އިބްރާހީމް ފާހަގަކުރެވެނީ ގައުމުތަކުގެ ސަފީރުންނާ ގާތްގުޅުމެއް ބާއްވަވާ ބޭފުޅެއްގެ ގޮތުގައެވެ.
މީގެކުރިން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޖޭމްސް ޑޯރިސްއާވެސް ޤާސިމް އިބްރާހީމް ބައްދަލުކުރެއްވިއެެވެ.